އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެމީހާއަކީ ގެއްލެނިވެގެންވާ މީހެއް ކަމަށެވެ. ތައުބާ ވެސް ނުވެވޭނެ މީހެއް ކަމަށެވެ. ކުރެވިފައިވާ ފާފަތައް ގިނަކަމުން ދުވަހަކުވެސް ސުވަރުގެ ނުލިބޭނެ މީހެއް ކަމަށާއި ދާއިމަށް ނަރަކައިގައި އޮންނަން ޖެހޭނެ މީހެއް ކަމަށެވެ.
ނަމަވެސް މިއީ މީހަކަށް ވިސްނޭނެ އެންމެ މޮޔަ ވިސްނުމެވެ. އެކަން އެނގިގެންދަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘް ބަސްފުޅުންނެވެ. "އިޞްލާޙްވުމަށް. ތައުބާވުމަށް މަސައްކަތްކުރާ މީހާ، އެއްވެސް ފާފައެއް ނުކުރާ މީހާ އާ އެއްފަދައެއެވެ. ނުވަތަ އެމީހެއްގެ ކިބައި އެއްވެސް ފާފައެއް ނެތް މީހަކާއި އެއްފަދަ" ކަމަށް އޮތް ޙަދީޘް ބަސްފުޅުން ނުފުދެނީ ހެއްޔެވެ؟
އޭނާއަށް ފާފަތައް ކުރެވުނީ ﷲ ތަޢާލާގެ މަތިވެރިކަން ނުއެނގި ހުރެއެވެ. އެނގުމުން އެމީހާ ﷲ މަގަށް އެނބުރި ތައުބާވަނީއެވެ. އޭނާއަށް ކުރެވުނު ކުށްތައް މަތިން ހަނދާންވެ ދެރަވެ ﷲ ތަޢާލާއަށް އެ ދަންނަވަނީއެވެ. "ޔާ ﷲ! މިއަޅާއަށް ކުށްތަކެއް ކުރެވިއްޖެއެވެ. މިއަލާއަށް ސަލާމަތް ކަމެއް ލިބެން އޮތީ އިނބަ ﷲ ދެއްވަވައިފިނަމައެވެ. ޔާ ﷲ! މިއަޅާއަށް ކުށްތަކަށް ފާފަފުއްސަވައި މިއަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނދޭވެ!"
ތިމާގެ ހިތުގެ އަޑިން އެކަންކަން ޤަބޫލުކޮށް ހިތުގެ އެންމެ އަޑިން މިފަދައިން ދެންނެވުމުން އޭނާއަކީ ފާފައެއް ނުކުރާ މީހަކާއި އެއްފަދަ ނުވާންވީ ކީއްވެގެންހެއްޔެވެ؟ ނަމަވެސް ދަންނާށެވެ! މިބުނަނީ ހަމައެކަނި ދުލުކުރިން ބުނެލަންވީ ބަހެއްގެ ވާހަކައެއް ނޫނެވެ! ޢަމަލުތަކުންވެސް އެކަން ދައްކަންޖެހޭނެއެވެ.
ވިސްނާށެވެ! އެކަކީ މާކުރިންވެސް މިލިއަނަރެކެވެ. އަނެކަކު މުއްސަނދިވެ މިލިއަނަރަކަށްވީ މިއަދުއެވެ. މިލިއަނަރަކަށް ފަހުން ވުމަކީ އޭނާއަކީ މިލިއަނަރަކަށް ނުވާނެ ސަބަބަކީ ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. މިލިއަނަރަކަށްވާ ވަގުތުން ފެށިގެން އެމީހާއަކީ ހަމަ މިލިއަނަރެކެވެ.
މިއީ ﷲ ތަޢާލާ އަނަރެމެން އިންސާނުންނަށް ދެއްވަވާފައިވާ މަތިވެރި ނިޢުމަތެކެވެ. ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން ޖެހޭނެ ނިޢުމަތެވެ. ވީމާ އެއްވެސް މީހަކު ކުރެވިފައިވާ ފާފަތައް ގިނަވެގެން މާޔޫސް ނުވާށެވެ! އާދަމްގެފާނާއި ހައްވާގެފާނު ކުރެއްވެވި ދުޢާ ކުރާށެވެ! އަދި އެ ދުޢާ މަތީގައި ސާބިތުވެ ހުންނާށެވެ!
رَبَّنَا ظَلَمۡنَاۤ اَنۡفُسَنَا وَاِنۡ لَّمۡ تَغۡفِرۡ لَـنَا وَتَرۡحَمۡنَا لَـنَكُوۡنَنَّ مِنَ الۡخٰسِرِيۡنَ ﴿7:23﴾
"އަޅަމެންގެ ވެރި ރަސްކަލާކޮ! އަލަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިނބަ ރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވަވައިފިނަމަ، އަޅަމެން ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (23-7)
(ތައުބާވުމަށް ކުރަންވީ މިފަދަ ވަރަށް ގިނަ ދުޢާތައް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވެއެވެ.)
- މުފްތީ މެންކުގެ ދަރުސަކުން