ތިބާ ނަމާދަށް ހުއްޓުމާއިއެކު އުމުރުން އެންމެ 3 އަހަރު ނުވާ ތުއްތު ކުއްޖާ ނުވަތަ ދަރިފުޅު އައިސް ކައިރީގައި ނުހުއްޓޭ ހެއްޔެވެ؟ ޙަރަމް ނުބަނަސް ޙަރަމް ނުބަނދޭ ހެއްޔެވެ؟ ބައެއް ފަހަރު ތިބާ އަލްޙަމްދު ކިޔަވައި ނުނިމެނީސް ރުކޫއުކޮށް ސަޖިދައަށް ނުދޭހެއްޔެވެ؟ ތިބާއަށް އެންމެ ރަކްޢަތެއް ނުކުރެވިގެން އުޅެނިކޮށް އެތައް ބައިވަރު ރަކްޢަތްތަކެއް ނުކުރޭ ހެއްޔެވެ؟
މިއީ ވިސްނަންޖެހޭ ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. މިއީ ވަރަށް ގިނަ ފިލާވަޅުތައް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. އެއިގެ ތެރެއިން އެއް ފިލާވަޅަށް އަލިއަޅުވައިލެވޭތޯ ބަލާނަމެވެ.
އެންމެ 3 އަހަރު ނުވާ ކުއްޖާ އެބުނަނީ މަންމާ ނުވަތަ ބައްޕާއެވެ. ބައްޕަ ނުވަތަ މަންމަ ކުރާ ކޮންމެ ކަމެއް އަހަރެން ކުރާނަމެވެ. އަހަރެން ކުރަންވީ ކަންކަން ދަސްކޮށްދޭށެވެ. އެއިރުން ބައްޕަ ނުވަތަ މަންމައަށްވުރެ މާފުރިހަމަކޮށް އަހަރެން އެކަން ކުރާނަމަވެ. ނަމާދުވެސް މާފުރިހަމައަށް ކުރާނަމެވެ.
މިމެސެޖް މައިން ބަފައިންނަށް ދަރިން ދެމުންގެންދާކަމާއިމެދު ވިސްނަނީ ކިތައް މައިން ބަފައިން ހެއްޔެވެ؟ މި މެސެޖް މިގޮތަށް ވިސްނާނަމަ ބައެއް މައިން ބަފައިންގެ ކިބައިން ފެންނަމުން މިއަންނަ ކަންތައް ފެންނާނެ ކަމަށް ޤަބޫލެއް ނުކުރަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކުއްޖާއަށް ނަމާދުކުރަން މަޖުބޫރުވާ އުމުރު ކަމަށްވާ 10 އަހަރު ފުރޭއިރު މައިން ބަފައިން ސަޖިދަކުރާތަން ލޮލަށް ނުފެންނަ ކިތައް މިލިއަން ކުދިން އެބަތިބި ހެއްޔެވެ؟ ހަމައެކަނި ހުކުރަށް ނުވަތަ ޢީދު ނަމާދަށް ނޫނީ މައިން ބަފައިންނާއިއެކު ދިއުމުގެ ނަޞީބު ނުލިބޭ ކިތައް މިލިއަން ކުދިން ދުނިޔޭގެ ކަންކޮޅުތަކުގައި އެބަތިބި ހެއްޔެވެ؟
ދަރިންނަށް ދޭންޖެހޭ މުހިންމު ތަރުބިއްޔަތު ނުދީ ގޮސް ނައިޓް ކްލަބްތަކުގައި ތިބެނީ ކިތައް މިލިއަން މައިންބަފައިން ހެއްޔެވެ؟
ރެސްޓޯރަންޓްތަކާއި ޑިސްކޯތަކާއި ޕާޓީތަކާއި އެފަދަ ތަންތަނުގައި ތިބެ ވަގުތުތައް ހޭދަކުރަނީ ކިތައް މިލިއަން މައިން ބަފައިން ހެއްޔެވެ؟
މިފަދައިން ކަންތައްތައް ކުރަނީ ދަރިން ތަރުބިއްޔަތުކުރަންޖެހޭ ކަމުގެ ޒިންމާ އުފުލަންޖެހޭނެކަން ނުއެނގޭތީއެއް ނޫނެވެ. އެކަން އެނގެނީ ބައެއް މައިން ބަފައިން އެމީހުންގެ ތުއްތު ދަރިން ތަރުބިއްޔަތުކޮށް ދީނީ ކަންކަން ކުރަން ދަސްކޮށްދިނުމުގެ ޒިންމާ ކޮންމެވެސް ޝައިޚެއް ނުވަތަ މުދައްރިސެއްގެ ބޮލުގައި އަޅުވާފައި އޮންނާތީއެވެ.
