އެކުވެރި ޝައިޠާނުން ތިބޭނަމަ ސަލާމަތެއް ނުވެވޭނެ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
އެކުވެރި ޝައިޠާނުން ތިބޭނަމަ ސަލާމަތެއް ނުވެވޭނެ: ބިލާލް އައްސަދު
"ކޮންމެ އިންސާނަކު ވެސް އުފައްދަވާފައިވަނީ ހެޔޮ ކަންކަން ކުރުމަށާއި ނުބައި ކަންކަން ކުރުމުގެ ޝައުޤުވެރިކަމާއިއެކުގައެވެ. އިޚްތިޔާރު ކުރަން ބޭނުން މަގެއް އިޚްތިޔާރުކުރުމުގެ އިޚްތިޔާރު ވަނީ އިންސާނުންނަށް ދެއްވަވައިފައެވެ.

އިންސާނުންގެ ތެރެއިން ނުބައިމަގު އިޚްތިޔާރުކުރާ މީހުންނަކީ ވަރަށް ނުރައްކާތެރިބައެކެވެ. އިބިލީހަށްވުރެ ނުބައި ބައެކެވެ. އަޢޫޛް ކިޔުމުން އިބިލީސް ދުރަށް ދާނެއެވެ. ކީރިތި ޤްރްއާން ކިޔެވުމުން އިބިލީސް ދުރަށް ދާނެއެވެ. ނަމަވެސް އިންސާނުންގެ ތެރެއިންވާ ޝައިޠާނުން މިއިން ކޮންމެ ކަމެއް ކުރި ނަމަވެސް ދުރަކަށް ނުދާނެއެވެ. ހަމަ ހުންނާނީ ކައިރީގައެވެ. ހުރެގެން ވަސްވާސް ދޭނީއެވެ. ތަފާތު ފަލްސަފާތައް ކުރިއަށް ނެރެގެންނެވެ.

މުސްލިމުންނަކީ އެފަދަ އެއްވެސް ފަލްސަފާއެއް ޤަބޫލުކުރަންޖެހޭނެ ބައެއް ނޫނެވެ. މުސްލިމުންގެ އޮންނާނީ އެންމެ ފަލްސަފާއެކެވެ. އެއީ ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތެވެ. އިތުރަށް އެއްެވެސް ފަލްސަފާއެއް ވެއްދުމެއް ނެތެވެ."

ޝައިޠާނާއަކީ ކޮބައިކަން އަހަރެމެން އެންމެންނަށް ވަރަށް ރަނގަޅަށް އެބައެނގެއެވެ. ޝައިޠާނާއެވެ. ބުނެވިއްޖެނަމަ އެދައްކަނީ އިބިލީހުގެ ވާހަކަކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ހިތާމައަކީ އެއްވެސް ޙާލެއްގައި ޝައިޠާނާއަކީ ކަނޑައެޅިގެން މީސްތަކުންނަށް ހުރި ބޮޑުވެގެންވާ އަދާވާތްތެރިއެއް ކަމަށާއި އެއްވެސް ގޮތަކުން އެއްވެސް ވަރަކަށް ޝައިޠާނާ އާއި ކައިރި ނުވުމަށް ﷲ ތަޢާލާ ގަދައަޅައި ކުރައްވަވާފައިވާ އަމުރުފުޅުތައް ހަނދާން ނެތޭ ކަމެވެ.

މިކަން ބާއްވާށެވެ. އަހަރެންގެ ނަޒަރުގައި ޝައިޠާނާއަކީ ހަމައެކަނި އިބިލީސްކަމަށް ބަލައިގެން ނިންމައިލެވޭކަށް ނެތެވެ. އިބިލީހަކީ އިބިލީހެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ޝައިޠާނާގެ މާނަ އެއަށްވުރެ މާބޮޑަށް ފުޅަލެވެ.

އަހަރެން ޤަބޫލުކުރާ ގޮތުގައި ﷲ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަން ހިއްވަރުދޭ ކޮންމެ މީހަކީވެސް އިބިލީހުގެ ބައިވެރިއެކެވެ.

ޝައިޠާނެކެވެ. ވީމާ އެކުވެރިންގެ ތެރޭގައި ޝައިޠާނުން ތިބި ނަމަ އަވަހަށް ދުުރުހެލިވާށެވެ. އެމީހުންނަކީ އިބިލީހުންކަމަށް ހިތުގެ އެންމެ އަޑިން ކަނޑައަޅައި އެއިން މީހަކާއި ހަމަ އެއްވެސް ވަރަކަށް ކައިރިނުވާށެވެ. އިބިލީހަކީ އެންމެންގެ މައްޗަށް ހުރި އެންމެ ބޮޑު އަދާވާތްތެރިޔާ ކަމަށާއި އިބިލީހާއި އެއްވެސް ވަރަކަށް ކައިރި ނުވަން ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުން އެމީހުންގެ މައްޗަށް ވެސް ތަންފީޒުުކުރާށެވެ!

އެކުވެރިންގެ ތެރޭގައި ތިބޭ ޝައިޠާނުންގެ ކިބައިން ލިބޭ ދުނިޔަވީ ކޮންމެވެސް ފައިދާއެއް ވެސް އޮވެދާނެއެވެ. މައްސަލައަކީ އެ ލިބޭ ކުޑަކުޑަ ދުނިޔަވީ ފައިދާއަށްވުރެ ލިބޭ ހަޤީޤީ ގެއްލުން އެތައް ގުނައަކަށް ބޮޑުކަމެވެ. އެހެނީ އެއްވެސް ސަބަބެއް މެދުވެރިވެގެން އާޚިރަތް ގެއްލުމަށްވުރެ ބޮޑު ދެރައެއް އެއްވެސް މީހަކަށް ނުލިބޭނެތީއެވެ.

އެކުއުޅެން ރަނގަޅު އެކުވެރިން އިޚްތިޔާރުކުރަން ﷲ ތަޢާލާ އަންގަވާފައި އެވަނީ އެފަދަ ސަބަބުތަކަށްޓަކައެވެ. އެކަމަށް ބާރު އަޅުއްވަވައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެތައް އަމުރުފުޅުތަކެއް ކުރައްވަވާފައި އެވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

އެމީހަކު މަޙްޝަރު ކުރެވޭނީ އެމީހަކު ދުނިޔޭގައި އުޅުނު ބައަކާއިއެކުގައި ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅަކީ އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލައިގެން ވާން އޮތް ކަމެއް ނޫނެވެ. އެ ބަސްފުޅުގެ މާނައަކީ އެކުގައި އުޅުނު ބައެއްގެ ބޭރުފުށުގެ ސިފައެއް ނޫނެވެ. އެބައަކު ކޮށް އުޅުނު އަމަލެކެވެ. މިސާލަކަށް ބުނާނަމަ ނައިޓް ކްލަބްތަކަށް ދިއުމެވެ. ޒިނޭކުރުމެވެ. މިހެން ގޮސް އެމީހަކުކޮށް އުޅުނު ނުބައި އަމަލެކެވެ.

ހަމައެފަދައިން ހެޔޮ އަމަލުކުރާ މީހާއަށްވެސް އޮތީ ހަމަ މިމަގެވެ. ނަމާދުކުރި މީހާ މަޙްޝަރު ކުރެވޭނީ ނަމާދުކުރި މީހުންނާއިއެކުގައެވެ. ރޯދަހިފައި އުޅުނު މީހުން މަޙްޝަރު ކުރެވޭނީ ރޯދަވެރިންނާއިއެކުގައެވެ. ތެދުވެރި އިޚްލާޞްތެރިން މަޙްޝަރުކުރެވޭނީ އެފަދަ މީހުންނާއިއެކުގައެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން