މުޙައްމަދު (ﷺ) އާއިމެދު ފޮތެއް ލިޔަން އަހަރެން ވިސްނީ ކީއްވެގެންކަން ބުނެދޭނަމެވެ. ފުރަތަމަ ކަމަކީ ޢިލްމީ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްއްގައި ވެސް މުޙައްމަދު (ﷺ) ވެވަޑައިގެންފައިވަނީ ދުނިޔެ ބަދަލުކޮށްލެއްވި އެންމެ މުޙިންމު ޝަޚްޞިއްޔަތަށެވެ. މިއީ ޢިލްމުވެރިންގެ އިތުރުން ހަޤީޤަތް ޤަބޫލުކުރާ ސައިންސްވެރިންވެސް ޤަބޫލުކުރާ ކަމެކެވެ.
ހަމައެއާއިއެކު ފާހަގަކުރަންޖެހޭ ކަމަކީ ދުނިޔޭގައި އެންމެ ގިނަ ބައަކު ކުރާ އެއް މަސައްކަތަކީ މުޙައްމަދު (ﷺ) އަށް ފުރައްސާރަކުރުމުގެ މަސައްކަތެވެ. މުޙައްމަދު (ﷺ) ގެ ބަސްފުޅުތަކުން ކުށް ހޯދުމާއި ދޮގުކުރުމުގެ މަސައްކަތްތަކެވެ.
ނަމަވެސް ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެގޮތުން ކުރާ މަސައްކަތްތައް ގިނަވި ވަރަކަށް މުޙައްމަދު (ﷺ) ގެ ބަސްފުޅުތައް ދަނީ ކުރިއަރަމުންނެވެ. އެ ބަސްފުޅުތައް ޤަބޫލުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިތުރުވަމުން ގޮސް މިއަދު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީން ކަމަށް މިވަނީ ވެފައެވެ.
މިކަންކަމަށް އަހަރެން ވަރަށް ބޮޑަށް ވިސްނައިފީމެވެ. މިއީ ބޮޑުވެގެންވާ އަޖައިބެއްގެ ގޮތުގައި ނޫނީ މުޢްޖިޒާތެއްގެ ގޮތުގައި ނޫނީ އަހަރެންނަކަށް ނުވިސްނުނެވެ.
އިސްލާމް ދީން ފަތުރަން ޢަރަބި މީޑިއާތަކުން ކުރާ މަސައްކަތް ފޯރަނީ ދުނިޔޭގެ މަދު މީހަކަށެވެ. އިސްލާމް ދީނާއި ދެކޮޅަށް ފަތުރާ މައުލޫމާތުތައް މުޅި ދުނިޔެއަށް ފޯރައެވެ. ނަމަވެސް މީސްތަކުންނަށް އަސަރުކުރަނީ އެމީހުންނާއި ހަމައަށް ނުވެސް ފޯރާ މަސައްކަތްތަކުން ކަމަށްވުމުން މިއީ އާދައިގެ ކަމެއް ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އެބަ އެނގެއެވެ.
ނިކަން ވިސްނައިބަލާށެވެ. ވަރަށް ނިކަމެތި ޙާލުކޮޅުގައި ހުންނެވި މުޙައްމަދު (ﷺ) އެއްވެސް މުއްސަންޖެއްގެ ފަރާތުން އެއްވެސް އެހީތެރިކަމަކަށް އެދިވަޑައިގެންފައެއް ނުވެއެވެ.
އަނބިއަނބިކަނބަލުންނާއި ތުއްޕުޅު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ހައިހޫނުކަމުގައި އެތައް ދުވަހަކު ތިއްބަވާއިރުވެސް އެންމެ ކުޑަމިނުން ޢާއިލާގެ މުއްސަނދި ބޭފުޅެއްގެ އަރިއަހުން ކަދުރުއޮށަކަށްވެސް އެދިވަޑައިގެންފައެއް ނުވެއެވެ. މުސްލިމުންގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނަވައިމެއެވެ.
އަހަރެން އަދި މިހިރީ އިސްލާމްވެގެން ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ބުނަން ބޭނުން އެއްވާހަކައެއް އެބައޮތެވެ. އަހަރެން އެންމެ އެދޭ ކަމަކީ މުޙައްމަދު (ﷺ) އާއި ބައްދަލުކުރުމެވެ.
(މިއީ ޔަހޫދީ ލިޔުންތެރި އަންހެނަކު ސަލާމަތީ ސަބަބުތަކަށްޓަކައި ފޮރުވިގެންހުރެ މިޞުރުގެ ނޫހަކަށް ދީފައިވާ ބަޔާނެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.)