ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވި ގޮތަށް ފ. އަތޮޅު ވިއްކާލާނެ ފުރުޞަތު ދެވުނު ނަމަ ރައްޔިތުންނަށް ޖެހޭނެ ހާލު، ނުވަތަ ވެގެންދާނެ ގޮތް އެއްވެސް މީހަކަށް ނުވެސް އެނގޭކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ފ. ބިލެތްދޫގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ފ. އަތޮޅު އޮތީ އެކުގައި ވިއްކާލަން ނިންމާފައި ކަމަށެވެ. އެކަމަށް އެޑްވާންސަށް ނެގި އަދަދެއް ވެސް އެނގޭނެ ގޮތެއް އަދި ނެތް ކަމަށެވެ. ނަމަވެސް އެނގޭ ކަމަކީ މިހައިތަނަށް ވިއްކައިލި ހުރިހާ ތަނެއް ވިއްކައިލީ ނުއަގުގައި ކަމާއި ލިބުނު ފައިސާއަށް ވީގޮތެއް އެނގެން ނެތް ކަމަށެވެ.
"ފ. އަތޮޅު ވިއްކާލުމުގެ ފުރުޞަތު ލިބުނުނަމަ ރައްޔިތުންނަށް ވެގެންދާނެ ގޮތް އެއްގޮތަކަށްވެސް ނޭނގެ. ފެން ފޮދަކާ ނުލާ ދިރުވާލާނީ ނޫން ކަމެއްވެސް ނޭނގެ."
އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވައިލީވެސް ޚުދުމުޚުތާރު ގޮތުގައި ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އިބޫ ވިދާޅުވީ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ޖަލުގައި އެބަތިއްބެވި ކަމަށާއި އެބޭފުޅުންނަށް ލިބިވަޑައިގަންނަވަން ޖެހޭ ފޯނުކޯލުތަކާއި ޢާއިލީ ބައްދަލުވުންތައް ހުއްޓުވައިލީވެސް ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށެވެ. ނަމަވެސް ރައްޔިތުން ތިބީ އެ އަނިޔާވެރިކަން ބަލައިގަންނަ ގޮތަށް ނޫން ކަމަށާއި އެކަން 23 ސެޕްޓެންބަރު ގައި ރައްޔިތުން ނުކުމެ ލާ ވޯޓުން ދައްކާނެ ކަމަށެވެ.
ރަށްތަކަށް ކުރެއްވި ދަތުރުފުތައް މިރޭ ނިންމަވާލެއްވީ ކަމަށާއި މާދަމާ އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.