ހައްޖާ ގުޅިފައިވާ މުހިންމު ހަޤީޤަތެއް: އިބްރާހީމްގެފާނު ﷲ މަތިވެރި ކުރެއްވީ ގިނިކަންޏާ - މިއަދު ހައްޖު ކޯޓާގެ އިންތިޒާރުގަ އެތައް މިލިއަނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހައްޖާ ގުޅިފައިވާ މުހިންމު ހަޤީޤަތެއް: އިބްރާހީމްގެފާނު ﷲ މަތިވެރި ކުރެއްވީ ގިނިކަންޏާ - މިއަދު ހައްޖު ކޯޓާގެ އިންތިޒާރުގަ އެތައް މިލިއަނެއް!
އިބްރާހީމްގެފާނު ﷲ ތަޢާލާ މަތިވެރިކުރައްވައި މުންކަރާތްތައް ނަހީ ކުރައްވައި ބުދުތަކާއި ދެކޮޅަށް ކަންކަން ކުރައްވަމުން ގެންދެވީ ގިނިކަންޏާ ހުންނަވައިގެންނެވެ. އެކަމުގެ އަދަބެއްގެ ގޮތުން އަލިފާންގަނޑަށް އެކަލޭގެފާނު އެއްލައިލެވުނު ދުވަހު ކިރިޔާވެސް ހިތްޕުޅުގައި ހަމްދަރުދީއެއް އޮތީ މަންމާފުޅުގެ އެކަނި ކަމަށް ބުނެވެއެވެ.

މިއަދު ހައްޖުވުމަށް ކޮންމެ އަހަރަކު 2 މިލިއަނަށްވުރެ ގިނަ މީހުން ޙަރަމްފުޅަށްދާއިރު ކޮންމެ އަހަރަކު އެތައް މިލިއަން މުސްލިމުން ޢުމުރާވުމަށްދެއެވެ. އެތައް މިލިއަން ބައަކު ތިބީ ހައްޖު ކޯޓާގެ އިންތިޒާރުގައެވެ. ހައްޖަށް ދިއުމަށް އިންތިޒާރުގައި ތިބި އެންމެންނަށް ކޯޓާ ލިބޭނަމަ އަހަރަކު 10 މިލިއަނަށްވުރެ ގިނަ މީހުން ހައްޖުވުމަށް ދާނެ ކަމަށް ބެލެވެއެވެ.

އެއިރު ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރައްވައިގެން ދުނިޔޭގައި ހުންނެވީ ހަމައެކަނި އިބްރާހީމްގެފާނެވެ. މިއަދު އެ އަދަދު މިވަނީ ދުނިޔޭގެ އާބާދީގެ 3/1 އާއި ކައިރިވެފައެވެ. 2 ބިލިއަނާއި ކައިރިވެފައެވެ. ޙަރަމްފުޅުގައިވެސް އަދި މައްކާ އާއި މަދީނާގައި ވެސް އެއްވެސް ބުދެއް ނެތެވެ.

މިކަންކަމުން އަންގައިދެނީ ﷲ ތަޢާލާ މަތިވެރިކުރުމަށާއި މުންކަރާތްތައް ނައްތައިލުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރާނަމަ އެކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ކަމެވެ.

މި ހަޤީޤަތާއި ރާއްޖޭގެ މިހާރުގެ ޙާލަތާއިވެސް ވަރަށް ގާތް ގުޅުމެއް އެބަހުއްޓެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ބުދު ބެހެއްޓުމުން އެކަމާއި ދެކޮޅަށް ވަރަށް ގިނަ ދީނީ ޢިލްމުވެރިން ނުކުމެވަޑައިގެންނެވިއެވެ. ނަމަވެސް ދާދިފަހުން ރާއްޖޭގެ ރިޒޯޓެއްގައި މާ ބޮޑެތި ބުދުތައް މާ ގިނަ އަދަދަކަށް ބެހެއްޓުމުން ވެސް އެކަމާއި ދެކޮޅަށް ބަސްފުޅެއް ވިދާޅުވީ ވަރަށް މަދު އިލްމުވެރިއެކެވެ. އެކަން ކުށްވެރި ކުރައްވައި އެ ބުދުތައް ނަގަން ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވަމުން ގެންދަވަނީ އެހައިމެ މަދު އަދަދެއްގެ ޢިލްމުވެރިންނެވެ.

މިއީ މާޔޫސްވާންވީ ކަމެއް ނޫނެވެ. މަދު ބައަކު ނަމަވެސް ހައްޤު ގޮތުގައި ތިބިނަމަ އެބައަކަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެކަން އެއީ ޔަޤީން ކަމެކެވެ. އޮތީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ތިބުމެވެ. ﷲ ތަޢާލާ ނަޞްރު ދެއްވަވައިފިނަމަ އެކަން ބަދަލުކުރެވޭނޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މުޅި ދުނިޔެ ދެކޮޅަށް ނުކުތް ނަމަވެސް ބަދަލެއް ނުގެނެވޭނެއެވެ. އެހެންކަމުން އޮތީ ސާބިތުކަމާއިއެކު ދުޢާކުރުންމަތީގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަޞްރު ދެއްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ.
މިއަދު އޮންލައިން