ދިވެހި ހައްޖުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދީގެން އެންމެ ހެޔޮ އަގުގައި ހައްޖު ވެވޭނެ ގޮތް ފަހިކޮށްދެއްވުމަށް 2012 ވަނަ އަހަރު އިސްލާމިކް މިނިސްޓަރަކަށް ހުންނަވައިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވަރަށް ފޮނި އުންމީދު ތަކަކާއިއެކު ގިނަ މަސައްކަތްތަކެއް ފަށްޓަވައިފައެވެ.
އެ މަސައްކަތްތަކުގެ ތެރެއިން ޙައްޖު ކޯޕޮރޭޝަން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުއްދަ ދެއްވީ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުއެވެ. ކުންފުނި ރަޖިސްޓްރީކުރެވި ކުރެވި ހިންގަން ފެށުނީ 2013 ވަނަ އަހަރު ވެރިކަން ބަދަލުވެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޙައްޖު ކޯޕޮރޭޝަން އުފައްދައި ހިންގުމުގެ ބޭނުމަކީ ހައްޖަށް ދިއުމަށް ރައްޔިތުން ވަރަށް ބުރަ މަސައްކަތުން އެއްކުރާ ފައިސާކޮޅު ބައެއް ޖަމާއަތްތަކަށް ދެއްކުމުން ގެއްލިގެންދާތީ އެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށާއި ބުރަ މަސައްކަތުން ޖަމާކުރާ ފައިސާކޮޅުން ވީހައި ފުރިހަމަ ޚިދުމަތްތަކެއް ލިބޭނެ ގޮތް ފަހިކޮށްދެއްވުން ކަމަށެވެ.
ހައްޖު ކޯޕޮރޭޝަނުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ގެންދަނީ އެކޯޕޮރޭޝަނުން ދޭ ޚިދުމަތްތަކަށް ޝުކުރު އަދާކޮށް ތަޢްރީފް ކުރަމުންނެވެ. އެހެންކަމުން ޑރ. ޝަހީމްގެ އެޚިދުމަތް ވެފައިވަނީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ވަރަށް ފައިދާކުރާ ޚިދުމަތަކަށެވެ.
ރާއްޖޭގައި ވަޤްފް ފަންޑެއް ނެތި ދިގު މުއްދަތެއް ފާއިތުވެފައި ވަނިކޮށް ވަޤްފް ފަންޑެއް އުފައްދަވައި ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރެވޭނެ މަގު ފަހިވެގެން ދިއައީ ވެސް ޑރ. ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމުގައި އެމަނިކުފާނު އެކަމަށް ދެއްވި ސަމާލުކަމުގެ ސަބަބުންނެވެ.
އެގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ މާލޭގައި 10 ބުރިއަށް އިމާރާތް ކޮށްފައިވާ ދާރުލް އީމާން ބިނާ ކުރުމެވެ. އެ އިމާރާތް ބިނާ ކޮށްފައިވަނީ އިމާރާތްކުރުމުގެ ވަރަށް ބޮޑުބައެއް ހިލޭ އެހީގެ ގޮތުގައި ޑރ. ޝަހީމް ހޯއްދަވައިގެންނެވެ. އެ އިމާރާތް ނިންމައި މިހާރު އަންނަނީ ވަޤްފް ފަންޑަށް އާމްދަނީ ލިބެމުންނެވެ. އެގޮތުން އަހަރަކު 5 މިލިއަނެއްހައި ރުފިޔާ ވަޤްފް ފަންޑަށް ލިބެމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހައި ގިނަ އަދަދަކަށް މިސްކިތްތައް ހުރިއިރު ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ މިސްކިތްތައް ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ހުޅުއްވެވި މިސްކިތު ފަންޑަކީ ވެސް ފާހަގަކޮށްލަން ޖެހޭ ޚިދުމަތެކެވެ. ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ ފަންޑަކަށް ލިބިފައި ނުވާހައި ގިނަ އަދަދެއްގެ ފައިސާ ރައްޔިތުން ވަނީ އެ ފަންޑަށް ހަދިޔާކޮށްފައެވެ. އަދި އެފައިސާ ވަނީ މިސްކިތްތަކަށް ޚަރަދުކޮށްފައެވެ.
އެހެންކަމުން ދާރުލް އިމާން އާއި ޙައްޖު ކޯޕޮރޭޝަނަކީ ޑރ. ޝަހީމްގެ އެންމެ ފޮނި އުންމީދުތަކާއި ގުޅިފައިވާ ވަރަށް އަގުހުރި ދީނީ އަދި ޤައުމީ ޚިދުމަތްތަކުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.