ޢަރަފާތު ދުވަހަށް އަރަފާތު ބިން ވެސް ޝައިޠާނާގެ ކިބައިން ސަލާމަތެއް ނުވޭ! ‍- އޮތީ ސަމާލުވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޢަރަފާތު ދުވަހަށް އަރަފާތު ބިން ވެސް ޝައިޠާނާގެ ކިބައިން ސަލާމަތެއް ނުވޭ! ‍- އޮތީ ސަމާލުވުން
ޢަރަފާތު ބިމަކީ އަރަފާތް ދުވަހު އެތައް މިލިއަން މުސްލިމުން ޖަމާވާ ބިމެވެ. އެބިމުގައި ކުރެވޭނެ ހަމައެކަނި ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. އަޅުކަން ކުރުމާއި ދުޢާ ކުރުމެވެ. ޛިކުރުކުރުމެވެ.

ޢަރަފާތުގެ އެ ކުޑަކުޑަބިންކޮޅުގައި ތޮއްޖެހިގެން ތިބެ އެތައް މިލިއަން މީހުން ދުޢާކުރަނީ އެމީހުންގެ ފާފަތައް ފުއްސަވައިދެއްވުން އެދިއެވެ. އަފޫކޮށްދެއްވެވުން އެދިއެވެ. ޙަޔާތް ބާއްޖެވެރިކޮށްދެއްވެވުން އެދިއެވެ. ކައްވަޅުގެ އަޒާބާއި ނަރަކައިގެ އަޒާބުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. ސުވަރުގޭގެ މަތިވެރި ނިއުމަތްތައް ދެއްވެވުން އެދިއެވެ. ޖަންނަތުލްފިރްދައުސް ދެއްވެވުން އެދިއެވެ.

މާދަމާއަކީ މިއަހަރުގެ ހައްޖު ދުވަހެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްތިބި އެންމެން މިއަދު މިނާއަށް ޖަމާވުމަށްފަހު މިރޭ ފަތިހުން ފެށިގެންދާނީ ޢަރަފާތު ބިމަށް ޙާޟިރުވަމުންނެވެ. ސަރަހައްދަށް ފަރިތަ ބައެއް މީހުން ގްރޫޕުތަކުގެ ކުރިއަށް އަރަފާތު ފަރުބަދައަށް ގޮސް ޖާގަ ހޯދައި ބަނޑަހަޖަހާނެއެވެ.

ހުރިހާ ހައްޖުވެރިންވެސް އިންތިޒާރުކުރަމުން ދާނީ ހައްޖު ދުވަހުގެ ޚުޠުބާއަށެވެ. މުސްލިމް އުންމަތަށް އެއިރަކު ކުރިމަތިވެފައިވާ ކަންކަމުގެ މައްޗަށް ޢާންމު ގޮތެއްގައި އެ ޚުޠުބާގައި އަލިއަޅުވާލައެވެ.

ﷲ ތަޢާލާ މުޅި އަހަރުގައި ބިމާއި އެންމެ ބޮޑަށް ކުއްތަންވެވަޑައިގަންނަވާނެ މިންވަރަށް މާދަމާ، އަރަފާތު ދުވަހު ކުއްތަންވވޮޑިގަންނަވާނެއެވެ. 3 ވަނަ އުޑަށް ތަޖައްލީވެވޮޑިގަންނަވާނެއެވެ! އަރަފާތު ބިމަށް އެއްވެފައިވާ މީސްތަކުންނަށް ބައްލަވައި ފަޚުރުވެރިވެވޮޑިގަންނަވާނެތެވެ. މީސްތަކުންނަށް ރަޙްމް ކުރައްވަވައި ފާފަ ފުއްސަވާނެތެވެ.

މިހުރިހާ ކަންކަން ހިނގަމުންދާއިރުވެސް އިބިލީހުގެ ކިބައިން ސަލާމަތެއް ނުވެވެއެވެ. ޝައިޠާނުން ހަމަ އުޅެއެވެ. މީސްތަކުންގެ ހިތަށް ކޮންމެވެސް ބާވަތެއްގެ ވަސްވާހެއް ވައްދަލައިލެވޭތޯއެވެ. ކޮންމެވެސް ގޮތަކުން މަގުފުރެއްދޭތޯއެވެ. ދުޢާ ކުރަމުން ގެންދާއިރު އެދެމެދަށްވެސް ވަދެ ހިތުގެ މިސްރާބު ބަދަލުކޮށްލުވޭތޯއެވެ! އެންމެ މުހިންމުވާވަގުތު ދުނިޔަވީ ކޮންމެވެސް ކަންތައްތަކެއް ހިތަށް ވައްދުވައި ﷲ ތަޢާލާ އާއި އޮންނަ ގުޅުމުގެ ދެމެދަށް ވަދެގަންނަން މަސައްކަތްކުރާނެއެވެ.

މިއީ އަރަފާތު ބިމުގައި ތިބޭ މީހުންވެސް އަދި ކޮންމެ ޤައުމެއްގައި ހުރި މީހަކު ނަމަވެސް ވިސްނައިލުން ރަނގަޅު ކަންކަމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އަރަފާތު ދުވަސްވީމާ، އަރަފާތު ބިން ވީމާ ޝައިޠާނާގެ ކިބައިން ސަލާމަތް ވެވޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުއްހީއެކެވެ. ޝައިޠާނާ ހަމަ އެދުވަހުވެސް ގެންދާނީ އެއެތީގެ މަސްއޫލިއްޔަތު އަދާކުރަމުންނެވެ. މީސްތަކުން މަގު ފުރައްދަން މަސައްކަތްކުރަމުންނެވެ. ސަލާމަތްވާން ޖެހޭނީ ހަމަ ގަދައަޅައި މަސައްކަތްކުރާށެވެ.
މިއަދު އޮންލައިން