ޔާމީން އިދްރީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ޙައްޖު/އުމުރާ ވުމަށާއި ބޭސް ފަރުވާކުރުން ފަދަ ކަންކަމަށް ބޭނުންކުރުމުން އެ ފަންޑުގެ މަޤްޞަދާއި ތަޢާޜަޟްވާ ކަމަށެވެ. އަދި އެކަން އިދިކޮޅު ކެންޑިޑޭޓަށް އެނގިވަޑައިނުގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ޔާމީން އިދްރީސްގެ ޓްވީޓް ވަނީ ރައީސް ޔާމީނަށާއި ޑރ. ޝަހީމަށް ޓެގްވެސް ކުރައްވައިފައެވެ.
ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ހައްޖުވުމުގެ ކުޅަދާނަކަން ލިބި، އެކަންކުރުމުގެ ތަނަވަސްކަން ލިބުމުން ހައްޖުވުމަށް އަވަސްވެގަންނަން ޖެހޭނެ ކަމަށެވެ. އަދި ހައްޖު ނުވެ ހުއްޓާ ދިމާވާ ކަމަކުން، ދިމާވާ ސަބަބަކާއިހުރެ ހައްޖު ނުވެވިއްޖެނަމަ އެކަމުގެ ޒިންމާ ވެސް ޤިޔާމަތް ދުވަހު އުފުލަން އެމީހަކަށް ޖެހޭނެ ކަމަށެވެ.
ޕެންޝަންފަންޑުގެ ޤާނޫނު މަޖިލީހުން ފާސްކުރިއިރު މިކަންކަމަށް ބަލާފައި ނެތުމަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ މިފަދަ ޙުކުމްތަކަށް އަމަލު ނުކުރަންވީ ސަބަބެއް ނޫނެވެ. އެހެނީ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނެއް ފާސްކުރަންޖެހޭނީ އިސްލާމް ދީނުގެ އެއްވެސް ކަމަކަށް ފުށޫ ނުއަރާ ގޮތަށެވެ.
ޔާމީން އިދްރީސްގެ ޓްވީޓާއި ގުޅުގެން މިއަދުނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން އިދްރީސް ވިދާޅުވީ މަޖިލީހުން ފާސްކުރާ ޤާނޫނުތައް އިސްލާމް ދީނުގެ އުޞޫލުތަކުގެ ތެރެއިން ފާސްކުރަންޖެހޭނެ ކަމަށް ޤަބޫލުފުު ކުރައްވާ ކަމަށެވެ.
ޔާމީން އިދްރީސް ވިދާޅުވީ ޕެންޝަން ފަންޑު ބޭނުންކުރުމުގެ ބަދަލުގައި ޤާނޫނެއްގެ ތެރެއިން ޙައްޖު ފަންޑެއް ޤާއިމުކޮށް އެކަން ކުރުން ރަނގަޅުވާނެ ކަމަށެވެ. "ޑރ. ޝަހީމް މިނިސްޓަރަކަށް ހުންނެވިއިރު ޤާނޫނެއް ޑްރާފްޓްވެސް ކުރެއްވި. އަދި ޙައްޖު ކޯޕޮރޭޝަން މިޤާނޫނުގެ ތެރެއިން އިތުރަށް ފުޅައު ކުރެވޭނެ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން ހިންގާ ގޮތް."
މަޖިލީހުން ފާސްކުރާ ކަންކަމުގައި މިފަދަ މައްސަލަތައް ހުންނާތީ މަޖިލީހުން ބިލްތައް ފާސްކުރުމުގެ ކުރިން އިސްލާމް ދީނާއި ތަޢާރަޟްވާ ކަމެއް އޮތްތޯ ބެލުމަށް ދީނީ އިލްމުވެރިއަކު މަޖިލީހުގައި ބަހައްޓައިދިނުމަށް އިލްމުވެރިންގެ ފުރަތަމަ މަހާސިންތާގައިވެސް ވަނީ އެދިފައެވެ. އެކަން މިއަދާއި ހަމައަށްވެސް ކޮށްފައި ނުވާތީ ޢިލްމުވެރިން ވަނީ ފަހުން ބޭއްވި މަހާސިންތާތަކުގައި ކަންބޮޑުވުން ފައުޅުކޮށްފައެވެ.
Using pension fund for Hajj/umrah, medical and other use contradicts with the purpose of retirement pension scheme. Sad that coalition candidate doesn't know this.@Mohamedshaheem1 @ShaheemSays #RaeesYameen #YameenShaheem2018
— Yameen Idrees (@yaanu7631) September 17, 2018