ޢީދު ދުވަހާއި ޢީދު ދުވަހާއި ޖެހިގެން އަންނަ 3 ދުވަހު މަސް ބާނަން ދިއުމަކީ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ޢީދު ނަމާދު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޢީދު ނަމާދު ނުކޮށް މަސްބާނަން ނުވަތަ މަހަށް ހިނގައްޖެނަމަ އެ ނަމާދެއް ނުކުރެވޭނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޢީދު ސަލާމް ކުރުމަކީ ވެސް ޢީދާއި ގުޅިފައިވާ ވަރަށް މަތިވެރި ސުންނަތެކެވެ. ޢާންމު އުޞޫލުން ޢީދު ސަލާމް ކުރުން ފެށިގެން މިއަންނަނީ ޢީދު ނަމާދަށްފަހު ނުވަތަ ޢީދު ނަމާދުންނެވެ.
ޑރ. އިޔާޟްގެ ބަސްފުޅުން ވެސް އެނގޭ ގޮތުގައި ޢީދު ދުވަހު ވެސް މަހަށް ދެވިދާނެއެވެ. މަސް ބާނަން ވެސް ދެވިދާނެއެވެ. އެއީ މަނާ ކަމެއް ނޫނެވެ. ނަމަވެސް ޢީދު ދުވަހު ކޮންމެ މީހަކުވެސް ކުރުން މުހިންމު ކަންތައްތަކެއް ހުރެއެވެ. އާއިލާގެ މީހުންނަށް ޒިޔާރަތް ކުރުމާއި ޢާއިލާގެ މީހުންނާއިއެކު ޢީދު އުފަލުގައި ބައިވެރިވުމެވެ.
ޢީދު ދުވަހާއި އަދި ވިދިގެން އަންނަ 3 ދުވަހު މަސް ބާނަން ދިއުމާއިމެދު ސުވާލުކޮށްފައި އޮތުމުން ބޮޑަށް ލަފާ ކުރެވެނީ އެއީ ކެޔޮޅުކަމު ގޮސްލުން ފަދަ ކަމެއް ކަމަށެވެ. ޢާންމު ގޮތެއްގައި ކެޔޮޅުކަމު ގޮސްލުމާއި ނުވަތަ މަސް ބާނަން ގޮސްލުމާއި މަހައް ދިއުމަކީ ވަރަށް ތަފާތު ކަންކަމެވެ.
ރަށުގެ ގޮނޑުދޮށުން ކަޅޯއް ބާނަން ދިއުމަކީވެސް މަސްބާނަން ދިއުމެވެ. ހަވީރު ނުވަތަ ރޭގަނޑު ފަރުމަސް ބާނަން ދިއުމަށް ޢާންމުކޮށް ކިޔައި އުޅެނީ ކެޔޮޅުކަމު ދިއުމެވެ. ފަތިހު ނުވަތަ ހެނދުނު ކަނޑަށް ނުކުމެ ނަނު ދޫކޮށް މަސް ބޭނުމަށް ކިޔަނީ ވަދުދެމުމެވެ.
ކޮންމެ އަކަސް މިއިން ކޮންމެ މަސްވެރިކަމަކީވެސް ޢާންމުކޮށް މިކިޔާ މަހަށް ދިއުމާއި އަޅައިބަލާއިރު ކުޑަ ވަގުތު ކޮޅަކަށް ކުރެވޭ ކަންކަމެވެ. ރާއްޖޭގެމަސްދޯނި ފަހަރު ބޮޑެތިވެ މަސްވެރިކަން ކުރުން މިހާރު ވަނީ ހަފްތާއަކުން ކުރާ ކަމަކަށް ބަދަލުވެފައެވެ.
އެހެންކަމުން ޢީދު ދުވަހު މަހަށް ދިއުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ބައަކީ ދުވަހަށް އެކުގައި ނުވަތަ ހަފްތާއަށް އެކުގައި މަސްވެރިކަމު ފުރާ މަސްވެރިންނެވެ. އެފަދަ މަސްވެރިން ރަށުން ފުރަންވާނީ ޢީދު ނަމާދުކޮށްގެންނެވެ. ރަށުގައި ކުރާ ޢީދު ނަމާދުގައި ބައިވެރިވުމަށްފަހުއެވެ.
ރާއްޖޭގެ ޢާންމު ޘަޤާފަތަކީ ޢީދު ދުވަހާއި ޖެހިގެން އަންނަ 3 ދުވަހު ޢާންމުކޮށް މިކިޔާ މަހަށް ނުދިއުމެވެ. ނަމަވެސް އަބަދުވެސް މަސްބާނަން ދިއުން (ކެޔޮޅުކަމުދިއުން) ފަދަ މަސްވެރިކަމު ގޮސްއުޅެއެވެ.