ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް ގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އަބްދުﷲ ސައީދް މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް އަށް ގެނެސް ޑޮކްޓަރަށް ދެކެވިފައިވާ ކަަމަށެވެ. ނަމަވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ދައްކާފައިވަނީ އެތެރެހަށީގެ ޑޮކްޓަރަކަށެވެ.
އަބްދުﷲ ސައީދު ހައްޔަރު ކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، އެމަނިކުފާނު ސުޕްރީމް ކޯޓުގައި އިންނަވަނިކޮށެވެ. އެމަނިކުފާނު ހައްޔަރުކުރީ، ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށް، ސުޕްރީމް ކޯޓުގެ އޭރުގެ ހުރިހާ ފަނޑިޔާރުން ސޮއި ކުރައްވާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުއްވި އަމުރު ތަންފީޒު ކުރުމަށް މިސަރުކާރުން ދެކޮޅު ހެދުމަށް ފަހުއެވެ.