ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުގެ ލިސްޓުން ގިނައިން ފެންނާނީ ފިރިހެނުންގެ ނަންތަކެވެ. ނިޞްބަތުން އަންހެނުންގެ ނަން މަދެވެ. ނަމަވެސް ތިބާއަކީ ހަމަ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި އަންހެނާ ކަމުގައި ވުމުގެ "ހުޅުވާލެވިފައިވާ ފުރުޞަތާއި ދައްވަތު" އެބައޮތެވެ.
ދުނިޔޭގައި ހުރި އެންމެ މުއްސަނދި އަންހެނަކީ ކާކުކަން ބެލުމަށް ރެކޯޑްތައް ބަލަހައްޓާ މީހުން އެންމެ ފުރަތަމަ ބަލާނީ އެއަންހެނެއްގެ ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދެވެ. ދެން ބަލާނީ މިލްކިއްޔާތުގައި ހުރި މުދަލެވެ. ރަނާއި ޖަވާހިރު ހުރި ވަރެވެ. އެތަކެތީގެ އަދަދެވެ.
މިހުރިހާ ކަންކަމަކީވެސް ހަމަ ވަގުތީ ކަންކަމެވެ. ވަގުތީ މުއްސަނދިކަމެވެ. ދާދިއަވަހަށް އަތުން ބީވެގެން ހިނގައިދާނެ ނިއުމަތްތަކެވެ. އެހެންވީމާ އެއިގެ އެއްވެސް ބޭނުމެއް ނެތެވެ. ވިއްސާރަ ދުންޏެއް ފަދައިން ރީތި ކުލަތައް ދައްކާލުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ގެއްލިގެންދާތީއެވެ. އަތުގައި ހަރު ނުލާތީއެވެ.
އެނގޭހެއްޔެވެ؟ މުސްލިމް ކޮންމެ އަންހެނަކީވެސް ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު އަންހެނާއަށް ވެވިދާނެއެވެ. ފިރިހެނުންނަސް ނެތް ފުރުޞަތުތައްވެސް އަންހެނުންނަށް އެބަހުއްޓެވެ.
މިސާލަކަށް ނިކަން ބަލައިބަލާށެވެ! މުސްލިމް އަންހެނުން ހެދުން އަޅަނީވެސް މިދުނިޔެއަށްޓަކައެއް ނޫނެވެ! ﷲ ތަޢާލާއަށްޓަކައެވެ. ދުނިޔޭގެ އެދުންތައް ދޫކުރުމަށްފަހު އެކަނބަލުން އިޚްތިޔާރުކުރަނީ ﷲ ތަޢާލާ އެންގެވި ގޮތެވެ.
އަދިވެސް ވިސްނާށެވެ! މިއަދު އެންމެ ކުރިއަރާފައިވާ، މުއްސަނދި އަންހެނުން ކަމަށް ބުނާ އަންހެނުންގެ ހުރީ ކޮން އަގެއް ހެއްޔެވެ؟ އެއީ ހަވަރު ތުންފުހިތަކެއް ނޫންހެއްޔެވެ؟ ޕާޓީއަކަށް ނުވަތަ ނައިޓްކްލަބަކަށް ނުވަތަ އެންމެ ކުޑަމިނުން ބައްދަލުވުމަކަށް ގޮސްފައި ނުކުތް ނަމަވެސް އެކަނބަލުންގެ ގައިގައި ބައްދައި އޮޅުލަނީ ކިތައް ފިރިހެނުން ހެއްޔެވެ؟ މޫނުގައި ބޮސްދެނީ ކިތައް ފިރިހެނުން ހެއްޔެވެ؟ ތުންފަތް "ކަނީ" ކިތައް ފިރިހެނުން ހެއްޔެވެ؟ އެހެން ކަމަށްވާއިރުވެސް އެއީ ހަމަ އަގުހުރި ބައަކީ ހެއްޔެވެ؟
މުސްލިމް އަންހެނުންނަކީ އެމީހުންގެ ފުރިހަމަ އަގު އަބަދުވެސް ހިފަހައްޓާ ބައެކެވެ. އެމީހުންގެ ހަށިގަނޑުގައި ބީހެވޭނީ ހަމަ އެންމެ ފިރިހެނަކަށެވެ. އެއީ އޭނާގެ ފިރިމީހާ އެވެ. އެނޫން މީހަކަށް އެކަނބަލުންގެ ގައިގައި ބީހިވެސް ނުލެވޭނެއެވެ. އިނގިލި ކުރިވެސް ޖައްސައެއް ނުލެވޭނެއެވެ.
މުސްލިމް އަންހެނުންނަކީ އަޅާހެދުމުން ހަށިގަނޑު ފޮރުވާ ފަދައިން އަބަދުވެސް ފޮރުވިގެން ތިބޭ ބައެކެވެ. ސޯޝަލް މީޑިއާގައި އެކަނބަލުންގެ އައުރަ ހާމައެއް ނުކުރާނެއެވެ. ﷲ ތަޢާލާ ދެއްވެވި ރީތިކަން މުޅި ދުނިޔެއަށް ހާމައެއް ނުކުރާނެއެވެ. އިޝްތިހާރެއްވެސް ނުކުރާނެއެވެ.
ފަށަމުން ތިބާއަކީ ހަމަ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި އަންހެނާ ކަމުގައި ވުމުގެ "ހުޅުވާލެވިފައިވާ ފުރުޞަތާއި ދައްވަތު" އެބައޮތް ކަމަށް ބުނީ މިފަދަ ގިނަ ސަބަބުތައް ހުރުމުންނެވެ. ފުރިހަމަ މުސްލިމް އަންހެނެއްގެ ގޮތުގައި ސާބިތުކަމާއިއެކު ދެމިހުރުމަށް ﷲ ތަޢާލާ ވަނީ ތިބާއަށް ދައުވަތު ދެއްވަވައިފައެވެ. އަދި ފުރުޞަތުވެސް ދެއްވަވައިފައެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ދައުވަތު ޤަބޫލުކޮށް ފުރުޞަތުގެ ބޭނުން ތިބާ ހިފިވަރަކަށް ތިބާގެ އަގު އެދަނީ އަރަމުންނެވެ. ޤަދަރު އުފުލެމުންނެވެ.
އަގު އަރުވައި ޤަދަރު އުފުލައި ތިބާއަކީ ދުނިޔޭގައި ހުރި އެންމެ އަގުބޮޑު އަދި އެންމެ ޤަދަރު އުފުލިގެންވާ އަންހެނަކު ކަމުގައި ވުމާއި ނުވުން އޮތީ ތިއަ ކަނބަލުންގެ އަތްމަތީގައެވެ. ރަނގަޅަށް ވިސްނައި ބޭނުން ގޮތެއް އިޚްތިޔާރުކުރާށެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ދައުވަތު ޤަބޫލުކޮށް ފުރުޞަތުގެ ބޭނުން ތިބާ ހިފިވަރަކަށް ތިބާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ދާނީ ހުޅުވެމުންނެވެ. ނޫންނަމަ އޮތީ ނަރަކައިގެ ހޫނުކަން ކަންވެސް ހަނދާނުގައި ބަހައްޓާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -