"ނިދާ ކޮޓަރީގަ ކީރިތި ޤްރްއާން އާޔަތްތައް ލިޔެފަ ހުންނަ ފްރޭމް ހަރުކުރުމަކީ ކޮންކަހަލަ ކަމެއް؟" ކަމާއިމެދު މީހަކު ކުރި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:
"އިސްލާމީ ޝަރީޢަތުގައި މިކަން ހަރާމްކޮށް މަނާކުރާނެ އެއްވެސް ދަލީލެއް ނެތެވެ. އެހެން ނަމަވެސް ފަހުގެ ބޮޑެތި ދަންނަބޭކަލުން މިކަމަކީ އެހައި އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ދެކެވަޑައެއް ނުގަންނަވައެވެ. ސަބަބަކީ ތާއަބަދު ފެންނަ ގޮތަށް ކީރިތި ޤްރްއާން (ބަހައްޓާފައި) ހުރުމަކީ އެއިގެ ޙުރުމަތް ކެނޑޭ ގޮތް ދިމާވާނެ ކަމަކަށްވާނެތީއެވެ.
އަދި އަނެއްބައި ފަހަރު އެފަދަ ޕޯސްޓަރުތައް ބަހައްޓާފައި ހުންނަ ތަންތަނުގައި ފާފަތައް ކުރެވި އަދަބާއި ޚިލާފު ވާހަކަތައް ދެކެވިވެސްދާނެތީއެވެ.
ނަމަވެސް މިކަން ބައެއް މޭރުންތަކުން ހުއްދަކުރައްވާ ޢިލްމުވެރިން، ގޭތެރޭގެ ބައެއް އަދަބުތަކާއި ގުޅޭ ބައެއް އާޔަތްތަކާއި ހަދީޘްތައް އެބޭނުންވާ ތަނެއްގައި ބެހެއްޓުމަކީ މައްސަލައެއް ނޫންކަމުގައި ވިދާޅުވެއެވެ.
މިސާލަކަށް މޫނުބަލާ ލޯގަނޑުން ތިމާ ފެންނަހިނދު ކިޔާ ދުޢާ، ޑްރެސިންގ ޓޭބަލް ކައިރީގައި ތަތްކޮށްފައި ބެހެއްޓުން، ނިދާ ކޮޓަރީގައި ނިދުމުގެ ކުރިން ކިޔާ ދުޢާތައް ހަރުކޮށްފައި ބަހެއްޓުން، މިފަދަ ތަންތަނުގައި މިފަދަ ފައިދާތަކަށްޓަކައި މިފަދައިން ބޭނުންކުރުމެވެ.
އެހެން ނަމަވެސް ކީރިތި ޤްރްއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާ (ޞޢވ)ގެ ޙަދީޘްފުޅުތައް، އެކި ޑިޒައިން ޑިޒައިނަށް ހުންނަ ޕޯސްޓަރުތައް ޒީނަތެއްގެ ގޮތުގައި ގޭގައާއި މިސްކިތްތަކުގެ ފާރުތަކުގައި ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫނެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިމައްސަލައިގައި މުފްތީ މެންކް ވިދާޅުވެފައިވަނީ ދިރިއުޅޭ ގޭގައި ނުވަތަ ކޮޓަރީގައި ކީރިތި ޤްރްއާނުގެ އާޔަތްތައް ބަހައްޓަންވާނީ އެ އާޔަތްތައް ކިޔެވުމަށް ކަމަށެވެ. ނުކިޔަވާނަމަ ބެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ކިޔައި ހިތުދަސްކުރެވިއްޖެނަމަ އެކުރެވުނީ ރަނގަޅު ކަމެއް ކަމަށެވެ.
މުފްތީ ވިދާޅުވީ ބައެއް ގޭގޭގައި އޮނަސައްތަ އިސްމްފުޅު ލިޔެފައިވާ ޕޯސްޓަރުތައް ބަހައްޓާ ކަމަށާއި އެ ޕޯސްޓަރުތައް ހުއްޓައި ގޭގައި އުޅެ ބޮޑުވާއިރު، މުސްކުޅިވާއިރު އޮނަސައްތަ އިސްމްފުޅު ހިތުދަސްނުކުރެވޭނަމަ އެފަދަ ޕޯސްޓަރު ބެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.