ސުވާލަށް ޖަވާބު ނުދެވިއްޖެނަމަ ހަންމުށިން ޖެއްސެވުމުން 70 މީޓަރު އަޑިއަށް ގެނބިގެންދާނެ - ދެމިހުންނަން ޖެހޭނީ ގަދަފަދަ އަޒާބުގަ - ބިރުވެތިވާންވީ އެވަގުތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ސުވާލަށް ޖަވާބު ނުދެވިއްޖެނަމަ ހަންމުށިން ޖެއްސެވުމުން 70 މީޓަރު އަޑިއަށް ގެނބިގެންދާނެ - ދެމިހުންނަން ޖެހޭނީ ގަދަފަދަ އަޒާބުގަ - ބިރުވެތިވާންވީ އެވަގުތަށް!
"ބިރުވެތިވާންވީ ކައްވަޅުގައި ސުވާލުކުރެވޭނެ ވަގުތަށެވެ. ޖަވާބު ނުދެވިގެން މަލާއިކަތުން ހަންމުށިން ޖައްސަވަން ޖެހިވަޑައިގަންނަވާނެ ވަގުތަށެވެ. ބުނެވޭގޮތުން ހަންމުށިން ޖެއްސެވުމުން 70 މީޓަރުގެ އަޑިއަށް ހަށިގަނޑު ގެނބިގެންދާނެއެވެ. އަދި އެވަރަކުން ނިމުނީއެއް ނޫނެވެ.

ކައްވަޅުގައި އޮންނަން ޖެހޭނީ އިންތިހާއަށް ގަދަފަދަ އަޒާބުގައެވެ. އެއަށްފަހު ކުރިމަތިލާންޖެހޭނީ ނަރަކައިގެ ގަދަފަދަ އަޒާބާއިއެވެ."

ކޮންމެ މީހަކަށްވެސް މަރުގެ މަލާއިކަތާ ފެންނާނެއެވެ. މަރު ހިއްޕަވާނީ އެމީހަކަށް އެނގިގެންނެވެ. އެކްސިޑެންޓެއްވެ ހަށިގަނޑު ޗިސްވެގެންދިއަ ނަމަވެސް މަރުގެ މަލާއިކަތާ އާއި ބައްދަލުނުވެއެއް ނުދާނެއެވެ. ފުރާނަ ހިއްޕަވާނީ ހަމަ އެއްގޮތަކަށެވެ.

މަރުގެ މަލާއިކަތާ ފެނުމުން ތިބާ ދުނިޔޭގައި ޝައުޤުވެރިވެގެން އުޅުނު އަންހެނުންތަކާއި ފައިސާތަކާއި އަގުބޮޑު ދިރިއުޅުމާއި ދެންވެސް އެމީހަކު ދަހިވެތިވެގެން އުޅުނު ހުރިހާ ކަމެއް ހަނދާން ނެތޭނެއެވެ. ހަމައެކަނި ވިސްނުމަށް އަންނާނީ ދުނިޔޭގައި އުޅުމުގެ ވަގުތު ހަމަވީ ކަމާއި އަޖަލު ހަމަވެއްޖެ ކަމެވެ. ހަމައެކަނި ވިސްނައިލެވޭނީ މަރުވަނީ ކަމާއިމެދުގައެވެ.

ކައިރީގައި ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް އެކަންވެސް މުހިންމެއް ނުވާނެއެވެ. ނުވެސް ފެންނަ ފަދަވެގެންދާނެއެވެ. ފެންނާނީ ހަމައެކަނި މަރުގެ މަލާއިކަތާއެވެ. ވިސްނައިލެވޭނީ އޮށޯވެ އޮތް އަރާމު ތަންމައްޗާއިމެދުގައެއް ނޫނެވެ. މަރުވަނީ ކަމާއިމެދުގައެވެ. ދުނިޔެ ދޫކޮށް ކައްވަޅަށް ދާންޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމާއިމެދުގައެވެ.

މީސްތަކުންނޭވެ! ބިރުވެތިވާންވީ އެވަގުތަށެވެ. ބަލަންވީ ދުނިޔޭގައި އުޅޭއިރު ތީމާގެ ހިތް އެދޭހައި ކަމެއްކޮށް އުފަލާއި މަޖަލުގައި އުޅުމަކަށް ނޫނެވެ. އަވާމެންދުރެއްގެ ތެރޭގައި ހަޔާތް ހޭދަކޮށްލުމަކަށް ނޫނެވެ. މަސައްކަތް ކުރަންވީ މަރުގެ މަލާއިކަތާ ވަޑައިގަތުމުން މަރުހަބާ ކިޔުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ކަމުގައި ވުމަށެވެ. އެކަން ކުރެވޭނީ ހަޔާތުގެ ދުވަސްތައް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހޭދަކުރި މީހަކަށެވެ.

