ނަމާދުކުރުމަކީ ނުވަތަ ނަމާދަކީ އެމީހާގެ އެންމެ ގާތް މިތުރު ކަމަށް ހަދައިފިނަމަ ނަމާދު ޤަޟާކުރަންޖެހޭނީ ވަރަށް މަދުންނެވެ. އެފަދަ މީހުންނަށް ނަމާދުގެ ވަގުތު ޖެހުމުން ނަމާދު ނުކޮށެއް ނުތިބެވޭނެއެވެ. އޮޓޮމެޓިކުން މިސްކިތާއި ދިމާއަށް ދެވޭނެއެވެ. އަންހެނުންނަށް މުޞައްލައާއި ދިމާއަށް ދެވޭނެއެވެ.
އަބަދުވެސް ބުނަމުން އަންނަ ފަދައިން ޤަވާއިދުން ނަމާދުކުރަން ފެށުމުން އެކަމަށް ދެވި ހިފާނެއެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދު ނުކޮށެއް ނުކުރެވޭނެއެވެ. ހިތް އެމީހާއަށް މަޖުބޫރުކުރުވާނެއެވެ. އަވަހަށް ނަމާދުކުރުމަށެވެ. އެހާލަތުގައި ނަމާދު ނުކޮށް އެހެން އެއްވެސް ކަމެއް ކުރަން ބޭނުމެއްވެސް ނުވާނެއެވެ. އެހެން ކަމެއް ކުރަން އުޅުނު ނަމަވެސް ރަނގަޅަކަށްވެސް ނުކުރެވޭނެއެވެ.
އޮޓޮމެޓިކުން ނަމާދަށް ދެވޭނެ ކަމަށް މި ހާލަތަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ މީހަލަށް ދެވިފައި ހުރި މީހަކަށް ވުމަށެވެ. އެހާލަތަށް ދެވުމުން އެމީހަކަށް ދުނިޔޭގައިވެސް ދާނީ ނިޢްމަތްތައް އިތުރުވަމުންނެވެ.
އޮޓޮމެޓިކުން ނަމާދަށް ދެވޭ މީހަކަށްވުމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުން ފަތިސް ނަމާދަށް ހޭލަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. މިޒަމާނަށް ބަލައިފިނަމަ ފޯނުން އެލާމްކުރެވިދާނެއެވެ. ގަޑި ސޯނާވެސް ކުރެވިދާނެއެވެ. އަދި ކުރެވޭނެ އެހެން ކަމެއް އޮތް ނަމަ އެކަމެއްވެސް ކުރަންވާނެއެވެ.
އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމާއިއެކުވެސް ނުހޭލެވިއްޖެނަމަ ހޭލެވުމުން ހޭލެވުނުހައި އަވަހަކަށް ފުރަތަމަ ކަމެއްގެ ގޮތުން އޮތީ ފަތިސް ނަމާދުކުރުމެވެ. ވަކި ވަގުތަކަށް ފަސް ކުރުމެއް ނެތެވެ. އެއީ އިރުއަރާވަގުތު ކަމަށްވުމުން އެކަމަށްވެސް ބެލުމެއް ނެތެވެ. އޮތީ ވީހައި އަވަހަކަށް ފަތިސް ނަމާދުކުރުމެވެ.
ހަމައެކަނި ފަތިސް ނަމާދެއް ނޫނެވެ. ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމަވެސް އެއްވެސް ނަމާދެއް ނުކުރެވި އޮތްކަން ހަނދާން ވެއްޖެނަމަ، ނުވަތަ ނިދީން ހޭލެވުމާއިއެކު ފުރަތަމަ ކަމެއްގެ ގޮތުން ނުކުރެވި އޮތް ނަމާދުކުރަންވާނެއެވެ. އެކަމަކަށް ވަކި ވަގުތެއް ނެތެވެ.
ނަމަވެސް މީގެ މާނައަކީ މެންދުރު ނަމާދު ނުކޮށް މެންދުރު ކައިގެން ނިދާފައި ޢަޞްރު ނަމާދުވަގުތުވާ ފަހުން ހޭލައި މެންދުރު ނަމާދުކުރަން އާދަކުރުމެއް ނޫނެވެ. އަދި ޢަޞްރުވާފަހުން ޢަޞްރު ނަމާދު ނުކޮށް ނިދާފައި މަޣްރިބް ވަގުތުޖެހޭ ފަހުން ހޭލައި ޢަޞްރު ނަމާދުކުރަން އާދަކުރުމެއް ވެސް ނޫނެވެ.
މެންދުރު ވުމުން އޮތީ މެންދުރު ނަމާދު ކުރުމެވެ. ޢަޞްރު ވަގުތުވުމުން އޮތީ ޢަޞްރު ނަމާދު ކުރުމެވެ. ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުންވެސް އަވަސްވެގަންނަން ވާނީ އެ ނަމާދެއް ކުރުމަށެވެ. މީހަކަށް ކަމެއް ދިމާވުމަކީ މުޅިން ތަފާތު ކަމެކެވެ. މީހަކަށް ކަމެއް ދިމާވެގެން ނަމާދެއް ނުކުރެވި ވަނިކޮށް ދިމާވާ ޚާއްޞަ ޙާލަތުގައި އަމަލުކުރަން އޮންނަ އުޞޫލަކީ ޢާންމު އުޞޫލަކަށް އެއްގޮތަކަށްވެސް ހަދައިގެން ނުވާނެއެވެ.
ބަލަންެހޭނީ ކައު އިތުރު ރަސޫލާ (ޞޢވ) އަމަލުފުޅު ކުރެއްވެވިގޮތެވެ. ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭ އަވަހާރަފުޅު ލައްޕަވާފައިވަނީ ފަތިސް ވުމުން ދަންނަވައި ހޭފުޅު ލައްވަވާނެ ބޭކަލަކު ބަހައްޓަވާފައެވެ. ކަން ދިމާވިގޮތުން އެބޭކަލަކަށްވެސް އަވަހާރަފުޅު ލެއްޕެވުނީއެވެ.
ހޭފުޅު ލެއްވެވުމާއިއެކު އަވަސްވެވަޑައިގަތީ ފަތިސް ނަމާދުކުރެއްވެވުމަށެވެ. މިކަމުން އަނގައިދެނީ ރޭގަނޑު ނިދަންވާނީ ފަތިސް ވަގުތުވުމުން ހޭލުމަށްޓަކައި ކުރަންޖެހޭނެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ކަމެވެ. އަދި ހޭލެވުނުހައި އަވަހަކަށް އޮތީ ފަތިސް ނަމާދުކުރުން ކަމެވެ.
ޚާއްޞަ ޙާލަތުތައް ކުރިމަތިވެވަޑައިގެން މެންދުރު ނަމާދުގެ ފަހު ސުންނަތުގެ ދެ ރަކްޢަތް ވަގުތުގައި ނުކުރެއްވެވިއްޖެނަމަ ޢަޞްރު ނަމާދުގެފަހުން ވެސް ކުރައްވަވާފައިވާކަން އެނގެން އެބައޮތެވެ. އެކަން އެހެން އޮތުމަކީ މެންދުރު ނަމާދުގެ ފަހު ސުންނަތް ޢަޞްރު ނަމާދަށްފަހު ކުރަން ޤަޞްދުގައި ބާއްވަން ހުއްދަ ލިބޭ ސަބަބެއް ކަމަށްވެސް ބަލައިގެން ނުވާނެއެވެ. އެއީ ޚާއްޞަ ހުއްދައަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -