މިހާރަކަށް އައިސް މައިންބަފައިންގެ ބޮލުގައި އެޅެމުންދާ އެންމެ ބޮޑު އެއް އިހްމާލަކީ ދަރިން ލައްވައި ނަމާދު ނުކުރުވުމެވެ. މިއީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާން މައިން ބަފައިންނަށް، ޚާއްޞަކޮށް ބައްޕައިންނަށް ޖެހޭނެ ކަމެވެ.
އިސްލާމް ދީނުގައި އޮތީީ 7 އަހަރުވުމުން ދަރިން ލައްވައި ނަމާދުކުރުވައި ނަމާދުކުރުމަށް ޝައުޤުވެރި ކުރުވުމެވެ. 10 އަހަރުވުމުން ނަމާދު ނުކޮށްފިނަމަ އަނިޔާއަކަށް ނުވާވަރަށް އަދަބުދީގެންވެސް ނަމާދުކުރުވަން ޖެހޭނެއެވެ. ނޫންނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.
ކުޑައިރު ނަމާދުކުރަން ޝައުޤުވެރި ނުކުރެވިއްޖެނަމަ އެކަން ކުރަން ފަސޭހައެއް ނުވާނެއެވެ. ގިނަ ފަހަރަށް އޮންނާނީ ހަމަ އެކަން ނުކުރެވިފައެވެ. އެހެންކަމުން ދަރިން ޤަވާއިދުން ނަމާދުކުރޭތޯ ބެލުމަކީ ނުވަތަ ދަރިން ލައްވައި ނަމާދުކުރުވުމަކީ ޢާއިލާގެ އެންމެ އިސް މީހާގެ ހައިޞިއްޔަތުން ބައްޕައިންގެ ބޮލުގައި އެޅޭ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.
ބައްޕައިންގެ މަސައްކަތް ހުންނަ ގޮތުން ކޮންމެ ނަމާދަކަށް ގޮވައިގެން ނުދެވިދާނެއެވެ. އަދި ގެއާއި ވަރަށް ދުރުގައި މިސްކިތް ހުންނަނަމަ މިސްކިތަށްވެސް ނުގެންދެވިދާނެއެވެ. ގޭގައި ނަމަވެސް ނަމާދުކުރުވަންޖެހޭނެއެވެ. ގެއަށް އާދެވުމާއިއެކު ފުރަތަމަ ކުރަންޖެހޭނެ ސުވާލަކީ ނަމާދު ކުރިތޯ ކުރާ ސުވާލެވެ. ބައްޕައިން އެފަދައިން ކަންކަން ބަލަހައްޓާނަމަ ދަރިން ވެސް ސަމާލުކަންދޭނެއެވެ.
ވަރިކޮށްފައި ދުރުގައި ހުރިނަމަވެސް ޖެހޭނީ ހަމަ ދަރިން ލައްވައި ނަމާދުކުރުވާށެވެ! އެއީ ބައްޕަގެ ޒިންމާއެކެވެ. ވަރިކޮށްފައި ދުރުގައި ހުރުމަކީ ޚަރަދު ކުރި ނަމަވެސް ޒިންމާއިން ސަލާމަތްވެވޭ ކަމެއް ނޫނެވެ.
ނަމާދު ނުކުރާނަމަ އަދަބު ދިނުމަކީ އެއްވެސް ޤައުމެއްގައި ހަދާ އެއްވެސް ޤާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫނެވެ. އދ އަކަށްވެސް އަދި އެހެން ބައަކަށްވެސް އެކަން ކުރުން މަނައެއް ނުކުރެވޭނެއެވެ. އެހެނީ އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ﷲ ތަޢާލާ ކަމަކަށް އަމުރުފުޅު ކުރެއްވެވުމުން އެކަން އެހެން ގޮތަކަށް ބަދަލުކުރާ ކޮންމެ މީހަކީ ނުވަތަ ޖަމާއަތަކީ ﷲ ތަޢާލާއަށް ގޮންޖަހާ މީހެކެވެ. ޖަމާއަތެކެވެ. އެކަންކަން ބަލައިގަންނާކަށް ނުޖެހޭނެއެވެ.
އިންސާނުން ހަދާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް އަމަލު ނުކޮށްގެން ﷲ ތަޢާލާ ސުވާލެއް ނުކުރައްވަވާނެއެވެ. ސުވާލު ކުރައްވަވާނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލު ނުކުރުމުންނެވެ. އަޒާބު ވެސް ދެއްވަވާނީ ﷲ ތަޢާލާގެ އަމުރުފުޅުތައް ތަންފީޒު ނުކުރުމުންނެވެ.
މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަމަކީ މިފަދަ ކަންކަމުގެ ވާހަކަ ދަރިންނާއި އަޅުވައި ދައްކާއިރު ބައްޕައިންގެ ހާލަތެވެ. މަންމައިންގެ ޙާލަތެވެ. ދެމަފިރިން ނަމާދުކޮށް ނަމޫނާ ނުދައްކާކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -