"މީހަކު ލާރިހޯދަން ކުރާ މަސައްކަތް، މިސާލަކަށް ކިއްލި، ފޯއްޕެކެޓް، ހެދިކާ ހެދުން ފަދަ ކަންތަކުގައި އެމީހަކު އެގެންގުޅޭ ރިސިޕީ އެހެން މީހަކު އެހީމަ ނުބުނުން ދީނީ ގޮތުން މައްސަލައަކަށް ވާނެތޯ؟ އެކަންވާނީ ތިމާއަށް ލިބިފަ ހުރި ޢިލްމެއް އެހެން މީހަކަށް ކިޔައި ނުދިނުން ކަމަށްތޯ؟"
މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ އެއީ ޢިލްމް ފޮރުވުން ނޫން ކަމަށާއި އެކަން ވާނީ އެމީހާގެ ވިޔަފާރީގެ ސިއްރުތައް ހިފެހެއްޓުން ކަމަށެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ޢިލްމު ފޮރުވުން ކަމަށް ދީނީ އިލްމުވެރިން ފާހަގަކުރައްވަނީ ދީނީ ޢިލްމް އުނގެނިހުރެ ބުނެ ނުދިނުމެވެ. އަދި ބައެއް އިލްމުވެރިން މީހަކަށް ލިބިފައި ހުންނަ ދުނިޔަވީ އިލްމުތައް ފޮރުވުންވެސް ހިމަނުއްވަވައެވެ.
ނަމަވެސް ދިރިއުޅެން މަސައްކަތެއް ކުރުމަށް އެމީހާގެ އަމިއްލަ ވިސްނުމުން ހޯދާ ޓެކްނޮލޮޖީ އާއި އަމިއްލަ ރިސިޕީ ފަދަ ތަކެތި ޢާންމު ނުކުރުމަކީ ޢިލްމުފޮރުވުން ކަމަކަށް ނުބަލައެވެ. ޓެކްނޮލޮޖީ އާއި ހުނަރަކީވެސް ވިޔަފާރިއަކަށްވާތީއެވެ.