ފުވައްމުލަކުގެ ތާއީދު ބޮޑުތަނުން އޮތީ ކޯލިޝަނަށް ކަމަށް ވިދާޅުވެ ރަނިންމޭޓް ފައިޞަލް ނަސީމ ރައީސް ޔާމީނަށް ޗެލެންޖު ކުރައްވައިފިއެވެ. "އަޅުގަނޑު ވަރަށް ސާބިތުކަމާއިއެކު ޗެލެންޖުކުރަން. ފުވައްމުލަކުގެ ތާއީދު ބޮޑުތަނުން އޮތީ ގުޅިފައިވާ ކޯލިޝަނަށް. ކުރި ހޯދަން ލާހިކެއް ނޫން."
ފައިޞަލް ވިދާޅުވީ މިވެރިކަމުގެ 5 އަހަރަކީ ހުރިހާ ގޮތަކުން ވެސް ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއަ 5 އަހަރު ކަމަށެވެ.
އެގޮތުން ހޮސްޕިޓަލުވެސް ވަނީ 5 އަހަރު ފަހަތަށް ޖެހިފައި ކަމަށާއި މަސައްކަތްކޮށްފައިވަނީ ތައުލީމީ ނިޒާމު ފުނޑާލަން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރީ ރަށް ބައިބައިކުރަން ކަމަށެވެ.
ފުވައްމުލަކަށް ވައިގެ މަގުން ހެޔޮ އަގުގައި ދަތުރުކުރެވުމުގެ މުހިންމުކަން ފާހަގަކުރައްވައި ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގެ ފުރަތަމަ ދުވަހުވެސް ފުވައްމުލަކުގެ އެއާޕޯޓް ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއާލައިންތަކަށް ހުޅުއްވައި ލައްވާނެ ކަމަށެވެ.