ކީރިތި ޤްރްއާނުގެތެރެއަށް ވަނުމުން ތަނަވަސްކަން އިތުރުވި ޒުވާނެއްގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ކީރިތި ޤްރްއާނުގެތެރެއަށް ވަނުމުން ތަނަވަސްކަން އިތުރުވި ޒުވާނެއްގެ ވާހަކަ
އަޙްމަދު ބިން ވާޤިސް އަކީ މުސްލިމެއް ނަމަވެސް އިސްލާމް ދީނުގެ ކަންކަމަށް އެހައި ބޮޑަށް ފަރުވާތެރިވަމުން އައި ޒުވާނެއް ނޫނެވެ. ނަމަވެސް ކީރިތި ޤްރްއާނުގެ ތެރެއަށް ވަނުމުން އޭނާގެ މުޅި ހަޔާތް ބަދަލުވެގެން ދިއަ ގޮތަށް ވިސްނާށެވެ.

އަޙްމަދު ބިން ވާޤިސް ކީރިތި ޤްރްއާނުގެ ތަރުޖަމާ އެއްފަހަރު ކިޔެވެ. އެވަރަކުން ނުފުދުނެވެ. 2 ވަނަ އަދި 3 ވަނަ ފަހަރުވެސް ކިޔެވެ. އެއަށްފަހު މިއަދު އޭނާއަކީ ކޮންމެ ދުވަހަކު އެ މަސައްކަތްކުރާ ޒުވާނެކެވެ.

ދީނީ އިލްމުވެރިން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ކަން އޮތްގޮތް ކަމާއި ﷲ ތަޢާލާގެ ވަހީ ބަސްފުޅުކަން އޭނާއަށް ޔަޤީން ކުރެވުމުން އެނާގެ މުޅި ހަޔާތް ބަދަލުކޮށްލިއެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރުމުން ނޫނީ ސަލާމަތް ކަމެއް ނެތްކަން ޔަޤީންކުރެވުމުން އޭނާ ކުރަމުން އައި ހުރިހާ ކަމެއްގައި ކީރިތި ޤްރްއާނާއި އެއްގޮތަށް އަމަލުކުރަން ފެށިއެވެ.

އޭނާއަކީ ވިޔަފާރި ކުރަމުން އައި ޒުވާނެކެވެ. ވިޔަފާރީގެ މަސައްކަތްތައްވެސް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ފަދައިން ބަދަލުކޮށް ލިބޭ ނަފާއިން ޞަދަޤާތް ކުރުމާއި ތެދުވެރިވުމާއި ޒަކާތް ދިނުން ކުރިއަށް ނެރެ އަދި މުދައު މަދުވުމުން އަގުބޮޑުކުރުން ފަދަ ކަންކަން ކުރުން ހުއްޓައިލިއެވެ.

ނަތީޖާއަކަށް ވެގެން ދިއައީ ހަމަ އެންމެ 2 އަހަރެއްހައި ދުވަހުގެ ތެރޭގައި އޭނާގެ ވިޔަފާރިތައް ކުރިއަރައި އިތުރު 2 ފިހާރަ ހުޅުވުމެވެ. ގެންގުޅޭ މުވައްޒިފުންގެ އަދަދު 4 ގުނައަށް އިތުރުކުރަންޖެހުމެވެ. އޭނާގެ ފަރާތުން އިތުރު އެތައް ބައަކަށް ފައިދާކުރަން ފެށުމެވެ.

"-- (މިއީ) ފޮތެވެ. އެ ފޮތް އެކަލޭގެފާނަށް ތިމަން ރަސްކަލާނގެ ބާވައިލެއްވެވީ، އެއިރެންގެ ވެރި ރަސްކަލާނގެ އިޛްނަފުޅާއިއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލާގެފާނު، މީސްތަކުން ނެރުއްވެވުމަށެވެ. ޢަޒީޒްވަންތަ، ޙަމްދު ލިބިވޮޑިގެންވާ، ރަސްކަލާނގެ (ދެއްކެވި) މަގަށެވެ. ( 1-14)

މިއަދު ގިނަ ބައަކަށް މިތިބެވެނީ ޙައްޤު މަގަކު ނޫނެވެ. ޙައްޤު މަގުގައި ތިބި ގިނަ ބައަކުވެސް ތިބީ މަގުގެ ވަރަށް އެއްކައިރީގައެވެ. ނުވަތަ ގޯޅިއެއްގެ ކަންމަތީގައެވެ. ސާފު ސީދާ ރާސްތާ ފެންނަން އޮތް އޮތްއިރުވެސް މަގުގެ މެދުގައި ހަމަޖެހިލައިގެނެއް ނޫނެވެ.

އެ ހަމަޖެހުން ލިބެން އޮތް ހަމައެކަނި ގޮތަކީ ކީރިތި ޤްރްއާނުގެ ތެރެއަށް ވަނުމެވެ. ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އާޔަތްތައް އެނގި އަމަލުކުރުމެވެ. ކީރިތި ޤްރްއާނުގެ އާޔަތްތައް އެނގުމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް އަމަލު ކުރަން އެއްވެސް ވަރަކަށް ފަހެއް ނުޖެހޭނެއެވެ. އެހެނީ އެކަމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގިގެންދާނެތީއެވެ.

ކީރިތި ޤްރްޢާން ކިޔަވައި ދިރާސާކުރުމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ ކަމަކަށް ހަދައިގެން ނުފުދޭނެއެވެ. އަަބދުވެސް ހުންނަން ވާނީ ކީރިތި ޤްރްއާނުގެ ތެރޭގައެވެ. ކިޔެވުންމަތީގައެވެ. ދިރާސާކުރުން މަތީގައެވެ.

ދިރާސާ ކުރުމުގެ މާނައަކީ ހަމައެކަނި ބޮޑެތި ދިރާސާތައް ހެދުމެއް ނޫނެވެ. ބޮޑެތި ދިރާސާތައް ހެދުމަކީ ޢިލްމުވެރިންނަށް ކުރެވޭނެ ކަމެކެވެ. ކީރިތި ޤްރްއާނުގަ އާޔަތްތަކުގެ މާނަ ކިޔައި ހިތަށް ގެނެސް އެކަންކަމަށް ވިސްނުމަކީވެސް ދިރާސާކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން