އެހެން މީހުންނާމެދު ނުބައިކޮށް ދެކޭނަމަ ނުވަތަ އެހެން މީހުންނާއި ބެހޭ ގޮތުން ނުބައި ޙިޔާލުތައް ބޮލަށް ވަންނަނަމަ، އެމީހުން ވެސް ތިމާއާއިމެދު ދެކޭނީ ނުބައިކޮށް ކަމަށް މުޅި ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުސްތީ އިސްމާއިލް މެންކު (މުފްތީ މެންކު) ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ ދަރުހެއްގައި ނަސޭޙަތްތެރި ވެފައިވަނީ އެކަކު އަނެކަކާމެދު ނުބައިކޮށް ވިސްނާ، ބޭއަދަބީ ބަަސް ބުނުމަކީ މިޒަމާނުގައި ގިނަ ބަޔަކު ކުރަމުން އަންނަ ވަރަށް ނޭދެވޭ ކަމެއް ކަމަށާއި މިއީ މާތް ﷲ ސުބްޙާނަހޫ ވަތައާލާ ނަޙީ ކުރައްވަވާފައިވާ ކަންކަން ކަމަށެވެ.
އަނެކާއާއިމެދު ހެޔޮކޮށް ވިސްނާ، ހެޔޮ ބަސް ބުނުމުން މާތް ﷲ އެބަޔަކަށް ހެޔޮ ގޮތް މެދުވެރި ކުރައްވަވާ އެކަލާނގެ ހެޔި ރަޙުމަތުގެ ދޮރުކޮޅުތައް އެމީހަކަށްޓަކައި ހުޅުވާލައްވާނެ ކަމަށް ވެސް މުފްތީ މެންކު ނަސޭޙަތްތެރިވެފައިވެއެވެ.
"އެހެން މީހުންނާއި ބެހޭ ގޮތުން ނުބައިކޮށް ދެކުމަކީ ވަރަށް ވެސް ނޭދެވޭ، އަދި ގެއްލުމާއި ހަލާކުން ފުރިގެންވާ ބޭކާރު ކަމެއް. މިސާލަކަށް ބުނާނަމަ، އަންހެނަކު ތަންކޮޅެއް ދަން ގަޑިއެއްގައި މަގުމަތިން ހިނގާފައިދާތަން ފެނުމުން، އެއަންހެން މީހާ އެއަންނަނީ ކޮންމެވެސް ވިޔާނުދާ ކަމެއް ކޮށްފައި ކަމަށް ބުނާ މީހުން ވެސް އެބައުޅޭ! މިއީ ކީއްކުރަން ދައްކާ ވާހަކައެއްތޯ؟ މިފަދަ ބަސްތައް ބުނާއިރު، އެކަމުގެ އަސްލު ހަގީގަތަކީ ކޮބައިކަން އެނގެނީ ކިތައް މީހުންނަށްތޯ؟
އެހެން މިސާލެއްގެ ގޮތުން ބުނާނަމަ، މީހަކު މިސްކިތެއްގައި މިއިނީ އޭނާގެ މޮބައިލް ފޯނު ނަގައިގެން އެއަށް ބަލަން. މިފަދަ މަންޒަރެއް ފެނުމުން ބައެއް މީހުން ބުނެފައި އެބަހުރި، ބަލާބަލާށޭ، މިސްކިތުގައި ވެސް އޭނާ އެއިނީ ފޯނާއި ކުޅެންށޭ. މިފަަދަ ގޮތްގޮތަށް ވާހަކަ ދައްކާއިރު، އެމީހާ އިނީ އޭނާގެ ފޯނުން ކީރިތި ޤުރްއާން ކިޔަވަން ނޫން ކަމެއް ވެސް ކިހިނެއްތޯ އިނގެނީ؟
މާތް ﷲ އަށް ކިޔަމަންތެރިވެ، އެކަލާނގެއަށް އަޅުކަން ކުރާ މުސްލިމު އަޚުންނާއި އުޚްތުންނޭވެ. ނުބައި ވެގެންވާ ޝައްކާއި ވަސްވާހާއި ޚިޔާލުތަކުން ތިޔަބައިމީހުންނަކީ ދުރުވެގެންވާ ބަޔަކު ކަމުގައި ލައްވާފާނދޭވެ! އާމީން" މުފްތީ މެންކު ވިދާޅުވިއެވެ.