މުސީބާތަށް ކެތްތެރިވާނަމަ ﷲ އާ މަލާއިކަތުންނާ މީސްތަކުންގެ ލޯބި މިންވަރު ކުރައްވަވާނެ: ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މުސީބާތަށް ކެތްތެރިވާނަމަ ﷲ އާ މަލާއިކަތުންނާ މީސްތަކުންގެ ލޯބި މިންވަރު ކުރައްވަވާނެ: ވައްހާޖް ޠަރިން
ބައެއް މީހުންނަށް ހީވަނީ ކިތަންމެ ކުޑަ ނަމަވެސް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެމީހެއްގެ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. ޙައްލު ހޯދުމުގެ ނަމުގައި ތެޅި ފޮޅެމުން ގޮސް ދީނުން ބޭރުވާ ފަދަ އަމަލުތައް ވެސް ކުރެވެއެވެ. ފާލު ބަލައި ސިހުރުހާހޫރަވެސް ހައްދުވައެވެ.

މީސްތަކުންނޭވެ. ކެތްތެރިވާށެވެ. ކެތްތެރިވެ ތިބެ ޝިފާ، ޙައްލު ހޯދަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދި ދުޢާކުރާ ކުރާށެވެ. އެހެނީ މުޞީބާތަށް ކެތްތެރިވާ މީހުންދެކެ ﷲ ތަޢާލާ އިންތިހާއަށް ލޯބިވެވޮޑިގަންނަވައެވެ.

މީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވައެވެ. ޖިބްރީލްގެފާނު ހުރިހާ މަލާއިކަތުންނަށް އަންގަވައެވެ. އަދި ދުނިޔޭގައި ތިބި އެންމެންނަށްވެސް އަންގަވައެވެ. އެހިސާބުން އެމީހަކު ދެކެ އެންމެން ލޯބިވާނެއެވެ. އެމީހަކަށް އެންމެންގެ ލޯބި ލިބޭނެއެވެ. ދެން އިތުރަށް ބޭނުންވާނީ ކޮން ކަމެއް ހެއްޔެވެ؟

އެއްވެސް ހާލެއްގައި މިބުނަނީ ބަލިވީމާ ބޭސްފަރުވާ ނުކުރުމަކަށް ނޫނެވެ. މާލީ ދަތިކަމެއް ކުރިމަތިވުމުން އެކަމަކުން އަރައިގަންނަން މަސައްކަތް ނުކުރުމަކަށްވެސް ނޫނެވެ. ކޮންމެ މުޞީބާތެއް ކުރިމަތިވި ނަމަވެސް އެކަމަކުން އަރައިގަންނަން މަސައްކަތްކުރަންޖެހޭނެއެވެ. ނަމަވެސް ކެތްތެރިކަމާއިއެކުގައެވެ. ޙައްލު ހޯދަން މަސައްކަތްކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ.

ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެ ﷲ ތާޢާލާގެ ޙަޟްރަތުން ވާގިއެދުމުން ކާމިޔާބުވާނެއެވެ. އަޑުއަހާށެވެ. "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް" ވަޙީ ކުރައްވަވާފައި އޮތުމުން ނުފުދެނީ ހެއްޔެވެ؟ ތިމާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރެވޭ މީހާ މާޔޫސްއެއް ނުވާނެއެވެ. އަބަދުވެސް ހުންނާނީ އުފަލުންނެވެ.

އުފުލަންޖެހޭ ތަކްލީފަކީ އެއްވެސް ބުރައެއް ކަމުގެ އިޙްޞާޞެއްވެސް ނުކުރެވޭނެއެވެ. އެހެނީ އެމީހާ އަބަދުވެސް ހުންނާނީ ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކޮށްގެންނެވެ. ﷲ ތައާލާ މިންވަރު ކުރައްވަވާ ކަންކަމަށް ޝުކުރުވެރިވެގެންނެވެ. އެހެންކަމުން އެމީހާ އަބަދުވެސް ހުންނާނީ އުފަލުންނެވެ.

- މަޢްލޫމާތު: ވައްހާޖް ޠަރިން އާއި އިސްލާމީ ތިލަފަތް
މިއަދު އޮންލައިން