މިންވަރު ދޯނިން ދިވެއްސަކު ކަނޑަށް ވެއްޓިގެން ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
މިންވަރު ދޯނިން ދިވެއްސަކު ކަނޑަށް ވެއްޓިގެން ހޯދަނީ
އއ. ސަފާރީ އައިލެންޑް ރިސޯޓު (މުށިމަސްގަލި) އިން މާލެ ދަތުރުކުރަމުން ދިޔަ "މިންވަރު" ނަމަކަށް ކިޔާ ދޯންޏަކުން ދިވެއްސަކު ކަނޑަށް ވެއްޓުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާގެ މައުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިރޭ 21:28 ހާއިރު ކަމަށެވެ.
ގެއްލުނު މީހާއާއެކު އެދޯނުން ތިން މީހަކު ދަތުރުކުރި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއަދު އިރުއޮއްސި 18:30 ހާއިރު ކަނޑަށް ވެއްޓި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނަކަށް ހުރި ށ. ބިލެޓްފަހި/ކްރެސްޓް، އަލީ ފައުޒާން (25އ.) އެވެ. ކަނޑަށް ވެއްޓުނުއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ އަންނައުނެއް ކަމަށާއި ފައުޒާން ގެ އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެނއޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި ސިފައިންގެ ޑައިވަރުންނާއިއެކު ފައުޒާން ހޯޑުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަށް އެމްއެންޑީޢެފް ކޯށްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް މައުލޫމާތު ދެއްވުމަށް އެދިފައިވެއެވެ.
މިއަދު އޮންލައިން