މުޅި ރާއްޖެ އެދޭ ބަދަލު 23 ސެޕްޓެމްބަރުގައި ގެނެވޭނެ ކަމަށާއި އެ ބަދަލުގެ ތެރެއިން ރާއްޖޭގައި އެއާކޮންޑިޝަން ކުރެވެން ހުރި ހުރިހާ މިސްކިތްތަކެއް އެއާކޮންޑިޝަން ވެސް ކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ފުވައްމުލަކަކީ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އެރަށަކަށް ނިޞްބަތްވާ ރަށެއް ކަމަށާއި އަދި ގިނަ އަދަދެއްގެ ޙާފިޛުން އުފައްދާފައިވާ ރަށެއް ކަމަށެވެ.
އިބޫ ވިދާޅުވީ ފާއިތުވި 25 އަަހަރުވެސް ދައްކަވާފައިވާނީ އެމަނިކުފާނުގެ އަޞްލު ސޫރަ ކަމަށާއި އެއީ ބަދަލުވާނެ ސޫރައެއް ނޫން ކަމަށެވެ.
"ހަމަގައިމުވެސް އޮޅުވާލާފަ ރައްޔިތުންނަށް އެއްވެސް ދެރައެއް ލިބޭނެ އެއްވެސް ކަމެއް އަޅުގަނޑު ނުކުރާނަން. މިރޭވެސް ތަކުރާރުކޮށް މިދަންނަވަނީ ތިބޭފުޅުންގެ ލޯލާރިއެއްގަވެސް އަޅުގަނޑު ނުޖެހޭނަމޭ." ވިދާޅުވެ ރައްޔިތުންގެ ފައިސާއަށް ފުރިހަމައަށް އަމާނާތްތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އިބޫ މިރޭ ވެސް ވަނީ ދެއްވައިފައެވެ.