ތުއްތު ކުއްޖަކު ގޮވައިގެން ބޭރަށް ނުކުންނަ ނަމަވެސް ކިޔާނީ ގެއިން ބޭރަށް ނުކުންނައިރު ޢާންމުކޮށް ކިޔާ ޛިކުރު ތަކެވެ. އިޚްލާޞް، ފަލަޤި، ނާސި ސޫރަތްވެސް ކިޔަވާށެވެ. އަދި އެސްފީނާ އާއި ޖިންނި ޝައިޠާނުންގެ ކިބައިން ކުއްޖާ ސަލާމަތް ކޮށްދެއްވެވުން އެދި ހިތަށް ގެނައުމަށްފަހު، ދުޢާކުރުމާއިއެކު ކުއްޖާގެ ގައަށް ފުމެލާށެވެ.
ކުއްޖާއަކީ ޛިކްރް ދަސްކުރެވޭ ވަރަށް ބޮޑުވެފައި ހުރި ކުއްޖަކު ނަމަ ޛިކުރުތައް ދަސްކޮށްދީ އެކުދިން ލައްވައި ވެސް ޛިކްރްތައް ކިޔުއްވާށެވެ. އަދި މައިން ބަފައިން ޛިކްރްތައް ކިޔުމާއިއެކު ކުދިން ކިޔާކަން ކަށަވަރު ކުރާށެވެ.
ކުދިން ލައްވައި ޛިކުރު ކުރުވުމަކީ ކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވެ އިސްލާމް ދީނަށް އަމަލުކުރުމަށް ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. ވީމާ އެންމެ ކުޑައިރުންސުރެ ޛިކްރްތައް ކިޔުއްވުމުގެ މުހިންމުކަންކަން ކިތަންމެހައިވެސް ބޮޑެވެ.
ގޭތެރޭގައި އުޅޭއިރުވެސް ކިޔަންޖެހޭ ޛިކްރްތައް ހުރެއެވެ. ހެދުން ބާލައި ހެދުންލާއިރުވެސް އަދި ފާޚާނާއަށް ވަދެ ނުކުމެވާއިރު ވެސް ކިޔަންޖެހޭ ޛިކުރުތައް ކުދިންނަށް ދަސްކޮށްދީގެން ކިޔުއްވާށެވެ. ފިލާވަޅު ދަސްކުރަން ފެށުމުގެ ކުރިން ވެސް ކިޔަންޖެހޭ ދުޢާތައް ކިޔުއްވާށެވެ.
ތުއްތު ކުދިންގެ މިފަދަ ކަންކަމުގައި މައިންބަފައިން ޛިކުރުކުރާށެވެ. ހެދުން ލައްވައި ބާލައި ހަދާއިރު އަދި ފާޚާނާއަށް ވަންނައިރު މައިން ބަފައިން ނުވަތަ ގޮވައިގެން ވަންނަ މީހަކު ޛިކުރުތައް ކިޔާނީއެވެ. އެންމެ މޮޅު އިތުރުވެގެންވަނީ ކުއްޖާއަށްވެސް އަޑު އިއްވައިގެން ކިޔުމެވެ.
މަޢްލޫމާތު: އައްޝައިޚް ޖަޢްފަރު ފާއިޒް، އިސްލާމީ ތިލަފަތް