ދުނިޔޭގައި ދުވަސްތައް ހޭދަކުރާއިރު ބިޒީކަން ބޮޑުވެގެންގޮސް ބަންގީގެ އަޑު އިވުމުން ވެސް ނަމާދު ކޮށްލާނެ ވަގުތެއް ނުވެއެވެ. އަހަރަކު ދެ ތިން ފަހަރު އަރާމުކުރަން "ހޮލިޑޭއަށް" ދާއިރު ޙައްޖުވުމުގެ ޤާބިލުކަން ﷲ ތަޢާލާ ދެއްވެވުމުން ވެސް ހައްޖުވާނެ ވަގުތެއްވެސް ނުވެއެވެ.

ނައިޓް ކްލަބްތަކަށާއި ރެސްޓޯރަންޓްތަކަށް ދާނެ ވަގުތު ވެއެވެ. ބާތަކުގައި އިނދެ ﷲ ޙަރާމް ކުރެއްވެވި ތަކެތި ބޯނެ ވަގުތު ވެއެވެ. ޖުވާކުޅޭނެ ވަގުތުވެއެވެ. ތާސްކުޅޭނެ ވަގުތުވެއެވެ.

ބިޒްނަސް މީޓިންގތަކުގައި ކިތަންމެ ގިނަ އިރެއްވަންދެން އުޅެންޖެހުނު ނަމަވެސް އެކަންވެފައި އޮންނަނީ ކޮންމެހެން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކަށެވެ. ނަމާދުކުރުމާއި އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަކީ މަސްއޫލިއްޔަތަކަށް ނުވެއެވެ.

މަންމަ ނޫނީ ބައްޕަ ގޮވައިގެން އެހީތެރިއަކަށް ޙައްޖަށް ގޮސްލާނެ ވަގުތެއް ނުވެއެވެ. ނަމަވެސް ރީތި އަންހެން ކުއްޖަކު އިޝާރާތެއް ކޮށްލާއިރަށް ބޭނުންހައި ދުވަހަކަށް ހަވާއީއަށް ޗުއްޓީއަށް ދާނެ ވަގުތު އޮވެއެވެ.

ﷲ ތަޢާލާ ޙަރާމް ކުރެއްވެވި މިފަދަ ހުރިހާ ނުބައި ކަންކަން ކުރަން ވަގުތުވި ނަމަވެސް ކީރިތި ޤްރްއާނުން އަކުރެއް ކިޔައިލާނެ ވަގުތެއް ވެސް ނުވެއެވެ. ޛިކުރުކޮށްލާނެ ވަގުތެއް ނުވެއެވެ. އެންމެ ކުޑަމިނުން ﷲ ތަޢާލާގެ މަތިން ހަނދާންކޮށްލާނެ ވަގުތެއްވެސް ނުވެއެވެ.

މީސްތަކުންނޭވެ! މިބަޔާންކުރީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. ހަމަ މުސްލިމުންގެ ނަމުގައި ތިބި ބައަކު މިހާރުވެސް އުޅެމުން، އަމަލުކުރަމުން ގެންދާ ގޮތުގެ ވާހަކައެވެ. ނިކަން ބުނެބަލާށެވެ! އެފަދަ ގޮތްގޮތަށް ދުނިޔޭގައި ދުވަސްތައް ހޭދަކުރި މީހާއަށް، މަރުގެ މަލާއިކަތާ ފެނުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ހިތް ރުހުނު ނަމަވެސް އަދި ކިތަންމެ ވަރަކަށް ނުރުހުނު ނަމަވެސް މަލާއިތަކާ އެންމެ ސިކުންތަކަށްވެސް މަޑެއް ނުކުރައްވަވާނެއެވެ. މަރު ހިއްޕަވާނެއެވެ. ކައްވަޅުގެ ސުވާލުތައް ކުރިމަތިވާނެއެވެ. ޖަވާބު ނުދީއެއް ނުވާނެއެވެ. ޖެހޭނީ ޖަވާބުދޭށެވެ.

ބިރުވެތިވާންވީ އަނެއްކާވެސް މިވަގުތަށެވެ. ޖަވާބު ނުދެވިގެން މަލާއިކަތުން ހަންމުށިން ޖައްސަވަން ޖެހިވަޑައިގަންނަވާނެ ވަގުތަށެވެ. ބުނެވޭގޮތުން ހަންމުށިން ޖެއްސެވުމުން 70 މީޓަރުގެ އަޑިއަށް ހަށިގަނޑު ގެނބިގެންދާނެއެވެ. އަދި އެވަރަކުން ނިމުނީއެއް ނޫނެވެ. ކައްވަޅުގައި އޮންނަން ޖެހޭނީ އިންތިހާއަށް ގަދަފަދަ އަޒާބުގައެވެ. އެއަށްފަހު ކުރިމަތިލާންޖެހޭނީ ނަރަކައިގެ ަގަދަފަދަ އަޒާބާއިއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން