"ދުޢާކުރުމުގަ (ދުޢާކުރަން) ޤިބްލައަށް ކުރިމަތިލުމަކީ ޝަރުޠެއް ނޫނެވެ. އެއީ ދުޢާކުރުމުގެ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބެކެވެ. އެހެންކަމުން ދުޢާކުރުމުގައި ކޮންމެހެން ޤިބްލައަށް ކުރިމަތި ނުލި ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެކަމަކު ދުޢާ ކުރުމުގައި އެންމެ އައުލާކަން ބޮޑުވެގެންވާ ގޮތަކީ ޤިބްލައަށް ކުރިމަތިލުމެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ދުޢާ ކުރުމުގައި ޤިބުލައަށް ކުރިމަތިލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ޖަވާބުން އެނގެނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމެވެ. ނަމަވެސް އެއީ ދުޢާކުރުމުގެ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބެއް ކަމާއި ދުޢާ ކުރުމުގައި އެންމެ އައުލާކަން ބޮޑުވެގެންވާ ގޮތަކީ ޤިބްލައަށް ކުރިމަތިލުން ކަމެވެ.
ދުނިޔަވީ ނަޒަރަކުން ބަލާނަމަ ކަމަކަށް އެދި ޕްރަޕޯސަލް ހުށަހަޅާއިރު ވީހައި ފުރިހަމައެއް ކުރަމުއެވެ. ކިޔާ ބައަކު އެންމެ ޝައުޤުވެރިވާނެ ގޮތަށް ތައްޔާރުކުރަމުއެވެ. އެހީއަކަށް އެދި މީހަކަށް ސިޓީއެއް ލިޔާނަމަ ވީހައި ފަށުވި އިބާރާތްތައް ބޭނުންކުރަމުއެވެ. ސިޓީ ލިބޭ މީހާގެ ސަމާލުކަން ލިބޭނެ ހުރިހާ ގޮތަކަށް އިބާރާތް ކުރަމުއެވެ. ސިޓީ ޙަވާލުކުރަނީ އަދަބުވެރިވެ ހުރެއެވެ. ގެންގޮސް ހޫރާލަނީއެއް ނޫނެވެ. އެމީހާގެ އަތަށް ސީދާ ދެވޭނަމަ އިންތިހާއަށް އަދަބު އަދާކުރަމުއެވެ.
ދުޢާއަކީ ކަމަކަށް އެދި މީސްތަކުން ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމެވެ. ﷲ ތަޢާލާ އަހަރެމެންގެ ކިބައިން ސިޓީއަކަށް ނުވަތަ ލިޔުމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އޮތީ ދުޢާ ކުރުމެވެ. އާދޭސް ދެންނެވުމެވެ. އެހެންކަމުން އެކަން ކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އެ އޫޞޫލުން ބަލައިފިނަމަ ޤިބްލައަށް ކުރިމަތިލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.