ފެނަކަ ކޯޕަރޭޝަންގައި މެނޭޖަރެއްގެ މަގާމުގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދިޔަ މުޙައްމަދު ޝިޔާމް ނަމަކަށް ކިޔާ މީހަކު، އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރުމާއެކު އެމަގާމުން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ޝިޔާމް ވަނީ 20 އަހަރު ވަންދެން ފެނަކައިގެ މެނޭޖަރެއްގެ މަގާމު އަދާ ކުރައްވާފައެވެ.
އެނގިފައިވާ ގޮތުގައި ސ. ހުޅުމީދޫ ބްރާންޗުގެ ފެނުގެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން ދިޔަ ޝިޔާމް، އެމަގާމުން ވަކި ކުރީ މިދިޔަ ހަފްތާގައި އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމަށް ށ. މިލަންދޫއިން އޭނާ، އިދިކޮޅު ބޭފުޅުންނަށް ތާއީދުކޮށް މަރުހަބާ ކިއުމަށް ދިއުމުންނެވެ.
މިމަހުގެ 12 ވަނަ ދުވަހު އިދިކޮޅު އިއްތިޙާދުގެ ގިނަ ބަޔަކު ށ. މިލަންދޫ އަށް ކުރި ދަތުރުގައި، ޝިޔާމް އެބޭފުޅުންނަށް ތާއީދު ކުރުމުން އެދުވަހު އޭނާއަށް ވަނީ ނޯޓިސް އެއްދީ، މަގާމުން ވަކިކޮށްފައެވެ.