މޫސާގެފާނުގެ ލަޝްކަރު ވަށައިގެން ބެދުނު - ޣަރަޤުވީ ފިރުޢައުނުގެ ލަޝްކަރު: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މޫސާގެފާނުގެ ލަޝްކަރު ވަށައިގެން ބެދުނު - ޣަރަޤުވީ ފިރުޢައުނުގެ ލަޝްކަރު: ޝައިޚް އިލްޔާސް
ކޯރުގެ އައްސޭރީގައި މޫސާގެފާނުގެ ލަޝްކަރު ވަށައިގެން ބެދުނު ކަމަށާއި ފިރުއައުނުގެ ލަޝްކަރަށް ހުރިހާ މަގެއް ފެންނަން އޮތުމާއިއެކުގައިވެސް ކަނޑަށް ޣަރަޤުވެ ނެތި ދިއައީ ފިރުޢައުނުގެ ލަޝްކަރު ކަމަށްވުމަކީ ކީރިތި ޤްރްއާނުން ފެންނަން އޮތް ހަޤީޤަތެއް ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ރޭ ވިދާޅުވީ މިއަދުވެސް ވޮޑިގެންވަނީ އިބްރާހީމްގެފާނު އެ ބިޔަ އަލިފާންގަނޑުން އެއްވެސް ގެއްލުމެއް ލިބިވަޑައިގަތުމެއް ނެތި ސަލާމަތް ކުރެއްވެވި ﷲ ކަމަށެވެ. އަދި މޫސާގެފާނާއި މުސާގެފާނުގެ ލަޝްކަރު ކޯރެއްގެ އަައްސޭރީގައި ވަނިކޮށް ފިރުއަޢުނުގެ ލަޝްކަރު އައިސް ވަށައިލި ކަމަށާއި ނަމަވެސް ﷲ ތަޢާލާ ސަލާމަތް ކުރެއްވެވީ މޫސާގެފާނާއި މޫސާގެފާނުގެ ލަޝްކަރު ކަމަށާއި ޣަރަޤު ކުރެއްވެވީ ފިރު އައުނާއި އޭނާގެ ލަޝްކަރު ކަމަށެވެ. އަދި މިއަދުވެސް ވޮޑިގެންވަނީ އެކަންކަން އެގޮތަށް މެދުވެރި ކުރެއްވެވި ﷲ ތަޢާލާ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ފިރުއައުނާއި ލަޝްކަރު ކޯރު ހުރަސްކުރަން ނުއުޅުނުނަމަ ޣަރަޤު ނުވީސް ކަމަށާއި ނަމަވެސް އެމީހުން ޣަރަޤުވެވުން އޮތީ އެގޮތަށް ކަމަށްވާތީ ސަލާމަތް ވެވޭނެ ގޮތުގެ ވިސްނުން ﷲ ތަޢާލާ ފިރުޢައުނަށް ނުދެއްވެވީ ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ﷲ ތަޢާލާ މޫސާގެފާނާއި ލަޝްކަރު ސަލާމަތް ކުރެއްވެވީ މޫސާގެފާނުގެ ހިތްޕުޅުގައި ﷲ ތަޢާލާއަށް އޮތް އިތުބާރާއި ވަކީލު ކުރައްވާ މިންވަރު ބޮޑުކަމުން ކަމަށެވެ. އަދި އިބްރާހީމްގެފާނު އަލިފާންގަނޑުން ސަލާމަތް ކުރެއްވެވީވެސް އެކަންކަމުގެ ސަބަބުން ކަމަށެވެ.

"ޖިބްރީލްގެފާނު ވަޑައިގެން އެއްސެވި އެއްވެސް ކަމަކަށް ބޭނުންފުޅުތޯ؟ ކޮންކަމެއްތޯ ބޭނުންފުޅުވަނީ؟ އެންމެ ފަހަރަކު ފުމެލެއްވެވި ނަމަވެސް އަލިފާންގަނޑު ނިވޭނެ. ނަމަވެސް އިބްރާހީމްގެފާނު ވިދާޅުވީ ޖިބްރީލުގެފާނުގެ އަރިއަހުން އެއްވެސް ކަމަކަށް ބޭނުންފުޅު ނުވާކަމަށް. ހުރިހާ ކަމަކަށް ﷲ ތައާލާ ފުދިވަޑައިގަންނަވާ ކަމަށް. ވަކީލު ކުރައްވަވަނީ ﷲ ތަޢާލާއަށް ކަމަށް."

(އަސްބިއަﷲ)

ޝައިޚް އިލްޔާސް ވަނީ މިފަދަ ކަންކަމުން އިބްރަތް ޙާޞިލުކޮށް ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން މިއަންނަ އަނިޔާތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި އެ މަސައްކަތުގައި ފަހަތަށް ނުޖެހި ސާބިތުވެ ތިބުމަށް ގޮވާލައްވައިފައެވެ. ފަރުޟު ނަމާދުތައް އަދާކުރުމަށާއި މާތްﷲ ގެ ޙަޟްރަތުން ވާގިއެދި، އެކަލާނގެއަށް ވަކީލުކޮށްގެން ތިބެ ދުޢާކުރުން ގިނަ ކުރުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ. އަދި ފަތިސް ނަމާދުކުރުން ގިނަ ކުރުމަށްވެސް ގޮވާލެއްވެވިއެވެ.
މިއަދު އޮންލައިން