އަހަރެމެންނަށް ހީވެފައި އޮންނަނީ ޝަހާދަތް ކިޔުމަކީ ހަމަ ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަން ނުކުރެވޭނެ ވަގުތެއް ނުއަންނާނެކަމަށެވެ. އިސްލާމް ދީނުގެ ކަންކަމަށް ފަރުވާ ކުޑަކުރެވެނީވެސް މިފަދަ ރަނގަޅު ނޫން ޤަބޫލުކުރެވުންތަކުގެ ސަބަބުންނެވެ.
ތިމާ ސަލާމަތުން ހުންނައިރު ޝަހާދަތުގެ ދެ ކަލިމަ ކިޔައިލުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އެއިގެ މާނައަކީ އެކަލިމައިގައި ބުރަދަނެއް ނެތުމެއް ނޫނެވެ. އެއީ އެންމެ ބުރަ ކަލިމައެވެ. "ލާއިލާހަ އިއްލަﷲ" އަށް ބަލައިފިނަމަ އެއީ ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި ހުރިހައި ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުންވެސް މަތިވެރި ކުރައްވަވަން މަސައްކަތްޕުޅު ކުރެއްވި ކަލިމަފުޅެވެ. ވީމާ އެ ކަލިމަފުޅުގައި ހުންނާނެ ބުރަދަނާއިމެދު ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާށެވެ.
ހަމައެކަނި މިހާދިސާއަށް ވިސްނާށެވެ!
މިއީ މީގެ 7 އަހަރު ކުރީގެ ހާދިސާއެކެވެ. އަޔަލެންޑުގެ ޔުނިވަރސިޓީއަކަށް ނިޞްބަތްވާ މުސްލިމް 20 ވަރަކަށް ޒުވާނުން މަސައްކަތްކުރީ ފަރުބަދައަކަށް އަރައި އެކަނި ތިބެ ﷲ ތަޢާލާގެ ޤްދްރަތްތެރިވަންތަކަމަށް ވިސްނަން ،2 3 ދުވަހު މަޑުކޮށްލާށެވެ. ކޭމްޕްޖަހައި އެކަހެރިކޮށް މަޑުކޮށްލާށެވެ.
ފަރުބަދަ މައްޗަށް އަރަމުންދަނިކޮށް ކުއްލިއަކަށް އެއްކުއްޖެއްގެ ފައި ކައްސާލައިގެން ވެއްޓި ލޭފައިބައިން ފެށީއެވެ. އެކަން ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކުދިންގެ ތެރޭގައި ޑޮކްޓަރަކު ނެތެވެ. ބޭސްފަރުވާއެއް ނެތެވެ.
އެހާލުގައި ހަށިގަނޑުން ލޭފައިބަމުން ގޮސް މަރުވެދާނެކަމުގެ ބިރު އުފެދުމުން ތަކުރާރުކޮށް އެތައް ފަހަރަކު ޝަހާދަތް ކިޔުމަށް އޭނާ ގާތު ބުނެވުނެވެ. ނަމަވެސް އޭނާ އެކަމެއް ނުކުރިއެވެ. ހަމަ މަޑުމަޑުން އޮތީއެވެ. އެންމެފަހުން ޝަހާދަތް ނުކިޔަން އޮންނަ ސަބަބާއިމެދު ސުވާލުކުރުމުން ޖަވާބުގައި ބުނެވުނީ ފާއިތުވި 6 މަސް ދުވަހު އެއްވެސް އަޅުކަމެއް ނުކުރާކަމަށެވެ. ޝަހާތްވެސް ނުކިޔާ ކަމަށެވެ. އެބަސް ބުނުމާއިއެކު ލީ އެންމެފަހު ނޭވާއެވެ.
މީސްތަކުންނޭވެ! މަރުމަތީގައި ޝަހާދަތް ލައި ދިނުމުންވެސް ނުކިޔޭ މީހުން ތިބޭ ކަމުގެ ވާހަކަތައް އެއީ ވަރަށް ޢާންމު ވާހަކައެކެވެ. މިވެނި މީހަކަށް ޝަހާދަތް ލައި ދިނުމުންވެސް ނުކިޔުނު ސަބަބު ބުނާކަށް ނުއެނގޭނެއެވެ. ﷲ ތަޢާލާ އެކަން އަންގަވައިދެއްވުމުން މެނުވީއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ކަމަކީ "ލާއިލާހައިއްލަﷲ" އާއި ތިބާ ދުރުވާނަމަ ތިބާ ހަމަ ކައިރިވާން އުޅޭ ކޮންމެ ވަގުތަކު ކައިރި ނުވެވޭނެ ކަމެވެ. މަރުގެ ވަގުތު ފަދަ ތިމާއަށް އެންމެ މުހިންމުވާ ވަގުތުތަކުގައި ޝަހާދަތް ނުކީދާނެ ކަމެވެ. ތިބާ ކިޔަން ބޭނުންވި ނަމަވެސް މަސައްކަތްކުރި ނަމަވެސް ދޫ ހަރަކާތް ނުކޮށްފާނެއެވެ.
އަހަރެމެންގެ ގައިގައި ބާރު ހުންނައިރު މާ ގަދަފަދަ ބައަކަށް ހެދިގެން އުޅުނު ނަމަވެސް ހަޤީޤަތަކީ އަހަރެމެންގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ މައްޗަށް ބާރު ހިންގުމުގެ އެއްވެސް އިޚްތިޔާރެއްވެސް އަހަރެމެންނަށް ނެތް ކަމެވެ. ވީމާ ﷲ ތަޢާލާ އަހަރެމެން ދޫ ތަޅުލެއްވެވުމުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހަމަ އެންމެ ބަހެއްވެސް ނުބުނެވެނީއެވެ.
ދުލުގައި ވާގިހުއްޓާ ޝަހާދަތް ކިޔައި ތައުބާވާށެވެ! ﷲ ތަޢާލާގެ މަގަށް އިޚްލާޞްތެރިކަމާއިއެކު އަމަލުކުރަންފަށާށެވެ. މަރުމަތި ސަލާމަތްވާނީވެސް މަރުވުމަށްފަހު ސަލާމަތް ވެވޭނީވެސް ތައުބާވި މީހަކަށް އެކަންޏެވެ.
މީސްތަކުންނޭވެ! ހަމަ ކުރީގެ ދަރުސްތަކުގައި ވެސް ބުނަމުން އަންނަ ވާހަކައެކެވެ. ހަމައެކަނި ޝަހާދަތް ދުލުން ކިޔުމަކީ އެއްވެސް ހައްލެއް ނޫނެވެ. އެއަށް އަމަލުކުރަންވެސް ޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔުމާއިއެކު އަމަލުކޮށްގެންނެވެ. ވީމާ އެކަން އެންމެ ހިނދު ކޮޅަކަށްވެސް ހިތުން ނެތިގެން ދިއަ ނުދޭށެވެ!
- ލަވް އިސްލާމްގެ ދަރުސަކުން -