ޢަރަފާތް ދުވަހަކީ ހަމައެކަނި ޢަރަފާތު ބިމުގައި ތިބި މީހުންނަށް ޚާއްޞަ ދުވަހެއް ނޫން - ޙައްޖަށް ނުދެވި ތިބި މީހުންގެ ހިއްޞާވެސް އޮތް ދުވަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޢަރަފާތް ދުވަހަކީ ހަމައެކަނި ޢަރަފާތު ބިމުގައި ތިބި މީހުންނަށް ޚާއްޞަ ދުވަހެއް ނޫން - ޙައްޖަށް ނުދެވި ތިބި މީހުންގެ ހިއްޞާވެސް އޮތް ދުވަހެއް!
ޢަރަފާތް ދުވަހަކީ ހަމައެކަނި މާދަމާ ޢަރަފާތު ބިމުގައި ތިބޭ މީހުންނަށް ޚާއްޞަވެގެންވާ ދުވަހެއް ނޫނެވެ. އަހަރެމެން، ޙައްޖަށް މިއަހަރު ނުދެވި ތިބި މީހުންގެ ހިއްޞާވެސް އެބައޮތެވެ. މާދަމާ ރޯދަ ހިފުމުގެ މުހިންމުކަން އެހައި ބޮޑުވެގެންވަނީ އެހެންވެގެންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ ރޯދަ ނުހިފުނު މީހާ ވެސް މާޔޫސްވުމެއް ނެތެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ކޮށް ދުވަހުގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.

އަރަފާތް ދުވަހަކީ މީސްތަކުންނަށްޓަކައި ﷲ ތަޢާލާ އެންމެ ދީލަތިވެވޮޑިގަންނަވާ ދުވަހެވެ. މީސްތަކުން އެންމެ ގިނަ އަދަދަކަށް ނަރަކައިން ސަލާމަތް ކުރައްވަވާ ދުވަހެވެ. މި މޭރުމުން ބުނެވޭ ބަހުގެ މާނަ އަށް ވިސްނާށެވެ!

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މިބަހުގެ މާނައަކީ މިހާރު ނަރަކައިގައި ތިބި ބައަކު ނަރަކައިން ސަލާމަތް ކުރެއްވެވުން އެކަނި ކަމަށެވެ. އަހަރެންގެ ނަޒަރުގައި މިބަހުގެ މާނަ އެއަށްވުރެ މާ ބޮޑެވެ.

މިސާލަތަށް ތިބާއަށް މިހައި ތަނަށް ކުރެވިފައިވާ އަމަލުތަކުގެ ސަބަބުން މީޒާނުގައި ތިބާގެ އަމަލުތައް ބުރައީ ނުބައި އަލުތަކުގެ ކޮޅަށް ކަމަށްވެ ތިބާއަކީ މާދަމާ އާއި ހަމައަށްވެސް ނަރަކައަށް ވަންނަން ޖެހޭ މީހަކަށް ވެދާނެއެވެ! ތިބާ މާދަމާ ކުރާ ހެޔޮ އަމަލުތަކަށް ﷲ ތަޢާލާ ދެއްވަވާ ގިނަ ގުނަ ސަވާބުންނާއި ﷲ ތަޢާލާ، މާދަމާ، ޢަރަފާތް ދުވަހު ފާފަ ފުއްސަވައި ދެއްވަވާ އަޅުންގެ ތެރޭގައި ތިބާ ހިމެނިއްޖެ ނަމަ އެކަމުގެ ސަބަބުން މީޒާނުގައި ތިބާގެ އަމަލުތަކުގެ ބުރަދަން ތަފާތުވެގެން ހިނގައިދާނެއެވެ. މާނައަކީ މީޒާނުގައި ތިބާގެ ހެޔޮ އަމަލުތައް ގިނަވެގެން ހިނގައިދާނެއެވެ. ހެޔޮ އަމަލުތަކުގެ ކޮޅަށް ތިލަފަތް ބުރަވެގެން ހިނގައިދާނެއެވެ. އެނަޞީބު ލިބިއްޖެނަމަ ތިބާ ހިމެނިގެންދާނީ މާދަމާ ނަރަކައިން ސަލާމަތް ކުރެއްވެވި އަޅުންގެ ތެރޭގައެވެ.

ކަންއޮތީ މިހެންކަމަށްވުމުން އެމީހަކަށް ވާން އޮތް ވަރަކުން ޢަރަފާތް ދުވަހަކީ އެހެން ދުވަސްތަކާއި ތަފާތު ދުވަހަކަށް ހަދާށެވެ. ކުރާ ހެޔޮ އަމަލުތައް ގިނަކުރާށެވެ. ޞަދަޤާތް ދިނުން އިތުކުރާށެވެ. އިޚްލާޞްތެރިކަން އިތުރުކުރާށެވެ. ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަވާށެވެ. ބަލައިގެންވެސް ކިޔަވާށެވެ! ހިތުން އެނގޭ ސޫރަތްތަކާއި އާޔަތްތައްވެސް ކިޔަވާށެވެ! ވީހައި ގިނަ ވަގުތު ހެޔޮ ކަމުގައި ހޭދަކުރާށެވެ. ޛިކުރުކުރުން ހުއްޓައި ނުލާށެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން ގިނަ ކުރާށެވެ!

ފިލްމް ބެލުމާއި ގޭމް ކުޅުމާއި ޗެޓް ކުރުން ފަދަ ކަންކަމުގައި ވަގުތުތައް އިސްރާފްކޮށް ނުލާށެވެ. ސަވާބެއް ލިބޭނެ ކަމެއް ކުރުމުގައި ނޫނީ އެންމެ ވަގުތުކޮޅެއްވެސް އިސްރާފް ނުކުރާށެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން