ފެންނަގާނެ ވަޅަކަށް އެދި ރަސޫލާ (ޞޢވ) އަރިހަށް ވަޑައިގެންނެވި އަންޞާރުންނަށް ދެއްވެވީ "ބްލޭންކް ޗެކެއް"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ފެންނަގާނެ ވަޅަކަށް އެދި ރަސޫލާ (ޞޢވ) އަރިހަށް ވަޑައިގެންނެވި އަންޞާރުންނަށް ދެއްވެވީ "ބްލޭންކް ޗެކެއް"
އެޒަމާނުގައި މަދީނާގައިވެސް އެންމެ ބޮޑަށް ދަތިވެފައި އޮތް އެއް ކަމަކީ ފެން ލިބުމުގެ ދަތިކަމެވެ. ދަނޑުވެރިކަމަށާއި ބަކަރި ހުއިހެއްޕުން ފަދަ މަސައްކަތްތަކަށް އެންމެން ބޭނުންކުރަން ހުންނަނީ އެންމެ ފެންވަޅެކެވެ. ފެންނަގަން ޖެހެނީ އެހައި ފުނުންނެވެ.

މިކަންތައް ބޮޑުވެ ލުއި މަގެއް ހޯދަން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކުރެވުނު އެއް ޚިޔާލަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހަށް ގޮސް ރަށުގެ މެދުތެރެއިން ފަސޭހަކަމާއިއެކު ފެން ލިބޭނެ މަގެއް ދައްކަވައިދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ދުޢާކޮށްދެއްވެވުން އެދި ދެންނެވުމެވެ.

އަންބާރުންގެ ބޭކަލުން ވަޑައިގެންނެވިއިރު ރަސޫލާ (ޞޢވ) އިންނެވީ މިސްކިތް ކޮޅުގައެވެ. އެބޭކަލުން ފެނިވަޑައިގަތުމާއިއެކު އުފާފުޅު ކުރައްވަވައި އެބޭކަލުން ބޭނުންފުޅުވެވަޑައިގެންނެވި ކޮންމެ ކަމެއް ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކޮށްދެއްވަވާނެ ކަމަށް ވިދާޅުވެ އެމީހުންނަށް ދެއްވެވީ "ބްލޭންކް ޗެކެކެވެ."

އެމީހަކު ބޭނުން ކޮންމެ އަދަދެއް ޖަހާފައި ފައިސާ ނަގަން މިޒަމާނުގައި ދީ މިއުޅޭފަދަ ބްލޭންކް ޗެކެކެވެ. މާނައަކީ އެބޭކަލުން ބޭނުންފުޅުވި ކޮންމެ ކަމެއް ކޮށްދެއްވެވުމެވެ.

ފެނަށް އެދި ދުޢާކޮށްދެއްވަން އެދި ވަޑައިގެންނެވި އަންޞާރުން އެހިސާބުން ބޭނުންފުޅުވީ މަޝްވަރާ ކޮށްލެއްވުމަށެވެ. 'ބްލޭންކް ޗެކް" ގެ ބޭނުން ހިއްޕަވާނެ ގޮތަކާއިމެދުގައެވެ. މަޝްވަރާއަށްފަހު ދެންނެވިއެވެ. "އަޅުގަނޑުމެން އެދޭ ހަމައެކަނި ކަމަކީ އަޅުގަނޑުމެންގެ ފާފަ ފުއްސަވައިދެއްވަވާތޯ ﷲ ތަޢާލާއަށް ދުޢާ ކޮށްދެއްވެވުމެވެ.

އަންޞާރުން އެދިިވަޑައިގެންނެވި ފަދައިން ދުޢާ ކޮށްދެއްވެވިއެވެ. މާބޮޑަށް އިތުރަށްވެސް ދުޢާކޮށްދެއްވެވިއެވެ. އެބޭކަލުންގެ ދަރިންގެ ދަރިންނާއި އެދަރިންގެ ދަރިންގެ ފާފަތައްވެސް ފުއްސަވައިދެއްވެވުން އެދިއެވެ. އަދި އެބޭކަލުންގެ އަޅުންގެ ވެސް ފާފަތައްވެސް ފުއްސަވައި ދެއްވެވުން އެދިވަދައިގެން ދުޢާކޮށްދެއްވެވިއެވެ.

މިއީ ވަރަށް އިބްރަތްތެރި ހާދިސާއެކެވެ. އަންގައިދެނީ ފާފަފުއްސަވައިދެއްވެވުމަށްވުރެ މުހިންމުކަމެއް ނެތް ކަމެވެ. އަހަރެމެންގެ ހަޔާތުގައި އެންމެ ބޮޑަށް މަސައްކަތް ކުރަންވީ އެކަމަށް ކަމެވެ. އެންމެ ގިނައިން ދުޢާކުރަންވީ ފާފަ ފުއްސަވައިދެއްވެވުން އެދިކަމެވެ. އެކަމަށް ދުޢާކުރާއިރު ތިމާގެ އަމަލުތައްވެސް އެގޮތަށް ސީދާކުރުން ކިތަންމެހައިވެސް މަތިވެރިއެވެ.

- ވައްހާޖް ޠަރިންގެ ދަރުސަކުން -
މިއަދު އޮންލައިން