ރަނގަޅުވާހަކައެއް ބުނަންހެއްޔެވެ؟ އެއީ ހަމަ ސުމެއްގެ ކަމެކެވެ. އެދުރުމީހާއަށް ދޫކޮށްލާފައި މައިން ބަފައިން އަޅާނުލައި ތިބޭނަމަ އެދުރު މީހާ ކައިރީގައި ކުދިން ތިބެގެން ކުރާނެ ކަމަކީ ނިޔަފަތި ކެއުން ފަދަ ކަމެކެވެ. އެދުރު މީހާ ކައިރީ އިނދެގެންވެސް ކުދިން ކިޔަވާނީ އެ މާހައުލުގައި މައިންބަފައިން ތިބެ ދަރިންނަށް އަޅާލައި ހިއްވަރުދެމުން ގެންދާނަމަ އެވެ. ތިބާ ޖައްވުގައި އުދުހެމުން ދަރިންނަށް ކިޔަވައިދީ ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު އެހެން މީހެއްގެ ބޮލުގައި އަޅުވާނަމަ ތިބާގެ ދަރިފުޅު ތަރުބިއްޔަތު ވާނީ ތިބާ ތިއަ ބޭނުންވާ ގޮތަކަށް ނޫނެވެ. އަދި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އެދުރު މީހާ ބޭނުންވާ ގޮތަކަށް ވެސް ނޫނެވެ. އިބިލީސް ބޭނުންވާ ގޮތަށެވެ.
ރަނގަޅަށް ވިސްނާށެވެ! ތިބާގެ ބެލެނިވެރިކަމުގެދަށުގައި ދަރިން ތިބޭ މުއްދަތުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެއެވެ. ދަރިންނާއި ޒިންމާ ހަވާލުކޮށް ދޫކޮށްލެވޭނީ އެއުމުރު ފާއިތުވުމުންނެވެ. އެ އުމުރުގައިވެސް ދަރިންނަށް ރަނގަޅު މަގު ދެއްކުމަކީ ކުރަންޖެހޭނެ ކަމެކެވެ. ﷲ ތަޢާލާ އާއި ވަކީލުކޮށް ނިންމައިލެވޭނީ މިހުރިހާ ޒިންމާތަކެއް އަދާކުރުމަށްފަހުގައެވެ.
ބުނަންހެއްޔެވެ؟ ބައެއް މީހުން ނަމާދުކުރަނީ ހަމައެކަނި ޒިންމާއިން ބަރީޢަވުމަށެވެ. ރަނގަޅެވެ. ނަމާދުކޮށްފިނަމަ އެވަނީ ޒިންމާ އަދާކުރެވިފައެވެ. ނަމަވެސް ނަމާދުކުރުމުން ލިބެން ޖެހޭ ފޮނިމީރުކަން ލިބިގެންދާނީ މަސްއޫލިއްޔަތެއްކަން އެނގިހުރެމެ ީވީހައި ފުރިހަމައަށް އަދާކުރުމުގެ ނިޔަތާއި އަޒުމާއިއެކު އެކަންކުރުމުންނެވެ.
ދަރިން ތަރުބިއްޔަތުކުރުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ﷲ ތަޢާލާ ޙަވާލުކުރައްވާފައިވާ މަސްއޫލިއްޔަތަކަށްވީތީ ކަމަކަށް ކަމެއް ކުރާ އުޞޫލުން އަމަލުކުރުމަކުން އެ މަސްއޫލިއްޔަތު އަދާކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މަސްއޫލިއްޔަތު އަދާކުރެވުނު ކަމަކަށް ނުވާނެއެވެ. އެކަމުން ލިބެންޖެހޭ ދަރުމަ އާއި ފޮނިމީރުކަމެއް ނުލިބޭނެއެވެ. އަދި ކީއްހެއްޔެވެ؟ އެކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނެއެވެ.
ތިބާގެ 3 އަހަރު ނުވާ ދަރިފުޅު ތިބާ ނަމާދަށް ހުންނައިރު ދޭ މެސެޖު ތަރުޖަމާ ނުކުރެވޭ މައިންބަފައިންނަށް ސަލާމަތެއް ނުވެވޭނެއެވެ. ވީމާ މައިން ބަފައިން ފުންކޮށް އެކަމަށް ވިސްނަން އަދި އަމަލުކުރަން ވަސިއްޔަތް ކުރަމެވެ.
- މުފްތީ މެންކްގެ ދަރުސަކުން