"ހަމަކަށަވަރުން، އެއީ، ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިއަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިއަބައިމީހުން، އެއުރެންދެކެ ބިރު ނުގަންނާށެވެ. އަދި، ތިއަބައިމީހުން، މުއުމިނުން ކަމުގައިވާނަމަ، މާތްރަސްކަލާނގެއަށް ތިއަބައިމީހުން ބިރުވެތިވާށެވެ." (އާލްޢިމްރާން 175)
ޙައްޤު ބަސް ބުނަން ބިރުވެތި ނުވާށެވެ. ޙައްޤަށް އަމަލުކުރަން ބިރު ނުގަންނާށެވެ. ވަޒީފާ ގެއްލިދާނެތީ ބިރު ނުގަންނާށެވެ. އެހެނީ ﷲ ތަޢާލާ ވަޙީ ކުރައްވަވަނީ ބިރުގަންނަވަނީ ޝައިޠާނާ ކަމަށެވެ. މުއުމިނުން ކަމުގައިވާނަމަ ބިރު ގަންނަން ޖެހޭނީ ﷲ ތަޢާލާއަށް އެކަންޏެވެ.
"އެއީ އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިއަބައިމީހުންނާ ދެކޮޅަށް މީސްތަކުން ލަޝްކަރު އެއްކޮށްފޫއެވެ. ފަހެ، ތިއަބައިމީހުން، އެއުރެން ދެކެ ބިރުގަންނާށެވެ. ފަހެ، އެބަސް އެއުރެންނަށް އީމާންކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ." (އާލްޢިމްރާން 173)
މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާގެ އެންގެވުން ޤަބޫލުކޮށް ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވުމުން އީމާންކަން އިތުރަށް ވަރުގަދެވެގެންދާކަމެވެ.
ޑޮރ ޓު ޑޮރއަށް ނުނުކުމެއްޖެނަމަ ވަޒީފާގެ ބިރު ދައްކަމުން އެބަގެންދެއެވެ. އެއަންހެން މީހާވެސް ވަނީ އެއިންޒާރަށް ބިރު ނުގެން ﷲ ތަޢާލާއަށް ބިރުވެތިވެ ވަކީލުކޮށް ވަޒީފާ ގެއްލުނު ނަމަވެސް އެންމެ ރަނގަޅުކަމަށް ބުނެ ކެންޕޭނަށް ނުނުކުމެފައެވެ.
ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނީ ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި އެއީ އެއްކައުވަންތަ ކަލެއް ކަމާއި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމެއް ނުހިނގާނެ ކަމެވެ. މިކަން ކޮންމެ މުސްލިމަކު ހިތުގެ އަޑިން ތެދުކޮށް ކަށަވަރުކުރަންޖެހޭނެއެވެ. އެއިރުން ﷲ ތަޢާލާ ނިޢްމަތްތައް އިތުރު ކުރައްވަވާނެއެވެ!
- އައްޝައިޚް އިލްޔާސް ޙުސައިން މިރޭ ދެއްވި ދަރުސުން