މަގުމަތީގައި އުޅޭއިރު ކަމަކަށް އެދި ސަލާންޖަހަން ކެރޭނީ މަދު މީހަކަށެވެ. ކޮންމެ ޤައުމަކުންވެސް ސަލާންޖަހާމީހުން ފެނެއެވެ. އެއީ ވަރަށް ނިކަމެތި ހާލުގައި ނުކައި ނުބޮއި ތިބި މީހުންގެ ހަމަ އެންމެ 2 އިންސައްތައެއްހައި މީހުންނެވެ. ދެން ތިބި 98 އިންސައްތައެއްހައި މީހުން ނިކަމެތިކަމާއިއެކުވެސް މަގުތަކަކުން ނުފެންނާނެއެވެ.
ބައެއް މީހުން ޞަދަޤާތެއް ކުރަން ބޭނުންވުމުން ޞަދަޤާތް ކުރަނީ މަގުމަތިން ބައްދަލުވެ އެހީއަށް އެދި އާދޭސްކުރާ ނުވަތަ ސަލާންޖަހާ މީހުންނަށެވެ. ރަނގަޅެވެ. އެއީ ވެސް ހަމަ ޞަދަޤާތެވެ. ޙާލުގައި ހުރި މީހަކު އެހީއަކަށް އެދިއްޖެނަމަ ވޮލެޓުގައި ފައިސާ ހުރެ ނުވަތަ ޖީބުގައި ފައިސާހުރެ، މާނައަކީ އެހީވެވެން އޮވެ އެހީ ނުވުމަކީ ﷲ ތަޢާލާ އެންމެ ނުރުއްސަވާ އެއްކަންތަކެވެ.
ތިބާގެ ޖީބަށް ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. އެ ފައިސާ ބޭނުންކުރާނީ އަމާނާތްތެރިކަމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ނޫންނަމަ ބަރަކާތް ކެނޑިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. މިފަދަ ހާލަތު އެތައް ބައަކަށް މިހާރުވެސް ތަޖުރިބާ ކުރަންޖެހޭތަން މިދަނީ ފެންނަމުންނެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޞަދަޤާތް ދިނުމުގައި ވެސް އެންމެ ފައިދާކުރާނެ ގޮތް ބަލައި ހޯދަންޖެހޭނެއެވެ. އެންމެ ފައިދާހުރި ގޮތުގައި ޞަދަޤާތް ދިނީމާ ލިބޭނެ ސަވާބު އިތުރުވާނެތީއެވެ. ވީމާ ޞަދަޤާތްދޭއިރުވެސް އެންމެ ބޮޑު ނަފާއެއް ލިބޭނެ ގޮތުގައި ހޭދަކުރަން މަސައްކަތްކުރަންޖެހޭނެއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ނިކަމެތި ހާލުގައި ދިރިއުޅޭ ޢާއިލާތައް ދެނެގަނެވިދާނެއެވެ. އަވަށްޓެރިންގެ ތެރޭގައިވެސް އެފަދަ މީހުން އުޅޭނެއެވެ. އަދި ޚުދު ތިމާގެ އަމިއްލަ ޢާއިލާގައިވެސް އެހީތެރިކަމަށް ބޭނުންވެގެން ތިބި ބައަކު ތިބެދާނެއެވެ. އެފަދަ މީހުން ނުވަތަ ޢާއިލާތައް ދެނެގަތުމަށްފަހު ކޮންމެ މަހަކުވެސް މުސާރަ ލިބުމުން ނުވަތަ ތަނަވަސްކަން ލިބޭވަރަކުން އެހީތެރިވެވިދާނެއެވެ.
އެފަދަ ގޮތަކަށް ޞަދަޤާތްކުރާނަމަ އެ އާއިލާއަކަށް އެކަމުގެ ސަބަބުން ވަރަށް ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ. ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ. ކެއިން ބުއިމުގެ އިތުރުން އަސާސީ ގިނަ ބޭނުންތަކެއްވެސް ފުއްދޭނެއެވެ.
