މުސްލިމް ޤައުމުތައް ދަނީ ބަރުލަމާނީ ނިޒާމް ދޫކޮށް ރިޔާސީ ނިޒާމް އިޚްތިޔާރު ކުރަމުން ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ލ. މާވަށުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް މިއަދު ވިދާޅުވީ މުސްލިމް ޤައުމުތަކުގެ ތެރެއިން އެންމެ ބާރު ގަދަ އެއް ޤައުމުކަމަށްވާ ތުރުކީން ވެސް ވަނީ ބަރުލަމާނީ ނިޒާމު ދޫކޮށް ރިޔާސީ ނިޒާމަށް ބަދަލުވެފައި ކަމަށެވެ. އެހެންކަމުން ރިޔާސީ ނިޒާމަށް ވެރިކަން ކުރާ ދިވެހިރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރާނަމަ މަޖިލިސް ތެރޭގައި އަބަދުވެސް އޮންނާނީ ވެރިކަމާ ތަޅާފޮޅުން ކަމަށާއި ޤައުމަށް ފައިދާހުރި މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމަށްވާއިރު ރާއްޖެ ފަދަ ޤައުމުތައް ތަރައްޤީކުރަން ބޭނުންނަމަ ބާއްވަންޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ގައުމުގައި ހަލަބޮލިކަން ޢާންމުވުމަށް ފުރުޞަތުދީގެން ނުވާނެ ކަމަށާއި ޤައުމު ތަރައްޤީ ކުރެވޭނީ އަމާންކަން ދަމަހައްޓައިގެން ކަމަށެވެ.
ޑރ. ޝަހީމް މިއަދުވެސް ވަނީ އިސްލާމް ދީނުގެ ކަންކަމާއި ތަރުބަވީ ކަންކަމުގައި އަދި ތައުލީމު ދިނުން ފަދަ ކަންކަމުގައި އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ "ހަވާލުކުރައްވާ" މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ތެދުވެރިކަންމަތީގައި ދެމި ހުންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.