ރައީސް ޔާމީން ގެ އަމިއްލަ ޖީބު ބޮޑުކުރައްވަން ނޫޅުއްވިނަމަ މީގެ ތިން އަހަރު ކުރިން 380ގެ ބޯޓު ޖައްސާނެ ކަމަށް ކުރީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އަމީން މިއަދު ކުރެއްވި ޓްވީގައި ވިދާޅުވީ ރައީސް ޔާމީންގެ އަމިއްލަ ޖީބު ބޮޑުކުރައްވަން ނޫޅުއްވި ނަމަ އޭ380ގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ މިއަދު ނޫން ކަމަށާއި މީގެ ތިން އަހަރު ކުރިން ކަމަށާއި 600 މިލިއަން ޑޮލަރަށް އެޅެން އޮތް އެއާޕޯޓް ރައީސް ޔާމީންގެ ސަރުކާރުން އަޅަނީ ދެގުނަ ބޮޑުކޮށް 1200 މިލިއަން ޑޮލަރަށް ކަމަށެވެ. އެގޮތަށް މިސަރުކާރުން އަމަލުކުރުމުގެ ސަބަބުން ގެއްލުނީ ހަމައެކަނި 600 މިލިއަން ޑޮލަރު ނޫން ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރީގެ އެތައް ފުރުސަތުތަކާއި ނަފާތަކެއް ގެއްލިފައިވާ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.
އަމީން މިހެން ވިދާޅުވެފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށް މިއަދު ބާއްވާ ރަސްމިއްޔާތުގައި އޭ380ގެ މަތިންދާ ބޯޓެއް ޖައްސާތީ އެކަން ބޮޑު ކާމިޔާބަކަށް ހަދައިގެން ސަރުކާރުގެ އިސްވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ފާޑުވިދާޅުވަމުންނެވެ.