"ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އާއި ބައްދަލުވުމަކީ އެންމެ ބޮޑު އެދުމެވެ. އަދި ކޮންމެ މުސްލިމަކުވެސް ވުމަށް އެންމެ ބޭނުންވާނެ ކަންތަކެވެ. ބައްދަލުވީމަ ވާނެ ގޮތް ހަމަ ބުނަންވެސް ނޭނގެއެވެ. ދުޢާ އަކީ ކަންތައްތައް ވީހައި ރަނގަޅަކަށް މެދުވެރިކުރެއްވެވުމެވެ."
މިއީ "ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އާއި ބައްދަލުވެއްޖެނަމަ އަމަލުކުރާނީ ކިހނެއްތޯ ކޮށްފައިވާ ސުވާލަކަށް މުފްތީ މެންކް ދެއްވަވާފައިވާ ޖަވާބެކެވެ.
ހަމަ މިސުވާލު އުސްތާޛް ވައްހާޖް ތަރިން އާއި ކުރުމުން ވިދާޅުވީ "ވަރަށް އުފާވާނެ. ވަރަށް ލަދު ގަންނާނެ. ލަދުން ގޮސް ދުލުން ބަހެއް ބުނުމުގެ ހިއްވަރު ލިބޭނެ ކަމެއްވެސް ނޭނގެ. ހަށިކޮޅުގައި އޮޅުލައިގަންނަން ބޭނުން. ބޮސްދޭން ވެސް ބޭނުން. އެކަމަކު ހިއްވަރު ލިބޭނެކަމެއް ނޭނގެ. ދުޢާއަކީ އަހަރެންވެސް އަދި ހުރިހާ މުސްލިމުން ވެސް ރަސޫލް (ﷺ) އާއި ބައްދަލުވުން. އަދި އެކަލޭގެފާނުގެ ޝަފާޢަތް ﷲ ތަޢާލާ މިންވަރު ކުރެއްވެވުން."
މިއީ ދުނިޔޭގައި މިވަގުތު ތިއްބެވި އެންމެ ބޮޑެތި ދީނީ ޢިލްމްވެރިންެގެ ބަސްފުޅުތަކެވެ. މި ޖަވާބުތަކަށް ވިސްނުމުން އެނގިގެންދަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ގެ މައްޗަށް އެބޭކަލުންގެ ހިތްޕުޅުގައި އޮތް ލޯބީގެ މަތިވެރިކަމެވެ. ކުރައްވަވާ ޤަދަރާއި އިޙްތިރާމްގެ މަތިވެރިކަމެވެ. އެކަމަށް އެބޭފުޅުން ބޭނުންފުޅުވެގެން ތިއްބެވި މިންވަރު ބޮޑުކަމެވެ.
އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކައު އިތުރު ރަސުލާ މުޙައްމަދު (ﷺ) އާއި ބައްދަލުވުމަށް އެދޭމީހަކަށް ވާންޖެހޭނެއެވެ. އަދި އެ އެދުން އެންމެންގެވެސް އޮތީ ހަމައެފަދައިންނެވެ.
މައްސަލަ ކުރިމަތިވަނީ އެކަމަށް އެދިގެން ހުރެ އަމަލުކުރެވޭ ގޮތެވެ. އިސްލާމް ދީނަށް އަމަލުކުރެވޭ މިންވަރެވެ. އަމަލުކުރެވޭ ދަރަޖައެވެ. ސުންނަތުގައި ހިފެހެއްޓޭ މިންވަރެވެ. ޚާއްޞަކޮށް ސުންނަތް ނަމާދުތައް ކުރެވޭ މިންވަރެވެ. އެހެނީ އިތުރު މާތް ނަބިއްޔާ އާއި ބައްދަލުކުރަން ބޭނުންމީހާއަށް އޮތީ ވީހައި ގިނަގިނައިން ސަޖިދަކުރުންކަން އެނެގެން އޮތުމާއިއެކުވެސް އެކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވެފައިވުމެވެ.
މެޗެއް ބަލަން ދަނޑަށް ވަންނަނީ ޓިކެޓް ގަނެގެން ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު އިތުރު މާތް ނަބިއްޔާ (ﷺ) އާއި ބައްދަލުކުރަން އެދޭމީހާ އަމަލުކުރަން އިތުރު މާތް ނަބިއްޔާ (ﷺ) އަންގަވާފައިވާ ގޮތަށް އަމަލު ނުކޮށް އެކަން ޙާޞިލެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ ކޮންމެ އަގެއް ދީފައިވެސް ބަލަން ބޭނުންވާ މެޗުގެ ޓިކެޓް ގަންނަ ފަދައިން ކޮންމެ ފަދަ ޤްރްބާނީއެއް ވެގެން ނަމަވެސް އިތުރު މާތް ނަބިއްޔާ (ﷺ) ގެނެސްދެއްވެވި ހިދާޔަތުގައި ދެމިހުންނާށެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތައް ކުރުމާއިއެކު ސުންނަތް ނަމާދުތައް ގިނަގިނައިން ކުރާށެވެ. ﷲ ތަޢާލާގެ އިރާދަފުޅާއިއެކު މުޙައްމަދު ރަސޫލް (ﷺ) އާއި ބައްދަލުކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން