ދުނިޔޭގަ ހުރި އެންމެ ބާރުގަދަ އެންމެ މުއްސަނދި މީހާއަށް ވާން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ދުނިޔޭގަ ހުރި އެންމެ ބާރުގަދަ އެންމެ މުއްސަނދި މީހާއަށް ވާން ބޭނުން ހެއްޔެވެ؟
ރަނގަޅަށް ތާރީޚް ދިރާސާކޮށްބަލާށެވެ! މިއަދުގެ ސައުދިއަރަބިޔާ އޮތީ އެއިރުގެ އެންމެ ގަދަ ދެބާރުގެ މެދުގައެވެ. ރޯމަން އެމްޕަޔަރ އާއި ޕަރސިއަން އެމްޕަޔަރ އާއި ދެބާރުން ގެންދިއައީ ޤައުމުތަކަށް ވެރިވެ އެބައެއްގެ ބާރާ ނުފޫޒު ގަދަކުރަމުންނެވެ. ނަމަވެސް އެމީހުން ސައުދިއަރަބިޔާއަށް އަޅައިނުލައި ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟

ތެދަށް ބުނާނަމަ މީހުންގެ ބައިބައިވުން ބޮޑުކަމާއި ޖާހިލުކަން ބޮޑުވުމާއި އުޅެމުންދިއަ ދިރިއުޅުމުގެ ހަޑިމުޑުދާރުކަން ބޮޑުކަމުން އެއީ ބައެއް ކަމަށް ބަލައިގަންނަން ވެސް ބޭނުން ނުވީއެވެ. ޖާހިލުކަން ބޮޑުވަރު ނިކަން ވިސްނައިބަލާށެވެ. އެހެން ބައަކު އެމީހުންގެ ލޯބިލޯބި އަންހެން ދަރިން ދިރިތިއްބާ ވަޅުލި ހެއްޔެވެ؟ ބޮޑުން ކައިރީ އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ އަހައިފިނަމަ ބުނާނީ ޖަމަލެއްގެ ވާހަކައެވެ. ޖަމަލުތަކެއް ލިބިއްޖެނަމަ ހުރިހާ ކަމެއް ފުރިހަމަވީއެވެ.

މިފަދަ ހާލަތެއްގައި އެމީހުން ތިބި ނަމަވެސް ﷲ ތަޢާލާ އިސްލާމް ދީން ބާވައިލައްވަން މިންވަރުކުރެއްވެވީ އެމީހުންގެ ތެރެއަށެވެ. އިސްލާމް ދީން ބާވައިލެއްވެވުމުން އެމީހުންގެ ތެރެއިން ބައަކު އިސްލާމް ދީން ޤަބޫލުކުރިއެވެ. ﷲ އެންގެވި މަގުގައި ސާބިތުވިއެވެ. އެކަމުގެ ނަތީޖާ ފެނިގެން ދިއައީ ކިހިނަކުންހެއްޔެވެ؟

އިސާހިތަކު އެމީހުން ކުރިއަރައި ބާރުވެރިވިއެވެ. ސްޕޭނުން ފެށިގެން ނިޔުދިއްލީ އާއި ހަމައަށް އެމީހުންގެ ބާރާއި ނުފޫޒު ފެތުރިގެންދިއައެވެ. މުޅި އަރަބިކަރައަށް ވެސް ފެތުރިގެންދިއައެވެ.

އެކަންކަން އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުވުމުންނެވެ. ﷲ ތަޢާލާ އެންގެވި ގޮތުގައި ހިފަހައްޓައި އަމަލުކުރުމުންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވެ ތިބިނަމަ އެބައަކަށް ނަޞްރާއި ކާމިޔާބު މިންވަރުފުޅު ކުރައްވަވާނެ ކަމަށް އޮތް ވަޙީ ބަސްފުޅުގެ ތެދުކަން މިކަންކަމުން ނުއެނގެނީ ހެއްޔެވެ؟

ނިކަން ވިސްނައިބަލާށެވެ. ރަސޫލުކަމާއިގެން މުޙައްމަދު (ޞޢވ) ފޮނުއްވެވުނުއިރު މުޅި މައްކާގައި ތިބީ ލިޔަން ކިޔަން ދަންނަ އެންމެ 18 މީހުންނެވެ. ރަސޫލް (ޞޢވ) ދުނިޔެ ދޫކުރެއްވެވިއިރު ޢިލްމީ ދަންމަރުން މުޅި ދުނިޔެ އަލިކުރަމުން ދިއައީ މުސްލިމުންނެވެ.

އިތުރު މިސާލެއް ބުނެދެން ހެއްޔެވެ؟ ޖާހިލެއްގެ ގޮތުގައި ޢުމަރުގެފާނު ހުންނެވި ދުވަސްވަރު (އިސްލާމްވެވަޑައިގަތުމުގެ ކުރިން) އެންމެ ބޭނުންފުޅުވަނީ ކޮންކަމެއްތޯ ޢުމަރުގެފާނާއި ސުވާލު ކުރެވުނެވެ. ޖަވާބުގައި ވިދާޅުވީ ޖަމަލުތަކެއް ކަމަށެވެ. ނަމަވެސް އިސްލާމްވެވަޑައިގެން މުސްލިމުންގެ ޚަލީފާ ކަމުގައި ހުންނަވަނިކޮށް ހަމަ އެސުވާލު ކުރެވުމުން ވިދާޅުވީ ބޭނުންފުޅުވަނީ އިސްލާމް ދީނުގެ ނޫރު މުޅި ދުނިޔެއަށް ފެތުރެން ކަމަށެވެ.

މުސްލިމުން މުސްލިމުންގެ ގޮތުގައި ޚާއްޞަކޮށް މުސްލިމުންގެ ވެރިން ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިއްބެވިއިރު ދުނިޔެއަށް އެންމެ ބޮޑު ބިރަކަށްވެފައި އޮތީ މުސްލިމް އުންމަތެވެ. މުޅި ދުނިޔޭގެ ސަމާލުކަން އޮތީ މުސްލިމް އުންމަތަށެވެ. މުޅި ދުނިޔެ އޮތީ މުސްލިމުންގެ އެހީތެރިކަމަށް އެދިއެދިއެވެ.

މިއަދުވެސް މިތިބީ މުސްލިމުންނެވެ. ވެރިންވެސް އެބަތިއްބެވެ. ނަމަވެސް އަމިއްލަ ނަފުސުވެސް ދިފާއުކުރުމުގެ ބާރެއް ނެތެވެ. އެހީތެރިކަން ހޯދަން މިޖެހެނީ އެމެރިކާ ނުވަތަ ނުވަތަ އެނޫންވެސް މުސްލިމުން ނޫން ބައެއްގެ ކިބައިންނެވެ.

މިވީ ކިހިނެއްހެއްޔެވެ؟ މިހައި ދަށުދަރަޖައަކަށް ވެއްޓިގެން މިދިއައީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި ބުނަންޖެހޭނީ ހަމަ އެންމެ ސަބަބަކާއިހުރެ ކަމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކާއި ދުރުހެލިވެވުމެވެ. ކީރިތި ޤްރްއާނާއި ދުރުހެލިވެވުމެވެ. އަމިއްލަ އެދުން ބޮޑުވެ މަގުފުރެދުމެވެ.

ދެން ކުރާނެ ސުވާލަކީ މިމައްސަލަތަކުގެ ހައްލަކީ ކޮބައިހެއްޔެވެ؟ ޙައްލަކީ ފުރިހަމަ އަށް އިސްލާމްދީނަށް ރުޖޫޢަވުމެވެ. ކީރިތި ޤްރްއާނަށް އަމަލުކުރަން ފެށުމެވެ. ކީރިތި ޤްރްއާނަކީ ޤާނޫނު ކަމަށް ހެދުމެވެ.

އަދިވެސް ބުނަން ހެއްޔެވެ؟ މިކަން މިވަރުން ފުއްދައި ނުލާށެވެ! އަމިއްލަ ދިރިއުޅުމަށްވެސް މިކަން މިގޮތަށް ނަގާށެވެ! ކީރިތި ޤްރްއާނަށް އަމަލުކުރާ މީހަކަށްވާށެވެ! އެއިރުން އެމީހަކަށްވުރެ ބާރުގަދަ އެހެން އެއްވެސް މީހަކު ނުހުންނާނެއެވެ! އެމީހަކަށްވުރެ ތަނަވަސް މީހަކުވެސް ނުހުންނާނެއެވެ. އެމީހަކަށްވުރެ ހިތްހަމަޖެހިގެން ދިރިއުޅޭ މީހަކުވެސް ނުހުންނާނެއެވެ!

ރަނގަޅަށް ވިސްނާށެވެ! ކީރިތި ޤްރްއާނަކީ އެންމެ އަލިގަދަ ދަންމަރެވެ. އެއިން އަލިކަން ނުލިބޭނެ އެއްވެސް ކަމެއް ނެތެވެ. ދިއްލައި އަލިކަން ހޯދަން ކެރުނު މީހަކީ އެންމެ ކާމިޔާބު މީހާއެވެ!

- ވައްހާޖް ޠަރިންގެ ދަރުސަކުން
މިއަދު އޮންލައިން