މިބުނާ ބަހަކީ އެއްވެސް ޙާލެއްގައި މަގުމަތިން ބައްދަލުވާ ނުވަތަ ގެއަށް ގޮސް ސަލާންޖަހާ މީހަކަށް އެހީ ނުވުމަކަށް ނޫނެވެ. އެހީއަށް އެދިއްޖެނަމަ ވެދެވެން އޮތް އެހީތެރިކަމެއް ހަމަ އަބަދުވެސް ފޯރުކޮށްދޭންވީއެވެ. ފޯރުކޮށްދޭންވާނެއެވެ.
އަދިވެސް އިތުރަށް ތަފްޞީލުކޮށްދޭނަމެވެ. މިސަލަކަށް ތިބާގެ މުސާރައަކީ މަހަކު 10،000 ކަމަށްވެދާނެއެވެ. އެފައިސާއިން ތިބާގެ އަމިއްލަ ޚަރަދުތައް ކުރުމަށްފަހު ޞަދަޤާތް ކުރެވެން އޮތް އަދަދަކީ 500 ކަމަށްވެދާނެއެވެ. އަޅުގަނޑު އިލްތިމާސް މިކުރަނީ އެ 500 ކޮންމެ މަހަކުވެސް ތިބާގެ ފަރާތުން ޢާއިލާއަކަށް ދިނުމަށެވެ. ބޭނުންނަމަ 100 ދީ 5 ޢާއިލާއަށްވެސް އެހީތެރިވެވިދާނެއެވެ.
މުސާރަ ލިބުމާއިއެކު މި 500 ޞަދަޤާތްކުރާނަމަ އެކުރެވުނީ އެންމެ މަތިވެރި އެއްކަންތަކެވެ. އެ 500 އަތުގައި އޮތްނަމަ ކުރަން ނުޖެހޭ ޚަރަދެއްވެސް ކުރެވިދާނެއެވެ. އެއްވެސް ފައިދާއެއް ނުކުރާނެ ގޮތުގައިވެސް ހޭދަކުރެވިދާނެއެވެ.
މުސާރަ ލިބުމާއިއެކު ގޭގެ ކުލި ކޮންމެ މަހަކު ދައްކާ އުޞޫލުން ޞަދަޤާތްވެސް ކުރާނަމަ އެދަނީ ވާޖިބު އަދާކުރެވެމުންނެވެ. ބުނަންހެއްޔެވެ؟ ތަޖުރިބާ ކޮށްލަންވެސް މިފދަ ހަރުދަނާ އުޞޫލަކުން ޞަދަޤާތްކުރަން ފަށައިބަލާށެވެ! ތިބާއަށް އިތުރު ތަނަވަސްކަން ލިބެންފަށާ ގޮތް ތިބާއަށް ނުވެސް އެނގޭނެއެވެ! އެކަމުގެ ފައިދާ ދާނީ ތިބާއަށް ލިބެމުންނެވެ! މިކަން ތަޖުރިބާކުރިި ބައެއް ބުނެފައިވާގޮތުން އެ 500 ޞަދަޤާތްކުރިކަން ވެސް މަސްނިމޭއިރު އިޙްޞާޞެއް ނުކުރެވެއެވެ. އެ އިޙްޞާޞް ނުކުރެވޭއިރު ޖީބުތައް އިތުރަށް ތަނަވަސްވެސް ވެއެވެ.
އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ޞަދަޤާތަކީ އިންދޭ އޮށެކެވެ. އޮށުން ގަސްފަޅައި ހެދިބޮޑުވެ ކުރާގަނޑުތައް އަޅައި ގޮވާން ލިބޭ ފަދައިން ޞަދަޤާތަށް ހޭދަކުރާ ކުރުމަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެކަން ވަނީ ބަޔާންކޮށްދެއްވަވައި އަންގަވައިދެއްވަވައިފައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -