ފޯނުން ފެން ކިޔެވުމަށް ފޯނުން ރުޤްޔާ ޖަހައި ފެން އެއްޗަށް އެ އަޑު ފޯރުވުމަކީ އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"ފޯނުން ރުޤްޔާކުރުން ރަނގަޅުވާނެތޯ؟
ބައެއް މީހުން ފޯނުން ފެން ކިޔެވުމަށް ފޯނުން ރުޤްޔާ ޖަހާ ފެން އެއްޗަށް އެ އަޑު ފޯރުވައެވެ. މިއީ މިކަމުން އަސަރެއް ކުރާނެ ކަމެއް ނޫނެވެ. އަދި ރަނގަޅު ގޮތެއް ނޫނެވެ.
ބައެއްފަހަރު ދުރުގައި ހުންނަ މީހަކު މާބަލިވެއްޖެ ނަމަ، ނޫނީ ކަމެއްވާނަމަ، ފޯނުން ގުޅައި އެމީހެއް ކައިރީ ކިޔަވައެވެ. މިފަދަ ހާލަތުގައި ބަލި މީހާއަށް ސީދާ އަސަރެއްކޮށް ފައިދާ ވެސް ކުރެއެވެ. އެއީ އަޑުއިވޭތީއެވެ. ރުޤްޔާ އޯޑިއޯއެއް ޖެހުން ފަދައިން އެ ހާލަތުގައި އަސަރުކުރާނެއެވެ.
ރުޤްޔާ ރަނގަޅަށް ދަންނަ މީހަކު އެފަދައިން ކަންކުރާނަމަ މައްސަލައެއް ނެތެވެ. ނޫންނަމަ ބައެއް ޙާލަތުގައި ކިޔެވުމުން، ރޫޙާނީ ބައްޔެއް ހުރިނަމަ، ޖިންނި ހާޒިރުވެ، ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނޭނގިއްޖެނަމަ، އަދި ބަލިމީހާ ކައިރީ ފޯނުން ރްޤްޔާކުރި މީހާ ބުނާ ގޮތެއް ހެދޭވަރު މީހެއް ނެތް ނަމަ އެކަމުން އިތުރު ތަކްލީފް ލިބިދާނެއެވެ."
-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް