އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއިމެދު ކަންބޮޑުވާ ބައެކެވެ. އެފަދަ މީހުން އެހެންމީހުންގެ ޙާލަތާއިމެދު ކަންބޮޑެއް ނުވާނެއެވެ. އުންމަތުގެ، ޤައުމުގެ ކަންކަމާއިމެދު ކަންބޮޑެއް ނުވާނެއެވެ.
އެފަދަ މީހުން އެހެން މީހުންގެ ޙާލަތު ދެނެގަންނަން ބޭނުމެއްވެސް ނުވާނެއެވެ. ވަށައިގެން ހިނގަނީ ކޮންކޮން ކަންތައްތަކެއްކަން ބަލަން ވެސް ބޭނުމެއް ނުވާނެއެވެ. ނިކަމެތިވެ ބިކަހާލުގައި އުޅެންޖެހިފައިވާ މީހުންނާއިމެދު ވިސްނައިވެސް ނުލާނެއެވެ.
ނިދަން އޮށޯންނަމުން ވެސް ވިސްނާނީ މާދަމާ ތިމާއަށް އެންމެ ފައިދާ ކުރާނީ ކޮންކޮން ކަންތައްތަކެއް ކުރުމުން ކަމާއިމެދުގައެވެ. ތިމާއަށް މިއަދު ﷲ ތަޢާލާ ދެއްވެވި ނިއުމަތްތަކުން ނިކަމެއްޗަކަށް ފޯރުވައިދެވުނީ ކިހައިވަރެއްގެ އެހީތެރިކަމެއް ކަމާއިމެދަކު ނުވެސް ވިސްނާނެއެވެ.
ތިމާގެ ސަބަބުން އެހެން ބައަކަށް އަނިޔާ ލިބެމުންދިއަނަމަވެސް އެކަމަކާމެދު އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާނެއެވެ. ކަންބޮޑުވާނީ އެހެން މީހެއްގެ ކިބައިން ތިމާއަށް ކިތަންމެ ކުޑަ ނަމަވެސް އަނިޔާއެއް ލިބިދާނެ ކަމާއިމެދުގައެވެ.
މީހެއްގެ ކިބައިގައި މި ބުނި ސިފަތައް ހުރިނަމަ އެމީހަކީ ހިލަ ހިތެއް ލިފައިވާ މީހެކެވެ. ހިލަހިތުގެ ވެރިންނަކީ އެންމެ ނުބައިކަން ބޮޑު މީހުންގެ ތެރެއިން ހިމެނޭ މީހުންނެވެ.
މަޑުމޮޅި ހިތެއް ލިބިފައިވާނަމަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅަށް އަމަލުކުރާނެއެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުޅި އުންމަތަކީ އެއްބައެއްގެ ގޮތުގައެވެ. އެއް ހަށިގަނޑެއްގެ ގޮތުގައެވެ. އެ ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ވޭނެއް އަޅާނަމަ މުޅި ހަށިގަނޑު އެތަދު އިހްޞާޞްކުރާ ފަދައިން އުންމަތުގެ ކޮންމެ މީހަކަށް މުޞީބާތެއް ކުރިމަތިވެފައިވީނަމަވެސް ކޮންމެ މުސްލިމަކީ އެކަމުގެ ވޭން އިޙްޞާޞްކުރަންޖެހޭނެ މީހެއްގެ ގޮތުގައެވެ.
މިއީ ވަރަށް މުހިންމު މައްސަލައެކެވެ. އަމިއްލަ ޢާއިލާގައި މުޞީބާތްތައް ކުރިމަތިވެގެން އުޅޭއިރު އެކަންކަމާއިމެދު ކަންބޮޑުވެ އަޅައި ނުލާ މީހަކީ ކޮންފަދަ ބޮޑު ހިލަ ހިތެއްގެ ވެރިއެއް ހެއްޔެވެ؟ ޢާއިލާގެ މީހަކު ބަނޑުހައި ހޫނުކަމުގައި ހުންނައިރު ނުވަތަ ބަލިވެގެން ފަރުވާ ކުރެވޭނެ ފަދަ ނެތިފައި ހުންނައިރު އެކަންކަމާއިމެދު ކަންބޮޑު ނުވާނަމަ އެއީ ހިތެއް އޮތް މީހެއް ހެއްޔެވެ؟ ނޫނީ ހިތުގެ ބަދަލުގައި ބޮޑު ހިލަގަނޑެއް ބާއްވައިގެން އުޅޭ މީހެއް ހެއްޔެވެ؟
މީސްތަކުންނޭވެ! އެފަދަ މީހުންގެ ތެރެއިން ނުވާށެވެ. ހިލަހިތެއްގެ ވެރިއަކަށް ވުމަކީ ހައުދަހައިވާ ނުރައްކައުތެރި ކަމެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ﷲ ތަޢާލާ ދެއްވެވި ހިތުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހިފާ މީހަކަށްވާށެވެ! އެއިރުން އެކަމުގެ ފައިދާތައް ތިބާއަށް ކުރާނެ ގޮތް ތިބާއަށް ނުވެސް ވިސްނޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -