މާތްﷲގެ ވާގިފުޅާއިއެކު ބަރަކާތްތެރިވެގެންވާ މިމަހުގެ 24 ވިލޭރޭގެ ހަނދު އުދަރެހުން އަރާނީ ރައްޔިތުން އެދޭ ކާމިޔާބު ލިބި އުފާވެރި ހިނިތުންވުން ރައްޔިތުންނަށް ގެނެސްދެމުން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 170،000 ވޯޓު މިހާރުވެސް ވަނީ ހަމަވެފައި ކަމަށާއި މާތް ﷲ ގެ ވާގިފުޅާއިއެކު އާދީއްތަ ދުވަހަކީ އެކަން ރައްޔިތުންގެ ވޯޓުން އެނގިގެން ދާނެ ދުވަސް ކަމަށެވެ.
އިބޫ ވިދާޅުވީ މި ނަތީޖާ މިލިބުނީ ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ވަބާތަކުން ޤައުމާއި ރައްޔިތުން ސަލާމަތް ކުރަން 4 ލީޑަރުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އެކަމުގެ ސަބަބުން ޤައުމު މިހާރު ދެކެމުން މިދަނީ ދިވެހި ޤައުމު މިހައި ތަނަށް ދެކެފައިވާ އެންމެ ބޮޑު ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސްތައް ކަމަށެވެ.
އިބޫ މިރޭވެސް އެންމެ ބޮޑަށް ސަމާލުކަން ދެއްވީ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވުމަށެވެ. އެގޮތުން އެންމެ ބޮޑު ޔަޤީންކަން ދެއްވީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރައްވައި ދިވެހި ޤައުމުގެ އެންމެހައި ކަންކަން ހަމަހަމަކަމާއިއެކު ނޫނީ ނުކުރައްވަވާނެ ކަމަށެވެ. އަދި ފިކުރަށް ކުލައަށް ނުވަތަ އެނޫންވެސް ކަމަކާއި ގުޅިގެން ހަމަ އެކަކުވެސް ބާކީ ނުކުރައްވައި އެންމެންނަށް ހަމަހަމަކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
އިބޫގެ ވާހަކަފުޅު (އޯޑިއޯ)