ވޯޓަކީ ނޫޓަށް ގަނެވޭ އެއްޗެއް ނޫންކަން 23 ސެޕްޓެމްބަރުގައި ރައްޔިތުން ނުކުމެ ސާބިތުކަމާއިއެކު ދައްކައިދޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ހިތާނުވާކަމަށް ބުނީމާ ފަހަތުން މައްލަވަކުރަމުން ދުވުމަކީ ތަހުޒީބު މުޖުތަމައުއެއްގައި ކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ.
އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ނުކުރާނެކަމަށް ރައްޔިތުން ބުނެ އެކަން އަންގައިފި ކަމަށާއި ރައްޔިތުން އެގޮތަށް ނިންމުމުން ތަންތަނަށް އެއްވެ ތިމަން މަނިކުފާނަށް ވޯޓު ދޭށޭ ބުނުމެއް ނެތް ކަމަށެވެ. އަދި އެގޮތަށް ބުނުމަކީ ތަހުޒީބީ ޒަމާނެއްގައި ކުރާޒާތުގެ ކަންކަން ނޫން ކަމަށެވެ. ރަނގަޅު ގޮތަކަށް ވާނީ އަވަހަށް ދުރަށް ވަޑައިގެން ރައްޔިތުންނާއި ވެރިކަން ހަވާލުކުރެއްވުން ކަމަށެވެ.
"ރައީސް ޔާމީން ޤަބޫލަސް ނުޤަބޫލަސް 23 ސެޕްޓެމްބަރުގަ އެކަން ރައްޔިތުން ހާމަކުރާނެ." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.