ﷲ ގެ އަމުރުފުޅުތަކަށް ގޮންޖަހައި ޙަރާމް ކަންކަން ހުއްދަކުރާ މީހުންނަށް ވާގިވެރިވީމާ މަޙްޝަރު ކުރައްވަވާނީ ކޮން ބައަކާއެކުގަތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ﷲ ގެ އަމުރުފުޅުތަކަށް ގޮންޖަހައި ޙަރާމް ކަންކަން ހުއްދަކުރާ މީހުންނަށް ވާގިވެރިވީމާ މަޙްޝަރު ކުރައްވަވާނީ ކޮން ބައަކާއެކުގަތޯ؟
ދީނީ ޢިލްމުވެރިން ވިދާޅުވަނީ ޤިޔާމަތް ދުވަހު އެމީހަކު މަޙްޝަރު ކުރެވޭނީ އެމީހަކު ދުނިޔޭގައި އެކުގައި އުޅުނު ބައަކާއިއެކުގައި ކަމަށެވެ. އެމީހަކު ކޮށް އުޅުނު އަމަލުތަކެއް ކޮށްއުޅުނު ބައަކާއިއެކުގައި ކަމަށެވެ؟

މިއީ ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް ތަކުރާރު ކުރައްވަމުން ގެންދަވާ ބަސްފުޅެކެވެ. އެހެންކަމާއިއެކުގައިވެސް "ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ގޮންޖަހައި ޙަރާމް ކަންކަން ހުއްދަކުރާ މީހުންނަށް ވާގިވެރިވީމާ އަދި ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރާ ކަމަށް ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވެފައިވާ މީހުންނާއި ބައިވެރިވެ ވާގިވެރިވީމާ އެމީހަކު ޤިޔާމަތް ދުވަހު މަޙްޝަރު ކުރައްވަވާނީ ކޮން ބައަކާއެކުގައިތޯ؟" ސުވާލުކުރުމުން ޖަވާބު ދެއްވަން ދީނީ ބައެއް ޢިލްމުވެރިން ފަސްޖެހިވަޑައިގަންނަވައެވެ. ބައެއް ޢިލްމުވެރިން ދައްކަވަނީ މާދުރު ސުވާލާއި އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެކެވެ.

ފަހަރެއްގައި ރާއްޖޭގެ ސިޔާސީ މަޝްރަޙު މިހާރު އޮތް ގޮތުން ސުވާލުގެ ސީދާ ޖަވާބު ދެއްވެން ނެތީކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިއީ އޮޅުންފިލަން ކޮންމެހެން ޖެހޭ ކަމެކެވެ.

ޤިޔާމަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާއިރު ސަލްމާން ރަސްގެފާނު ނަމަވެސް، އުރުދުޤާން ނަމަވެސް، އީރާނުގެ ރައީސް ނަމަވެސް ޙަރާމް ކަންކަން ކުރެއްވީމާ ވެސް އެކަމަށް ތާއީދު ކުރީމާ އެމީހަކު މަޙްޝަރު ކުރައްވަވާނީ ހެޔޮލަފާ ޞާލިޙުން، ރަސޫލާ (ޞޢވ) އާއިއެކުގައިތޯ؟ ނުވަތަ އެވެރިއަކު އެކުރި ޙަރާމް ކަންކަންކޮށް އުޅުނު މީހުންނާއިއެކުގައިތޯ؟ މިއަދު އެނގެން އެބަޖެހެއެވެ.

މިއީ ސިޔާސީ ވާހަކައަކަށް ހަދައި އަޅައި ނުލައި ތިބެވެން އޮތް ވަރަށްވުރެ މާ ބޮޑަށް ސީރިއަސް މައްސަލައަކަށް މިއަދު ވަނީ ވެފައެވެ.

ސިޔާސީ މީހުންގެ އިތުރުން ފައިސާވެރިންގެ ތެރެއިން ވެސް ޙަރާމް ކަންކަން ކުރާ، އަދި އެފަދަ ކަންކަމަށް ހިއްވަރުދޭ މީހުންނަށް ތާއީދުކުރާ މީހުން ދަނީ އިތުރުވަމުންނެވެ. ކީރިތި ޤްރްއާނުން އެނގެން ހުރި ކަނޑައެޅިގެން ޙަރާމްކަންކަން އެފަދަ މަހުޖަނުން ކުރުމުން ވެސް އަދި އެފަދަ ކަންކަން ކުރަން ހިއްވަރު ދިނުމުންވެސް އެއީ ކުށެއް ކަމަށް ޤަބޫލުނުކުރާ މީހުން ދަނީ އިތުރުވަމުންނެވެ.

ޙަރާމް ކަންކަން ކަން ކަނޑައެޅިގެން އެނގެން ހުރި ކަންކަން ކުރާ މީހަކަށް ނުވަތަ ބައަކަށް އިތުރު ކުރިއެރުން ދެއްވެވުން އެދި ދުޢާ ކުރުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ނޫން ނަމަ ދުޢާކުރަން ޖެހޭނީ އެފަދަ ކަންކަން ކުރާ މީހުންނަށް ތެދުމަގު ދައްކަވައިދެއްވެވުން އެދިތޯއެވެ؟ ނަޞްރު ދެއްވެވުން އެދި ތޯއެވެ؟ ހައްޤުގެ މަގަށް ހިދާޔަތާއި ނަޞްރު ދެއްވެވުން އެދިތޯއެވެ؟ މިއީ ހައްތާވެސް ޢިލްމުވެރިންގެ އަރިއަހުން ޖަވާބު ބޭނުންވެފައިވާ ސުވާލުތަކެވެ.

މިއީ މުސްލިމް އުންމަތަށް މިއަދު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައަކަށްވަނީ ވެފައެވެ. މިއަހަރު 16 ވަރަކަށް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލައްވަން ސަލްމާން ރަސްގެފާނު މޮރޮއްކޯއަށް ވަޑައިގެން ރައްޔިތުންގެ ފައިސާއިން 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކުރެއްވުމުން އެކަމަށް ފާޑުކީ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެކަމަށް ތާއީދުކުރާ އެތައް ބައެއްގެ ތެރޭގައި ބައެއް ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ.

ﷲ ތަޢާލާގެ ހައްޤު ބަސްފުޅު މީސްތަކުންނަށް އަންގަވައިދެއްވުމަކީ ދީނީ ޢިލްމުވެރިންގެ އެންމެ ބޮޑު މަސްއޫލިއްޔަތަށްވާއިރު މިސްތަކުންނަށް މަގު އޮޅިފައިވާ މިފަދަ ކަންކަމުގައި ހައްޤު މަގު ދައްކަވައިދެއްވުމަކީ ޢިލްމުވެރިންގެ މަސްއޫލިއްޔަތަކަށް ނޫނީ ނުވާނެއެވެ.
މިއަދު އޮންލައިން