މާދަމާއަކީ ހަޤީޤީ ކާމިޔާބުލިބިގެންވާ ބައަކީ ކޮބައިކަން ﷲ ބަޔާން ކުރެއްވެވި އާޔަތަށް ވިސްނައި އަމަލުކުރަން ވަރަށް މުހިންމު ދުވަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މާދަމާއަކީ ހަޤީޤީ ކާމިޔާބުލިބިގެންވާ ބައަކީ ކޮބައިކަން ﷲ ބަޔާން ކުރެއްވެވި އާޔަތަށް ވިސްނައި އަމަލުކުރަން ވަރަށް މުހިންމު ދުވަހެއް!
"ކާމިޔާބު" މި ބަސް އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. އެހެނީ އެއްބައަކު އެންމެ ކާމިޔާބު މީހަކު ކަމުގައި ދެކެނީ އެންމެ މުއްސަނދި މީހާއެވެ. މިބުނީ މާލީ ތަނަވަސްކަމުގެ ގޮތުންނެވެ. އަނެއް ބައަކު ޤަބޫލުކުރަނީ އެންމެ ބާރާ ނުފޫޒު ގަދަ މީހާއެވެ. އަނެއްބައަކު މާނަކުރަނީ އެންމެ މަަތީ މަޤާމުގައި ހުންނަ މީހާއެވެ. މިހެންގޮސް ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވަރސް ތިބޭ މީހުންނަކީވެސް އެންމެ ކާމިޔާބު މީހުން ކަމަށް ދެކޭ ބައަކު އުޅެއެވެ.

ﷲ ތަޢާލާގެ އާޔަތް ނުވަތަ ބަސްފުޅު ވަރަށް ތަފާތެވެ. "ކާމިޔާބު ލިބުނު މީހަކީ އާޚިރަތް ދުވަހު ނަރަކަ ހުރަސްކޮށް ސުވަރުގެ ވަދެވުނު މީހާއެވެ." މާނައަކީ ޞިރާޠު މަގު ހުރަސްކޮށް ސުވަރުގެއާއި ހަމައަށް ދެވުނު މީހާއެވެ. ނަރަކައަށް ވެއްޓި ނުގަނެ ޞިރާޠުމަގު ހުރަސްކުރެވުނު މީހާއެވެ.

ކުރިން މިބުނެވުނު އެއްވެސް ކަމަކީ ޞިރާޠު މަގު ހުރަސް މަގުފަހިވާ ސަބަބެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި އަމަލުކުރުމުން މެނުވީއެވެ.

ﷲ ތަޢާލާ މާލީ ތަނަވަސްކަން ދެއްވަވައިފިނަމަ އެ ތަނަވަސްކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ. ޒަކާތްދޭންޖެހޭނެއެވެ. ފަޤީރުންނަށް ހޭދަކުރަންޖެހޭނެއެވެ. މީސްތަކުންގެ ބޭނުންތައް ފުއްދައިދޭންޖެހޭނެއެވެ.

ﷲ ތަޢާލާ ބާރާ ނުފޫޒު ދެއްވަވައިފިނަމަ އެ ނިއުމަތްތަކުގެ ބޭނުން ހިފަންޖެހޭނީ އަދުލުވެރިކަމާއިއެކުގައެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. ހެޔޮކަމަކަށް މެނުވީ އަމުރުކޮށްގެން ނުވާނެއެވެ. ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ހަމަ އެންމެ ކަމަކަށްވެސް އަރައިގަނެގެން ނުވާނެއެވެ. ހަމައެއާއިއެކު އަބަދުވެސް މަސައްކަތްކުރަންޖެހޭނީ އެހެން މީހުންގެ ރައްކައުތެރި ކަމަށެވެ. ހިމާޔަތުގައެވެ.

ﷲ ތަޢާލާ މަތީ މަޤާމެއް ދެއްވަވައިފިނަމަ އެ މަޤާމުގެ ބޭނުން ކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ ކުރިއަށް ނެރެންވާނީ ކީރިތި ޤްރްޢާނާއި ސުންނަތެވެ.

ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވަރސް ތިބިނަމަ މަސައްކަތް ކުރަންޖެހޭނީ އިސްލާމް ދީން މަތިވެރި ކުރުމަށެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަޔާންކުރުމަށެވެ. މީސްތަކުންނަށް އިސްލާމް ދީނަށް ދައުވަތު ދިނުމަށެވެ. މުންކަރާތްތައް އޮޅުންފިލުވައިދީ ހައްޤު މަގު ދައްކައި ދިނުމަށެވެ.

މިކަންކަން ނުކުރެވޭނަމަ އެއްވެސް ކާމިޔާބު ކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކު އެވަނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައެވެ. އެމީހާއަށް އެވަނީ އެއަނދިރިކަމުގެ ތެރެއިން ބޭރަށް ނުކުންނަން ގިނަ ގުނަ މަސައްކަތްތައް ކުރަންޖެހިފައެވެ.

މީސްތަކުންނޭވެ! ޢަރަފާތް ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ މުހިންމު ދުވަހެވެ. ގިނަގިނައިން ދުޢާ ކުރާށެވެ! ޞިރާޠުމަގު ހުރަސްކޮށް ސުވަރުގެއަށް ވާސިލުވެވޭބައަކު ކަމުގައި ލެއްވެވުން އެދިއެވެ. ހަޤީޤީ ކާމިޔާބަކީ އެއީއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން