ތައުބާވުމަށް އެދޭ މީހާ ކުރަންޖެހޭ ބައެއް ކަންތައްތައް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ތައުބާވުމަށް އެދޭ މީހާ ކުރަންޖެހޭ ބައެއް ކަންތައްތައް: މުފްތީ މެންކް
ތައުބާވުމަށް އެދޭ މީހާ ކުރަންޖެހޭ ކަންތައްތަކާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރާތީ ތައުބާވާން އެދޭ މީހާ ކުރަންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ ކަންތައްތައް ފާހަގަކޮށްލާނަމެވެ.

1- ފުރަތަމަކަމަކީ ތިމާއަށް ކުށެއް ކުރެވުނީމާ އެކަމުގެ ޒިންމާ ނަގަން ކެރުމެވެ. ކުށް ކުރެވުނީ މިވެނި އެވެނި މީހަކާއިއެކުގައި ކަމަށް ބުނެ އެހެން ބައެއްގެ ބޮލުގައި ކަންކަން އަޅުވަން ނުއުޅުމެވެ. އެހެނީ ތިމާއަށް ކުރެވޭ ފާފައިގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ތިމާކަމަށްވުމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުނުކުރާ މީހާއަށް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

ތިބާއަށް ފާފަ ކުރެވުނީ އެހެން މީހެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ޖެއްސޭނެ މައްސަލައެއް ނޫނެވެ.

2- ދެވަނަ ކަމަކީ ކުރެވުނު ކުށާއިމެދު ދެރަވެ ހިތާމަ ކުރުމެވެ.

މިސާލަކަށް ތަނެއްގެ ބިއްލޫރިގަނޑު ތިބާގެ އަތުން ތަޅައިގެން ދިއުމުން "ސޮރީ" ބުނެ ހެވިފައި ހުރެ އެތަނުން ދާން ހިނގައި ގަތުމުން އެކަމާއިމެދު ތިބާ ދެރަވި ކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ.

3- ތިންވަނަ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ފާފަ ަފުއްސަވައިދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި އާދޭސް ދެންނެވުމެވެ. ތިބާގެ ލޮލުން ކަރުނަ ބޭލޭ ވަރަށް ދެރަވެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ.

4- ހަތަރުވަނަ ކަމަކީ އިތުރަށް ފާފައެއް ނުކުރަން ﷲ ތަޢާލާއަށް ވައުދުވުމެވެ. ދެން އެފަދަ ކުށެއް ނުކުރާނެ ކަމުގެ ހިއްވަރާއި އަޒުމާއިވެސް އެކުގައެވެ.

މިއީ ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އޮޅުން އަރާ ކަމެކެވެ. އަހަރެމެންނަކީ އިންސާނުންނެވެ. ކުށެއް ކުރެވުމުން އެކަމާއިމެދު ހިތާމަކޮށް ތައުބާވުމަށްފަހުގައިވެސް ފަހަރެއްގައި ކުށެއް ކުރެވިދާނެއެވެ. ކުށެއް ނުކުރަން ކުރިން ވައުދުވެގެން ހުރުމަކީ ދެވަނަ ފަހަރު ކުށެއް ކުރެވިއްޖެނަމަ ވެސް ތައުބާވާން ފަސްޖެހެންވީ ސަބަބެއް ނޫނެވެ.

ދެވަނަ ފަހަރުވެސް 3 ވަނަ ފަހަރުވެސް ކިތަންމެ ގިނަ ފަހަރުވެސް ކުށެއް ކުރެވިއްޖެނަމަ އަވަސްވެގަންނަންވީ ތައުބާވުމަށެވެ. އިޚްލާޞްތެރިކަމާއިއެކުގައެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުންމަތީގައި ހުންނަ މިހާއަށް ކުށެއް ނުކޮށް އުޅުމަށް ހިއްވަރު ލިބޭނެއެވެ.

ކުށެއް ކުރަން އުޅެވޭ ވަގުތު އެކަން ނުކުރަން ތިމާގެ އަމިއްލަ ހިތް ބުނަންފަށާނެއެވެ. ކުށްކުރަން އަމިއްލަ ނަފުސު ބިރުގަންނަން ފަށާނެއެވެ. މަސައްކަތްކުރަންވީ އެފެންވަރަށް އިޚްލާޞްތެރިވުމަށެވެ.

ތައުބާވެ ފާފަ ފުއްސެވުމަށް އެދޭ މީހާއަށް ފާފަ ފުއްސަވާނެކަމުގެ ޔަޤީންކަން ހިތުގައި އަބަދުވެސް ބާއްވާށެވެ. އެކަމުގެ ޔަޤީންކަން ހިތުގައި ބާއްވާށެވެ. އެކަން އެނގިގެންދަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުންނެވެ. "ފާފަތަކުން ފުރިގެންވާ މީހާ ވެސް ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދެންނެވުމުން ފާފަ ފުއްސަވާ ހުށީމެވެ." ވަޙި ކުރައްވަވާފައިވާ ބަސްފުޅުން ހިއްވަރު ލިބިގަންނާށެވެ.

ފާފަ ނުފުއްސަވާނެކަން ވިސްނައިދީ ކުށްކުރުން މަތީގައި ދެމިހުރުމަށް ހިއްވަރު ދެނީ އިބިލީހެވެ. އެއީ އިބިލީސް ހަދާ ވަރަށް ބޮޑު ދޮގެކެވެ. އެދޮގަށް ހެއްލި މާޔޫސް ނުވާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމުގައި ބާރަށް ހިފަހައްޓާށެވެ! ފިސާރި ސާބިތުކަމާއިއެކުގައެވެ. އެއިރުން ހައްޤު މަގު ދާނީ ފެންނަމުންނެވެ. ކާމިޔާބީތައް ދާނީ ޙާޞިލުވަމުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން
މިއަދު އޮންލައިން