"އަޅުގަނޑަށް އެނގިފަވާގޮތުން އަންހެނަކު ކިތަންމެ ކުރު ދަތުރެއް ކުރިނަމަވެސް މަހުރަމަކު ހުންނަންޖެހޭ. ވީމާ އަޅުގަނޑުގެ ސުވާލަކީ ވިލިމާލެ ހުޅުމާލެއިން މާލޭ ސްކޫލްތަކަށް ކިޔަވަން އަންނަ ވަރަށް ގިނަ ކުދިން އުޅޭ. ވީމާ އެކުދިން ގޮވައިގެން މަންމަމެންނަށް ވިލިމާލެ، ނުވަތަ ހުޅުމާލެ އާއި ދޭތެރޭ ކުރާ ދަތުރުތަކުގަވެސް މަހުރަމަކު ހުންނަން ޖެހޭތޯ؟"
މި ސުވާލުގެ ޖަވާބުގައި ޝައިޚު ޝާފިޢު ވިދާޅުވީ:
ކުރު ދަތުރެއްވެސް ދިގު ދަތުރެއްވެސް އެއީ އުރުފުގައި ދަތުރަކަށް ކިޔާކަމުގައިވާނަމަ އަންހެނަކު މަހުރަމަކާއި ނުލައި ކުރުމަކީ ޙަރާމް ކަމެކެވެ. ފާފަވެރިވާނެ ކަމެކެވެ. މިއީ އުންމަތުގެ ޢިލްމުވެރިން އިޖުމާޢުވެފައިވާ މައްސަލައެކެވެ. ދަލީލަކީ މި ޙަދީޘްއެވެ.
روى البخاري (1729) ومسلم (2391) عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا تُسَافِرْ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ )
މާނަ: އަންހެނަކު މަހުރަމަކާއެކު މެނުވީ ދަތުރު ނުކުރާހުށިކަމެވެ. (ބުޚާރީ މުސްލިމް)
މިދަލީލު މިހެން އޮތުމާއިއެކު އެއް ޤަޢުމުން އަނެއް ޤައުމަށް، އެއް ރަށުން އަނެއް ރަށަށް މަހުރަމަކު ނެތި އެއީ ލަންކާ ވިޔަސް، އިންޑިއާ ވިޔަސް އަދި އެހެން ޤައުމަކަށް ވިޔަސް ދަތުރު ނުކުރެވޭނެއެވެ. އެގޮތަށް ޝަރުޢުގައި ނަހީ ވެފައިވަނީ ވަރަސް ބޮޑެތި ޙިކުމަތްތަކަށްޓަކައެވެ.
އުރުފުގައި ދަތުރެއް ކަމަށް ނުބެލެވޭ ދަތުރުތައް، މިސާލަކަށް މާލޭގެ އެއް އަވަށުން އަނެއް އަވަށަށް ކުރާ ދަތުރު، މާލެއިން ހުޅުމާލެއަށް ކުރާ ދަތުރު، މާލެއިން ވިލިނގިއްޔަސް ކުރާ ދަތުރަކީ އެއީ އުރުފުގައި ދަތުރުކަމަށް ބަލާ ދަތުރުތަކަސް ނުވާތީ އަދި އެއީ ރަށުގައި އުޅޭ މީހަކު ރަށުގެ އެއްތަނުން އަނެއް ތަނަށް ދިއުން ފަދަ ކަމަކަށްވާތީ މިފަދަ ދަތުރުތަކުގައި އަންހެނަކު މަހުރަމަކު ނެތި ދަތުރުކުރުމަކީ ޙަރާމްކަމެއް ނޫނެވެ.
އެކަމަކު މިކަމުގައި ސަމާލުކަން ދޭންޖެހޭ ކަމެއްވެއެވެ.
ތަތުރުކުރާ އަންހެނާ ވަނީ ދެ ޙާލަތެއްގައެވެ.
1 ކާރުގައި ހިލޭ ފިރިހެނަކާއެކު (ޑްރައިވަރާއެކު) އެކަހެރިވުން ހުއްދަވެގެނެއް ނުވޭ. ރަސޫލާ (ޞޢވ) ޙަދީޘް ކުރެއްވެވީ 'ހިލޭ އަންހެނަކާ ފިރިހެނަކާ އެކަހެރިވާ ކަމުގައި ނުވެޔޭ 3 ވަނައަށް ޝައިޠާނާ ނުހުރެ." މިއީ ހުއްދަ ކަމެއް ނޫން.
2 އަންހެނުންތަކަކާއެކު ދަތުރުކުރުން 2 ޝަރުޠަކާއެކު ހުއްދަ.
- އިތުބާރުހިފޭ ޑަރައިވަރެއް ކަމުގައިވުން.
- ރަށުތެރޭގައި ކުރާ ދަތުރަކަށްވުން. ރަށުން ބޭރަށް ފުރައިގެންދާ ދަތުރެއް ކަމުގައި ނުވުން. (މާލެ/ހުޅުމާލެ/ވިލިމާލެ ދަތުރަކީ އެއީ އެއް ރަށެއްގައި ކުރާ ދަތުރުގެ ޙުކުމް އަންނަ ތަންތަނެވެ. އެއީ ކައިރިވުމުގެ ސަބަބުންނެވެ.
މިދެ ޝަރުޠާއެކު އަންހެނުންތަކަކާއެކު ދަތުރުކުރުން ހުއްދަ.
ސްކޫލަށް ދިއުން، އޮފީހަށް ދިއުން ފަދަ ކަންކަމުގައި މަހުރަމަކާއެކު ދިއުން ޝަރުޠެއް ނޫނެވެ. އެކަމަކު އެއީ މަގު އަމާންވެފައި ރައްކާތެރި ނަމައެވެ.
ވީމާ ސުވާލުގައި ތިއަބުނާ ފަދަ ދަތުރުތަކުގައި މަހުރަމަކު ބޭނުންވާނެކަމަށް ނުބެލެވެއެވެ. ދަތުރުމަތީގައި ހިލޭ ފިރިހެނަކާ އެކަހެރިވެވޭ ފަދަ ޙާލަތެއް، މިސާލަކަށް ކާރުގައި އެކަހެރިވުން ފަދަ ޙާލަތެއް ނާންނަ ނަމައެވެ.