ދުނިޔެއަކީ ދަތުރެއް - ބިރު ގަންނަން ޖެހެނީ ދަތުރު ނިމޭއިރު ފޮށިތަންމަތިވެސް ގެއްލިގެންދާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދުނިޔެއަކީ ދަތުރެއް - ބިރު ގަންނަން ޖެހެނީ ދަތުރު ނިމޭއިރު ފޮށިތަންމަތިވެސް ގެއްލިގެންދާތީ!
ދުނިޔެއަކީ ދަތުރެކެވެ. ދަތުރުމަތީގައި ދަތުރުވެރިން ވަރަށް ގިނަ ސާމާނު ގަނެ އެއްކުރެއެވެ. ނުވަތަ ޖަމާކުރެއެވެ. ގިނަ އަދަދެއްގެ ފޮށިތައް ފުރައި މުދާ ޖަމާކުރެއެވެ. ބައެއް މީހުން ފޮށިތައް ފުރައި ރަނާއި ޖަވާހިރުވެސް އެއްކުރެއެވެ.

މައްސަލަ ކުރިމަތިވަނީ މަރުވާ ވަގުތު ޖެހުމުންނެވެ. ފޮށިތަކަށް ޖަމާކުރި ރަންތަކާއި ޖަވާހިރުތައް ދޫކޮށްދާން ޖެހުމުންނެވެ. މަރުވެގެން ދާންޖެހެނީ ހޯދައި ފޮށިތަކަށް ޖަމާކުރި ހުރިހާ ރަންތަކާއި ޖަވާހިރުތައް އެކުގައި ދޫކޮށްލާފައެވެ. ހަމަ ހުސްއަތާއިއެވެ. ދަތަރުގައި ބުރަ މަސައްކަތުން ޖަމާކުރި ރަންތަކާއި ޖަވާހިރުތަކުން އެއްވެސް ފައިދާއެއް ދެން ނުކުރާނެ ގޮތުގައެވެ.

މީސްތަކުންނޭވެ! މިއީ ވަކިމީހަކަށް ކުރިމަތިވާނެ ޙާލަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ޙާލަތެވެ! އެހެންކަމުން ޙަޔާތުގެ މިދަތުރަކީ އަތްމަތީގައި ވީހައި މަދުން ފޮށިތައް ގެންގުޅޭ މީހަކަށްވާން އެބަޖެހެއެވެ. ދަތުރުމަތީގައި ކުރި މަސައްކަތްތައް ފޮށިފޮށްޓަށް ޖަމާކުރުމުގެ ބަދަލުގައި ފައިދާހުރި ގޮތުގައި އަތުން ދޫކޮށްލައިގެން ހުރި މީހަކަށްވާން އެބަޖެހެއެވެ.

އެންމެ ބޮޑު ބާއްޖަވެރިއަކީ އަދި އެންމެ ބޮޑު މުއްސަންޖަކީ އެންމެ ބޮޑު ބިލިއަނަރަކީ ދަތުރުުމަތީގައި ލިބުނުހައި މުދަލެއް ފަހަށް ރައްކައުކުރި މީހާއެވެ. މަރުވުމުން ލިބޭގޮތަށް އަމަލުކުރި މީހާއެވެ.

މާނައަކީ އެންމެ ފުރިހަމަ ގޮތުގައި ދަތުރު ނިންމާ މީހާއަކީ ތަނަވަސްކަން ﷲ ތަޢާލާ ދެއްވެވުމުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހޭދަކޮށްގެން ހުރި މީހާއެވެ. އަމިއްލަ އަތުގައި މުދައުތައް ބެހެއްޓުމުގެ ބަދަލުގައި ﷲ ތަޢާލާ އަންގަވާފައިވާ މަގުން ބަހައި ހުސްކޮށްގެން ހުރި މީހާއެވެ.

އެފަދަ މީހުންނަށް އެއްވެސް ހިތާމައެއް ނެތެވެ. އޮތީ ބޮޑުވެގެންވާ އުފާވެރިކަމެވެ. މަރުވާ ވަގުތުން ފެށިގެން އޭނާ ކުރި ހޭދައިގެ މަންފާ އޭނާއަށް ކުރަން ފަށާނެތީއެވެ! ބޮއްކުރާގައި އޮޑިދޮށަށް ކުރި ދަތުރު ނިންމައި އޮޑީގައި ހަޤީޤީ ދަތުރަށް ފަށާއިރު އަތުގައި މުދަލާއި ތަނަވަސްކަން ހުރި މީހަކަށް ވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ ހަމަ އެއާއިއެކު އޮޑީގެ ދަތުރު ނިންމައި ދާއިމީ މަންޒިލަށް ފޯރާއިރު ބިލިއަނަރެއްގެ ގޮތުގައި ހުރެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައި ހެއްޔެވެ؟

ވިސްނާށެވެ. ވިސްނާށެވެ. ދުނިޔޭގައި މިހޭދަކުރާ ދުވަސްތަކަކީ ބޮއްކުރާގައި އޮޑިދޮށަށް ކުރާ ދަތުރެވެ. އޮޑިއަކީ ކައްވަޅުގައި ހޭދަކުރަންޖެހޭ ދުވަސްތައް ކަމަށް ބަލާށެވެ. އަދި އޮޑީގައި ކުރާ ދަތުރު ނިންމައި އޮޑިން ފައިބާ ހަޤީޤީ މަންޒިލަކީ އާޚިރަތުގެ މައިދާން ކަމަށް ބަލާށެވެ. މިމޭރުމުން ވިސްނައިފިނަމަ އެމީހާގެ ދަތުރަކީ ކާމިޔާބު ދަތުރެކެވެ. މީހާ ވާނީ އެންމެ އުފާވެރި ދަތުރުވެރިޔާއަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން