ކޯލިޝަން ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތަކާ ބެހޭ އޮޑިޓެއް ހަދާނެކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ބޭއްވި "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް އިބޫ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޖަލުތަކަކީ އިންސާނުން ބައިތިއްބަން ހެޔޮވާ ވަރުގެ ތަންތަން ނޫން ކަމަށާއި ކޯލިޝަނެއްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ޖަލުތަކާ ބެހޭ އޮޑިޓެއްހަދައި ޖަލުގެ ހާލަތު ރަނގަޅު ކުރަން މަސަައްކަތް ކުރައްވާނެ ކަމަށެވެ.
ޖަލުތަކުގައި މީހުން މަރުވާ މައްސަލައަކީ ވެސް ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތައް ނުހިނގާނެ ކަހަލަ ގޮތަކަށް ޖަލުތަކުގެ ކަންކަން ތަރުތީބު ކުރުން މުހިއްމު ކަމަށްވެސް އިބޫ ވިދާޅުވި އެވެ.