"ފިރިމީހާ ވަޒީފާ އަދާކުރަނީ ރިސޯޓެއްގަ. ޢާއިލާ ދިރިއުޅެމުންދަނީ ފިރިމީހާ ހޯދާ ލާރިން. އެހެންކަމަށްވާނަމަ (ފިރިމީހާ) ހޯދާ ފައިސާ ޙަލާލުވާނެތޯ ބޭނުންކުރަން؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އޭނަ (ފިރިމީހާ) ކުރާ މަސައްކަތަކީ ޙަލާލު ރަނގަޅު މަސައްކަތެއް ނަމަ (މަސައްކަތްކޮށް ލިބޭ) އާމްދަނީ ޙަލާލުވާނެ" ކަމަށެވެ.
ރިސޯޓެއްގައި މުސްލިމުންނަށް ނުކުރެވޭނެ މަސައްކަތްތަކުގެ ތެރޭގައި އޫރު މަސް އުފުލުމާއި އަތްލުމާއި ބަނގުރާ އުފުލުމާއި ބަނގުރާ ސަރވް ކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
މިފަދަ އެއްވެސް މަސައްކަތަކީ ބަދިގޭގައި މަސައްކަތްކުރި ނަމަވެސް، ވެއިޓަރުކަން ކުރި ނަމަވެސް އަދި ރޫމްބޯއިކަން ކުރިނަމަވެސް އަދި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި ނަމަވެސް ނުކުރެވޭނެ މަސައްކަތްތަކެވެ.
މިކަންކަމުގެ ތެރެއިން އެންމެ ބޮޑަށް އޮޅުން އަރާފައި އޮންނަ އެއް ކަަމަކީ ކޮޓަރިތަކުގެ މިނިބާއަށް ބަނގުރާ ގެންދިއުމެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަނީ މުސްލިމެއް ނަމަ ރޫމްބޯއިންނަށް ވެސް އެއީ ހުއްދަ ކަމެއް ނޫންކަމަށެވެ.