ޚަބަރުގައިވާ ވީޑިއޯއަށް ބައްލަވައިލައްވާށެވެ. ތުއްތު ކުއްޖަކު މުފްތީ މެންކާއި ސުވާލުކުރަން ބޭނުންވުމުން އެކަމުގައި އެކުއްޖާ އާއިއެކު މުޢާމަލާތު ކުރެއްވެވި ގޮތް ފެނިގެންދާނެއެވެ. އެކުއްޖާއަށް ދެއްވި ސަމާލުކަމާއި މުޢާމަލާތު ކުރެއްވުމުގައި އަމަލުކުރެއްވެވި އޯގާތެރި ގޮތް ފެނިގެންދާނެއެވެ.
ހަމައެއާއިއެކު އެ ކުއްޖާގެ ސުވާލުތަކަށް ޖަވާބު ދެއްވަން ބެހެއްޓެވި ޝައުޤުވެރިކަމާއި ކުއްޖާއަށް އޮޅުން ފިލުއްވައިދެއްވަން ބޭނުންފުޅު ކުރެއްވެވި ތިލަ ބަހުރުވަ އާއި ކަންކަން ބަޔާންކޮށް ދެއްވެވި ތަފްޞީލު ކަމުގެ މައްޗަށް ވެސް ވިސްނަވައިލައްވާށެވެ!
ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ތެރޭގައި ވެސް ހަމަ މިފަދަ އޯގާތެރި ޤާބިލް ޢިލްމުވެރިން އެބަތިއްބެވިއެވެ. ނަމޫނާ ފެންނަލެއް މަދީއެވެ. އެބޭފުޅުންގެ ބޭނުން ހިފަން ކުރެވޭ މަސައްކަތްތައްވެސް މާމަދީއެވެ. މިކަމުގައި މުޖުތަމައުގެ ޒިންމާ ވެސް ހަމަ އެހައިމެ ބޮޑެވެ.
ރާއްޖޭގައި މިހާރު 300 އަށްވުރެ ގިނަ ދީނީ ޢިލްމުވެރިން ތިއްބެވިއިރު އެބޭފުޅުންނާއި ޢާއިލީ ގުޅުން އޮތް އެތައް ޢާއިލާތައް އެބަތިއްބެވެ. ގާތް ރަޙްމަތްތެރިކަން ބާއްވާ އެތައް ހާސް ބައަކު އެބަތިއްބެވެ. ނަމަވެސް އެބޭފުޅުންގެ ބޭނުން ހިފަން މަސައްކަތް ކުރަނީ ކިތައް ޢާއިލާއިން ކަމާއިމެދު ސުވާލު އުފެދެއެވެ.
ނިމިގެންދިއަ ރަމަޟާން މަހުގެ އިޙްޔާ ޕްރޮގްރާމެއްގައި ވެސް ވަނީ ދީނީ ޢިލްމުވެރިންގެ ބޭނުން ހިފަން ޢާއިލާތަކަށް އިލްތިމާސްކޮށްފައެވެ. އެ ޢާއިލާއަކަށް ވާން އޮތް ވަރަކުން ދީނީ ޢިލްމުވެރިންނަށް ދައުވަތުދީގެން ގެން ގޮސް ދީނީ ގޮތުން ހުންނަ ސުވާލުތަކުގެ ޖަވާބު ހޯދުމަށާއި ދީނަށް "ފައްކާވާން" މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި ވީޑިއޯ: