ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެދުމަށް ކުރި މަސައްކަތް ކާމިޔާބު ކުރެއްވިއްޖެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 58ސ
ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެދުމަށް ކުރި މަސައްކަތް ކާމިޔާބު ކުރެއްވިއްޖެ: ރައީސް
މިސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމުގެ އަމާޒުގައި ކުރެއްވި މަސައްކަތްތައް ކާމިޔާބުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގެ 20 އިންސައްތައަކީ އަންހެނުން ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމާއެކު ދެވަނަ ދައުރު ނިމޭއިރު މިއަދަދު 50 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށެވެ.

މިއަދު މީ ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަހެއްކަން ފާހަގުރައްވާ ދިވެހިން ދެކެމުން އައި އެތައް ހުވަފެންތަކެއް ހަޤީޤަތަކަށް ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިންގެ ތަރިކައެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ޖައްސާފައިވާއިރު މިއީ މިސަރަހައްދުގައި މިބޯޓު ޖެއްސި ދެވަނަ ޤައުމު ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން މަހްރޫމްވެފައި ހުރި އެތައް ޚިދުމަތްތަކެއް ހުރިއިރު ހަމަނުޖެހުން އިސްކުރުމުގެ ބަދަލުގައި އެކަންކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި މުޅި ރާއްޖެ ފަސާދަ ކުރުމަކުން ނުވަތަ ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންނަމެސް ރައްޔިތުންނަށް މިކަންކަން ފޯރުކޮށްދިނުމަށްޓަކައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން މިކުރާ މަސައްކަތަކީ ސިޓީތައް ބިނާ ކުރުން ކަމަށާއި، ސިޓީތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުން ކަމަށެވެ.

މިސަރުކާރުން ކޮށްފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުގައި 130 ރަށެއްގައި ބަނދަރު ހަދައިދެވިފައިވާކަމާއި، ރާއްޖޭގެ 75 އިންސައްތައަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމާއި، ރާއްޖޭގެ 58 އިންސައްތައަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށް ދެވިފައިވާކަމާއި، ކޮންމެ ރަށެއްގައި ބޭސްފިހާރައެއްގެ ޚިދުމަތްދެވޭ ކަމާއި، މުޅި ރާއްޖޭގައި 12 އެއަރޕޯޓް އެޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި ފެނާއި ކަރަންޓް ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު ހެޔޮކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒުވާނުންނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް އެންމެ ދަތިވެފައި ވަނީ ވަޒީފާގެ ފުރުސަތު ހޯދުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރަކީ ޒުވާނުންގެ ސަރުކާރެއްކަމަށާއި، ޒުވާނުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓީ އިޢުލާނު ކުރައްވާފައެވެ.
މިއަދު އޮންލައިން