އަމިއްލަ ނަފުސަށް އަނިޔާކުރަން ބޭނުން ނޫންނަމަ ހިނދުކޮޅަކަށް ނަމަވެސް ﷲ ގެ މަތިން ހަނދާން ނެތިކޮށް ނުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އަމިއްލަ ނަފުސަށް އަނިޔާކުރަން ބޭނުން ނޫންނަމަ ހިނދުކޮޅަކަށް ނަމަވެސް ﷲ ގެ މަތިން ހަނދާން ނެތިކޮށް ނުލާ!
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެއްކަމަކީ މީސްތަކުން ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލާނެ ދުވަހެއް އަންނާނެތީއެވެ. މުސްލިމުންގެ ގޮތުގައި ތިބެމެއެވެ.

މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ގެއިން ހެނދުނު ނުކުންނަނީ ވަރަށް ރީތިކޮށް ހެދުން އަޅައިގެންނެވެ. އަންހެނުން ބުރުގާވެސް އަޅައިގެންނެވެ. ނަމަވެސް ތިމާއަކީ މުސްލިމެއްކަން ހަނދާންކުރަނީ މަދު މީހެކެވެ. ﷲ ތަޢާލާ ވޮޑިގެންވާކަމާއި ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަހުރިކަން ހަނދާންކުރަނީވެސް ވަރަށް މަދު މީހެކެވެ. އެހެންކަމުން ތިމާ މުސްލިމެއް ފަދައިން ހެދުން އަޅަނީ ކޮން ބޭނުމަކު ކަމާއިމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ.

ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ހަމައެކަނި ތިމާ ހެދުން އަޅާ ގޮތަކަށް ނޫނެވެ. ހެދުން އަޅާގޮތްވެސް މުހިންމެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ބައްލަވައި ވޮޑިގެންވަނީ ތިމާގެ ހިތަށާއި ކުރާ އަމަލުތަކަށެވެ. އެހެންކަމަށްވާއިރު ގެއިން ބޭރުގައި މުޅި ދުވަސް ހޭދަކުރާއިރު ﷲ ތަޢާލާގެ މަތިން ހަނދާން ނުކުރާނަމަ، ފަރުޟު ނަމާދުތައް ނުކުރާނަމަ އަޅައިގެންހުރި ހެދުމުން އެކަނި ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟

މިކަންކަން މިހެން ހުރިއިރު އެންމެ ދެރަ އެއްކަމަކީ ގެއަށް އެނބުރިދާއިރު ގިނަ އަދަދެއްގެ ފާފަތައް ހިފައިގެންދާކަމެވެ. މިހެން ބުނީމާ ތިމަންނަ ކުރީ ކޮން ފާފައެއްތޯ ވެސް ސުވާލުކޮށްފާނެއެވެ. ޖަވާބުގައި ބުނެލަން އޮތީ ބެލުން ހަރާމް ކިތައްތަން ބެލިންތޯއެވެ؟ ނަމާދު ނުކުރުމަކީ ފާފައަކަށް ނުވަނީ ހެއްޔެވެ؟ މުޅި ދުވަހު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްނުލައި ހަމައެކަނި ތިމާ ކުރަން ބޭނުންވާ ކަންކަން ކޮށްލައިގެން އުޅުމަކީ ފާފައަކަށް ނުވަނީ ހެއްޔެވެ؟

މީސްތަކުންނޭވެ! މިއީ ވަރަށް ނިކަމެތި ހާލަތެކެވެ. ނިކަންވިސްނައިލަބަލާށެވެ. އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީވެސް އެނބުރި އަލުން އަންނާނެ ދުވަހެއް ނޫނެވެ. ނަމަވެސް ތިބާގެ ދަރަނި ދާނީ އިތުރުވަމުންނެވެ. އެއްދުވަހުން އަނެއް ދުވަހަށް ދާނީ ފަށްފަށްވެ ބަންޑެލި ޖެހެމުންނެވެ. ތިލަފަތުގެ ފާފައިގެ ކޮޅަށް ބަރުބޮޑުވަމުންނެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަތިން އެންމެ މިނިޓަކަށް ނަމަވެސް ހަނދާން ނައްތައިލުމަކީ އަމިއްލަ ނަފުސަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެހެނީ އެންމެ ގިނައިން ކުރެވޭ ފާފަ ކަމަށްވެފައި އޮންނަ ލޮލުން ބެލުމުގެ ފާފަ ވެސް ﷲ ތަޢާލާގެ މަތިން ހަނދާންކޮށްގެން ހުންނަ މީހަކު ޤަޞްދުގައި ނުކުރާނެ ކަމެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދު ނުކޮށެއްވެސް ނުހުންނާނެއެވެ. ޖީބުގައި ތަނަވަސްކަން ހުރެ ފަޤީރަކާއި ބައްދަލުވެއްޖެނަމަ އެހީތެރިނުވެ ދޫކޮށެއްވެސް ނުލާނެއެވެ.

މިފަދަ ހުރިހާ ކަމަކުން ވެސް އަންގައިދެނީ އަބަދުވެސް ﷲ ތަޢާލާ ހަނދުމަކޮށްގެން ހުރުމުގެ މުހިންމުކަމެވެ. އެކަން ކޮށްގެން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތް ކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން